ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދެ އިންތިހާބު އެއްކޮށްލާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިިވެވަޑައިގަތް 73 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓުދެއްވައިގެންނެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މި ބިލް ފާސްކުރަން ވޯޓު ދެއްވި އެވެ.

އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި ހަމަ އެކަނި މެންބަރަކީ އައްޑޫމީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނެވެ.

މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ހިނގި ޒުވާބެއްގެ ތެރެއިން ނަން އިއްވައި ތަޅުމުން ނެރެފައި ވާތީ އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުންނަށް ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވުނު އިރު ބައިވެރިވެވޭ ގޮތަށް ތިއްބެވި މެންބަރުން ވެސް ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ދިރާސާކުރުމުގެ މަރުހަލާގެ ތެރެއިން ބަންޑާރަ ނައިބާއި އިލެކްޝަން ކޮމިޝަން އަދި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދި އެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. 

އެމަނިކުފާނު ވިދާޅުވެފައިވަނީ ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އޭރުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށެވެ.

"ރައްޔިތުންގެ މިގޮތަށް ނިންމަވައި ދެއްވައިފިއްޔާ ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ދެން 2028 ވަނަ އަހަރު މި ދެ އިންތިހާބު އެކު އެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް،" ރައީސް ވިދާޅުވި އެވެ. 

ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު އެމްޑީޕީން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. އެ ޕާޓީން ވަނީ ކޮމިޓީ ވެސް ބޮއިކޮޓްކޮށްފަ އެވެ. އަދި މިކަމަށް ދެކޮޅު ހެދުމުގެ ގޮތުން އިހުތިޖާޖަށް ނުކުންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.