ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލުގެ ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސް "ބޮޑު ޒުވާބަކަށް" ބަދަލުވެ، އިދިކޮޅު އެމްޑީޕީގެ މެމްބަރުންތަކެއްގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ.

ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އެ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. އަދި ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ރިފަރެންޑަމް ބާއްވާނީ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައި ކަމަށް ކަނޑައަޅައި، ކޮމިޓީން އެ ބިލު ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހެޅި އެވެ.

އެ ރިޕޯޓަށް ކުރި ބަހުސް ފެށުމާ އެކު އެންމެ ފުރަތަމަ ނުރުހުން ފާޅުކުރައްވަން ފެށްޓެވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ. މަޖިލީހުގެ ގަަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތް ދެއްވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ އިއްވެވީ އޭނާގެ ނަމެވެ.

އޭގެފަހުން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ނުރުހުން ފާޅުކުރަން ފެށްޓެވީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ފުރަތަމަ ފުރުސަތަށް އެދިފައި ވަނިކޮށް، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހަށް ފުރުސަތު ދެއްވި ކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެގޮތަށް ނިންމެވީ މެންބަރު ޒިޔާދު ފުރުސަތަށް އެދިވަޑައިގެންނެވުމަށްފަހު އެކަން ކެންސަލް ކުރައްވާފައި ވާތީ ކަމަށެވެ.

އެހިސާބުން ނިޒާމު ގެއްލި މަޖިލީހުގެ އެމްޑީޕީ މެންބަރުން އަޑުގަދަ ކުރަން ފެށުމާއެކު، ޕީއެންސީ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ބޮޑު ޒުވާބެއް ހިނގި އެވެ.

އެހެން ނަމަވެސް ރިޔާސަތުން ނަން އިއްވައި ތަޅުމުން ނުކުންނަން އެންގެވީ މެމްބަރު ޒިޔާދާއި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމާއި ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރަށެވެ.

ނަން އިއްވެވި ނަމަވެސް އެ މެންބަރުން ނުކުމެވަޑައިނުގަންނަވާތީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށް އެ މެންބަރުން ނެރުމަށްޓަކައި މަޖިލީހުގެ ޖަލްސާ މިއަދު މެދު ކަނޑާލި އެވެ.