އެއް ކަމަކަށް ތަކުރާރުކޮށް ޕެޓިޝަން ހުށަނޭޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް މާއްދާ އުވާލީ ރައްޔިތުންނަށް ދޭ ފުރުސަތު އިތުރުުކުރަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދު ދެއްވައިފި އެވެ.

ކައުންސިލްތަކުގެ އިހުތިސާސްގައި ހުންނަ ބިންތައް، ތަރައްގީގެ މަޝްރޫއުތައް ހިންގަން ސަރުކާރަށް ނެގޭ ގޮތަށް ލާމަޒުކަޒީ ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވާ ބިލު ފާސް ނުކުރަން ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންގެ ބަހުސްގައި އަބްދުއްރަހީމް ރައްދުދެއްވީ ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށެވެ. އެ ޕެޓިޝަނުގެ ބަހުސްގައި މީކާއީލް ވިދާޅުވީ ރައްޔިތުން ހުށަހެޅި ކަމަކަށް މަޖިލީހުގައި ބަހުސްކުރަން ތައްޔާރުވަމުން އަންނަ އިރު، މަޖިލީހުގައި އެ ބަހުސް ކުރިޔަނުދޭން ސަރުކާރުން އެކަމަށް ހުރަސްއަޅަން މަސައްކަތްކުރާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. 

އެ ބަހުސަށް ހުރަސްއަޅަން ސަރުކާރުން މަސައްކަތްކުމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

މީކާއީލްގެ އެ ވާހަކައަށް ރައްދެއްވަމުން އަބްދުއްރަހީމް ފުރަތަމަ ވިދާޅުވީ މީކާއިލް އެ ވަގުތު ވެސް ބަހުސްކުރައްވަމުން ގެންދެވީ ރައްޔިތުން ހުށަހަޅާފައިވާ ޕެޓިޝަނަކަށް ކަމަށެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ތަޅުުމުގައި ބަހުސްކުރާނީ 2،100 އަށް ވުރެ ގިނަ މީހުން ސޮއިކުރާ ޕެޓިޝަން ތަކަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ބަހުސްކުރީ އެ އަދަދަށް ސޮއި ހަމަވި ފުރަތަމަ ޕެޓިޝަނަށެވެ. 

"އަޅުގަނޑުމެންނަށް މި ފާހަގަވަނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން އިނިޝިއޭޓްކޮށްގެން، އެ މީހުންގެ ފަރާތުން އަންނަ ބަހުސެއް ކުރަން ތައްޔާރުވަމުން އަންނަ އިރު ސަރުކާރުން، އާރާއި ބާރާއި ސުޕަ މެޖޯރިޓީ އޮތް ސަރުކާރަކުން، އިއްޒަތްތެރި ރައީސް، އެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ކުރިޔަނުދޭން، އެ ބަހުސް ހުއްޓުވަން އެ ބަހުސަަށް ހުރަސް އަަޅަން ކުރަމުންދާ މަސައްކަތް،" މީކާއީލް ވިދާޅުވި އެވެ.

އެއާ އެކު މަޖިލީހުގެ ގަވައިދު ކުއްލިއަކަށް ބަދަލުކުރީ ސަރުކާރު ހިންގާ ޕާޓީން ޕެޓިޝަނެއް ހުށަހަޅަން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮންނަ އިރު އެގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ ކޮބައިތޯ އޭނާ ސުވާލުކުރެއްވި އެވެ.

"ހަމަ ރަނގަޅަށް އިއްޒަތްތެރި މެންބަރަށް އެނގިވަޑައިގަންނަވާނެ ދެންމެ ތިޔަ ބަހުސް ކުރެއްވީ ރައްޔިތުން ހުށަހެޅުއްވި ޕެޓިޝަނަށް. އެ ޕެޓިޝަނަށް ތިޔަ ބަހުސްކުރައްވަމުން ގެންދަވަމުން ތިޔަ ވިދާޅުވަނީ އެ ޕެޓިޝަނަށް ބަހުސްކުރުމާ ދެކޮޅު ހަދަނީއޭ. އެހެންވީމާ އެއީ ރައްޔިތުންނަށް ވަަރަށް ބޮޑަށް އޮޅުވާލެވެނީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލުން ފުރުސަތު ލިބެނީ ހަމަ އެކަނި ޕީއެންސީއަށް ނޫން ކަމަށާއި އެންމެނަށް ވެސް ފުރުސަތު ލިބޭ ކަމަށެވެ. 

" ހަމަ ހުރިހާ ފަރާތްތަކަށް އިތުރު ފުރުސަތު ފަހިވެގެން ދަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރިޕީޓްކޮށް އެއްކަމެއްގައި ނުވަތަ އެއް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިިލިހުގެ ގަވާއިދު ބަދަލުކުރީ މިދިޔަ އަންގާރަދުވަހު އެވެ. އެގޮތަށް ބަދަލުކުރި ފަހުން ވަނީ، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު އެ އޮތް ގޮތަށް ފާސްކުރަން ގޮވާލައި ހެދި ޕެޓިޝަނަށް ވެސް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ޖެހޭ ވަރަށް ސޮއި ހަމަކޮށްފަ އެވެ.