ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ކުރަން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. 

ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅައިފަ އެވެ. އެ ބިލު ދިރާސާކޮށް ނިންމައި، މިއަދު ކޮމިޓީން ބިލަށް ވޯޓަށް އެހި އެވެ. އެ ވޯޓުގައި ބިލު އޮތް ގޮތަށް ފާސްކުރީ ކޮމިޓީއަށް މިއަދު ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 

މި ބިލު ފާސްކުރަން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ދިރާސާކުރުމުގެ މަރުހަލާގެ ތެރެއިން ބަންޑާރަ ނައިބާއި އިލެކްޝަން ކޮމިޝަން އަދި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދި އެވެ. 

ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. 

އެމަނިކުފާނު ވިދާޅުވެފައިވަނީ ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އޭރުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށެވެ.

"ރައްޔިތުންގެ މިގޮތަށް ނިންމަވައި ދެއްވައިފިއްޔާ ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ދެން 2028 ވަނަ އަހަރު މި ދެ އިންތިހާބު އެކު އެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް،" ރައީސް ވިދާޅުވި އެވެ. 

ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު އެމްޑީޕީން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. އެ ޕާޓީން ވަނީ ކޮމިޓީ ވެސް ބޮއިކޮޓްކޮށްފަ އެވެ. އަދި މިކަމަށް ދެކޮޅު ހެދުމުގެ ގޮތުން އިހުތިޖާޖަށް ނުކުންނާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.