ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަނަށް ކުރިމަތިލާން ދިން މުއްދަތު މިއަދު ހަމަވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ މިއަދު މެންދުރު ފަހު 3:00 އަށް އެ މުއްދަތު ހަމަވިއިރު، ބައި އިލެކްޝަންގައި ވާދަކުރަން ފޯމު ހުށަހަޅާފައި ވަނީ ދެ ކެންޑިޑޭޓެކެވެ.
އެއީ، އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ހުކުމް ކުރުމާ އެކު، އެމްޑީޕީން އާއި ޕީއެންސީން ވެސް ވަނީ އެ ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓުން ހޯދަން އިއުލާންކޮށްފަ އެވެ.
ބައި-އިލެކްޝަނަށް އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ ޓިކެޓު ދިނީ ސޯބެއަށެވެ.
ސައީދާ ވާދަކޮށް، ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު ސިނާން ޓިކެޓު ދޫކޮށްލެއްވުމުން، އެ ފުރުސަތު ސައީދަށް ދޭން އެ ޕާޓީން ނިންމީ އެވެ.
ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.
އެކަންކަމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވަމުން ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކިކަން ސާބިތުވާތީ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަން ބާއްވަނީ އަންނަ މަހު ހައެއްގަ އެވެ.