ޕީއެންސީގެ ސަރުކާރު 10 އަހަރު ނުވަތަ 15 އަހަރަށް ދެމިގެން ގޮސްފިނަމަ ޑޮލަރު ރޭަޓް 10ރ. އަށް ދަށްވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދިޔައީ ފައިސާ ޗާޕްކުރުން ހިމެނޭ ގޮތުން އެމްޑީޕީގެ ސަރުކާރުގައި ތަންފީޒުކުރި އިގުތިސާދީ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި އޭރު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލިފައިވާއިރު، ލޯނުތައް ނަގައިގެން ފައިދާހުރި ކަމެއް ކޮށްފައިނުވާ ކަަމަށް ވެސް އޭނާ ތުހުމަތު ކުރެެއްވި އެވެ.

"ތާކުންތާކު ނުޖެހޭ ގޮތަށް އިގުތިސާދީ ކަންތައްތައް ކުރީމާ ވާނީ މިހެން. އިއްޒަތްތެރި ރައީސް، މިއީ ޑޮލަރަށާއި އޭތި މީއްޗަށް ބަދަލު އަންނަ ސަބަބު. އަޅުގަނޑުމެންގެ މި ވެރިކަން އިރާދަފުޅުކުރެއްވިއްޔާ ދެމިގެން މިހެން ގޮސް ދުވަސްތަކަކަށް، 10 ވަރަކަށް 15 ވަރަކަށް އަހަރަކަށް ދެމިގެން ގޮސްފިއްޔާ ޑޮލަރު ހުންނާނީ 10 އަކަށް، 10 ގައި" ފަލާހު ވިދާޅުވި އެވެ.

ޑޮލަރު ލިބުން ދަތިވެ ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލާގައި ކުރި ތުހުމަތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަސްމީ ރޭޓްގައި ދޫކުރި ޑޮލަރަށް ވުރެ 80 ޕަސެންޓް އިތުރަށް 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ 13 މެންބަރަކު ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި މަޖިލީހަށް ޖަވާބުދެއްވަމުން މިއަދުގެ ޖަލްސާގައި ސައީދު ވިދާޅުވީ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާބެހޭ ސިޔާސަތުތައް ކަނޑައަޅަން ގާނޫނުގައި ލާޒިމުކޮށްފައި އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ. ނަމަވެސް އެކަމުގައި އޭނާއާ ސުވާލުކުރާތީ ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެ އޭނާ ހުށަހެޅުއްވީ ތަފާސްހިސާބުތަކެކެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަަނަ އަހަރުން ފެށިގެން އެ ސަރުކާރު ނިމުމާ ހަމައަށް ރަސްމީ ރޭޓުން ދޫކޮށްފައި ވަނީ 1.75 ބިލިއަން ޑޮލަރެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިވީ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ރަސްމީ ރޭޓުން ދޫކުރި ޑޮލަރުގެ އަދަދަކީ 1.9 ބިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.