ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ފަލާހް: އެސްއީޒެޑްގެ ގާނޫނަށް ގެންނަ އިސްލާހުގެ މަސައްކަތް ކޮމެޓީން މިއަދު ނިންމާނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މަޖިލިސް
04 ނޮވެމްބަރ 2025 - 12:44
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ހެދޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ ކޮމިޓީ މަރުހަލާ މިއަދުން މިއަދަށް ނިންމަން މަސައްކަތް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން މަސައްކަތް ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސަށްފަހު ބިލު ދިރާސާކުރަން މިއަދު ފޮނުވީ މުޅި މަޖިލިސް ހިމެނޭ ކޮމެޓީއަށެވެ. މަޖިލީހުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ބާއްވާ މުޅި މަޖިލީހުގެ ކޮމިޓީއަކީ އާއްމުކޮށް ބޮޑެތި ކަންކަން ނިންމާ ކޮމެޓީއެކެވެ.
އެސްއީޒެޑް ގާނޫނަށް ގެންނަ އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކުރަން މިއަދު ކުރިއަށް ގެންދާ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުމުގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ މިއަދުގެ ކޮމެޓީގެ ބައްދަލުވުން ނިންމާލާނީ އެ ބިލުގެ މަސައްކަތް ނިންމާފައި ކަމަށެވެ. އަދި މިރޭ ފަތިސް ވަންދެެން މަސައްކަތް ކުރަން ޖެހުނަސް ޕީއެންސީގެ މެމްބަރުން ތިބީ އެ މަސަައްކަތް ނިންމަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ 75 މެންބަރުންގެ ސުޕަ މެޖޯރިޓީ މި މަޖިލީހުގައި އެބަ އޮތޭ. މާތް ﷲ އިރާދަކުރެއްވިއްޔާ މި ބިލު މި ކޮމިޓީން ނިންމާފައި މިއަދު މަޖިލިސް ނިންމާނީ. މައްސަލައެއް ނެތް މިރޭ ފަތިސް ވިޔަސް ނިންމާނަން މި ބިލް އިރާދަކުރެއްވިއްޔާ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު އެގޮތަށް ވިދާޅުވީ އެ ބިލާ މެދު ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންގެ ހިޔާލާއި މަޝްވަރާ ހޯދަން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވުމުންނެވެ. މީކާއީލް ހުށަހެޅުއްވީ އެ މަޝްވަރާތަކާއެކު ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިންމުމަށެވެ.
ނަމަވެސް ފަލާހު ތުހުމަތު ކުރެއްވި ގޮތުގައި އެއީ ބިލުގެ މަސަައްކަތް ލަސްކުރަން ހުށަހެޅި ހުށަހެޅުމެކެވެ.
އެ ބިލުގައި އެސްއީޒެޑް ގާނޫނަށް ގެންނަން ހުށަހަޅާފައި އޮތް އެންމެ ބޮޑު ބަދަލަކީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭނެ ސަރަހައްދުތަކުގެ ބާވަތްތަކަށް ގެންނަ ބަދަލެވެ. އެސްއީޒެޑްގެ ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ގާއިމް ކުރެވޭނީ ސިނާއީ ސަރަހައްދުތަކެވެ. ނަމަވެސް ޝުޖާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މާއްދާއަށް ނަންބަރެއް އިތުރުކޮށް، "ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ކެޓަގަރީއެއް އިތުރު ކުރުމަށެވެ.
ބިލުގައި އޮތްގޮތުން، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ގާއިމްކުރާ ސަަރަހައްދުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އެ ދެ ބާވަތުގެ ވަސީލަތްތަކާއެކު ގާއިމްކުރާ އެ ސަރަަހައްދު މެނޭޖްކުރާނީ އެއް މެނޭޖްމަންޓަކުން ކަމަށް އެ ބިލްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް ބަރަކޫޑާ
04 November 2025
އެސްއީޒެޑު ނަމުގައި ޓުއަރިޒަމް ޒޯނު ފޮތިފޮތި ކޮށް "އިންވެސްޓްމެންޓް ޓުރާންފަރ ފައިސާ 4 ޕަސެންޓު ވަންޓައިމް ލާރިކޮޅަކަށް ވިއްކާލުމަކީ ނ އަތޮޅު ޓޫރިޒަމް ޒޯންގެ ވިޔަފާރި ބޭނުން ގޮތަކަށް މޮނޮޕޮލީކުރަން ވިއްކާލުން ، ނ އަތޮޅު ޓޫރިޒަމް އިސްތއުމާރު ކުރުން .
ހާސަރު
04 November 2025
މިފަދަ މުހިންމު ބިލްތަށް މިހެން އަވަސްްއަރައިގަނެގެން ނިންމާތީއޭ ޝައްކުގެ ނަޒަރުން ބެލެނީ.
އައްޑޫކޮއްޔާ
04 November 2025
މިއީ އައްޑޫ ހުޅުދޫ-މީދޫ ޑުބާއީ އަށް ބަދަލުކުރަން އަވަސް އަރުވާލައިގެން މިރެއިން މިރެއަށް ނިންމާ ބިލެއްހެން ހާދަހީވެޔޭ.