ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ބުނެދިނީ "ބައެއް ކަންތައްތަކަށް ބަދަލުތައް ގެންނަން ޖެހޭނެ" ވާހަކަ ކަމަށާއި އެ ބަދަލު ގެނައުމުގެ ހިތްވަރު ޕީއެންސީގައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެެ.

ބިމާބެހޭ ގާނޫނަށް ބަދަލެއް ގެންނަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝުޖާއު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ނިންމި ނިންމުން، ރައީސް ޑރ.މުހައްމަދު މުއިއްޒު ހިތްޕުޅުހެޔޮކަމާ އެކު ގަބޫލު ކުރައްވާފައިވާ ކަމަށެވެ. އަދި އެއާ އެކު އެމަނިކުފާނުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަން އިއުލާން ކުރައްވާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން އަޅުގަނޑުމެންނަށް [ޕީއެންސީ އަށް] ރައްޔިތުން ބުނެދިނީ ބައެއް ކަންކަމަށް ބަދަލުގެންނަން ޖެހޭނެ ކަމަށް، އެ ބަދަލުތައް، އަޅުގަނޑުމެން ސާބިތުކަމާ އެކީ ގެނައުމުގެ ހިތްވަރު މި ޕާޓީގައި އެބަހުރި،" ޝުޖާއު ވިދާޅުވި އެވެ.

އެއާ އެކު އިދިކޮޅު އެމްޑީޕީގެ އެތެރޭގައި އުފެނުނު ނުތަނަވަސްކަމާ ގުޅުވައި ޝުޖާއު އެކަމަށް ވެސް ފާޑު ވިދާޅުވި އެވެ. އަދި އެއީ އެމްޑީޕީގެ ތެރޭގައި އަމާޒެއް ނެތުމުން  ވީގޮތް ކަމަށްް އޭނާ ސިފަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ގަބޫލު ކުރަނީ އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރެެއިން ބަދަލު ގެންނަން ޖެހޭ ސިޔާސަތެއް ވާނަމަ އެ ބަދަލު އަޅުގަނޑުމެން ގެންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން އަޅުގަނޑުމެން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާއާ މެދު ބޮޑާވެގެން އެކަމުގެ މައްޗަށް ގަދަބަަސް ނުބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. 

"ގޮނޑިތައް ހޯދުމާއި ކާމިޔާބީ ހޯދުމަކީ އޭގެ މައްޗަށް ރައްޔިތުން ކިބުރުވެރި ވާންވީ ކަމެއް ނޫން،" ޝުޖާއު ވިދާޅުވި އެެވެ. 

ޕީއެންސީގެ ސިޔާސަތުތަކަށް އެކަމަކު ބަދަލު ގެންނާނީ ރައްޔިތުންގެ ވިންދާއި ރައްޔިތުން ނިންމި ނިންމުމަށް ރިއާޔަތްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.