ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށް މީގެ ކުރިން ވިދާޅުވެފައިވީ ނަމަވެސް، އެކަން ބަދަލު ކުރައްވައި، ދެ އިންތިހާބު އެކުގައި ބޭއްވުމާ އެމްޑީޕީން ދެކޮޅު ހަދަން ނިންމާފައިވާ ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކަން ހާމަކުރައްވައިފި އެވެ. 

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވުމާ އެކު ނަޝީދު މިދިޔަ ޖެނުއަރީ ހަތަރު ވަނަ ދުވަހު އެކްސްގައި ވަނީ އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. 

ނަމަވެސް، އެމްޑީޕީގެ މިހާރުގެ އަދި ކުރީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ގުރޫޕަކަށް ނަޝީދު ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި އެ ޕާޓީގެ ނިންމުމަށް އެ މަނިކުފާނު ވެސް ތާއީދު ކުރައްވާ ކަމަށެވެ. އެމްޑީޕީން ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ކަން ހާމަކޮށް، އެކަމަށް ނަގާ ވޯޓު ހުއްޓުވަން ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. 

"ރިފަރެންޑަމްގައި ނޫނެކޭ ބުނަން ތައްޔާރު،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރާ ހަރަދު ބޮޑެއް ނޫން ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ޓެކްސް ނިޒާމު ގާއިމްކޮށް، ދައުލަތުގެ އާމްދަނީ އިންތިހާއަށް އިތުރުވުން ކަމަށެވެ. މިއަދު ޓެކްސް އާމްދަނީ ހުރީ 30 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"އިންތިހާބުތައް ބާއްވާ ރައްޔިތުންގެ ބައިވެރިވުން އިތުރުވުމަކީ ތަރައްގީ އަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބު،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ކުޑަ ކުރާ އެއްވެސް ކަމަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ކަމަށެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. 

ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ.