ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކުގައި ބާވަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު، ނަގަން ތާވަލުކޮށްފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން އިދިކޮޅު އެމްޑީޕީން ކޯޓަށް ދާން ނިންމައިފި އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ބެހޭ ވޯޓު ނެގުމާ ދެކޮޅަށް މަސައްކަތް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އެކަމަށް އެ ޕާޓީން އެކުލަވައިލި ޓާސްކްފޯހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ފެންނަ ނުފެންނަ ވޯޓު ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު އޮތީ ދެ އިންތިހާބު އެއްކޮށްލުމަށް ޓަކައި ގާނޫނަށް ގެނައި ބަދަލާ ހިލާފަށް ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ފާހަގަކުރެވިގެން އެ މައްސަލަ އެމްޑީޕީން މިއަދު ކޯޓަށް ވައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަދި އޭގެ ކުރިން، އެ ގަރާރަށް ގޮތެއް ނިންމުމުގެ ކުރިން، އެއާ މެދު ވަގުތީ އަމުރެއް އެބަ ނެރެން ޖެހޭ މި ވޯޓުލުމުގެ ކަންތައް ހުއްޓުވުމަށް ޓަކައި. އެހެން ނޫން ކަމަށް ވާ ނަމަ، ދިވެހިރައްޔިތުންނަށް، މި ދިވެހިރާއްޖެ އަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެތީ،" މައުރޫފް ވިދާޅުވި އެވެެ.

އޭނާ ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުން ހުއްޓުވުމަށް ޓަކައި އެމްޑީޕީން އެ ނޫން ވެސް އެތައް މަސައްކަތެއް ކުރަމުން ގެންދާނެ އެވެ. މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިން ހަރަކާތްތަކާއި އަންނަ މާޗް މަހު ބާއްވާ ބޮޑު އެއްވުމެއް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ދެ އިންތިހާބު އެއްކޮށްލާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. 

ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ. 

އެއާ އެކު، ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވާނެ ކަމަށް ޕީއެންީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވި އެވެ.