ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދަނީ ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ 12 މެމްބަރުންގެ މުސާރަ ހަ މަސް ދުވަހުގެ މުއްދަތަށް އުނިވާނެތީ ކަމަށް ސަރުކާރު ހިންގާ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ގދ. ތިނަދު އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ހަފުލާގަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ފަލާހުގެ ވާހަކަ ބޮޑަށް އަމާޒު ކުރެއްވީ އިދިކޮޅު އެމްޑީޕީ އަށް ބަހުގެ ހަމަލާތައް ދެއްވުމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި މިހާރު "އިިދިކޮޅު ޕާޓީއެއް ނެތް" ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުން އެކަން އެނގޭ ކަމަށެވެ.
ލޯކަލް އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ މަގާމު ވެސް ފުރުއްވާ ފަލާހު ވިދާޅުވީ، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން އެ އިންތިހާބުގައި 450 ގޮނޑިއަކަށް ވާދަނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، 1،352 ގޮނޑީގެ ތެރެއިން 450 ގޮނޑި އަށް އެމްޑީޕީން ވާދަނުކުރަނީ "ކެންޑިޑޭޓުން ނުލިބިގެން" ނެވެ.
"މިހާރު ވެސް ބަލިވެއްޖެ ނޫންތޯ؟ އެއީ ޕަސެންޓަށް ބަލައިފިއްޔާ ގާތްގަނޑަކަށް ތިރީހަކަށް ޕަސެންޓު ގޮނޑި އަށް ވާދަނުކޮށް އެމްޑީޕީން މި އޮތީ،" ފަލާހު ވިދާޅުވި އެވެ.
"މި ވަރުން ވެސް ދިވެހި ރައްޔިތުންނަށް، އެމްޑީޕީ އަށް އެބަ ވިސްނަންޖެހޭ އެމްޑީޕީގެ ތާއީދު ދިވެހިރާއްޖޭގައި ދަށަށް ގޮސްފައި އޮތް ވަރު."
އިނގުރައިދޫގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ، ޒިންމާދާރު މަސައްކަތްތަކެއް ކުރާ އިިދިކޮޅު ޕާޓީތައް ރާއްޖެ އަށް ބޭނުންވާ ކަމަށެވެ. އެކަމަކު، އެމްޑީޕީ އަށް ވެގެން އުޅޭ ގޮތަކީ އޭނާ ވިދާޅުވި ގޮތުގައި 2008 އިން ފެށިގެން ރާއްޖޭގެ އިޖުތިމާއީ، އިގުތިސާދީ ކަންކަމާއި "ދައުލަތަށް ދީފައި ހުރި ގެއްލުންތަކާއި" އަދި "ދޮގު ވާހަކަތަކާ ހެދި" ރައްޔިތުންގެ ތާއީދު އެ ޕާޓީ އަށް ގެއްލުނީ އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެެމްޑީޕީ ނަގާ ދެން ކޮޅަކަށް ނުޖެހޭނެ. ދެން އެ ބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން،" ފަލާހު ވިދާޅުވި އެވެ.
ރޭގައި ފަލާހުގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ އެމްޑީޕީ އަށް ކަމަށް ވައިރު، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނަށް އޭނާ ގޮވާލެއްވީ އާ ސިޔާސީ ޕާޓީއެއް އުފައްދާށެވެ.
ފަލާހު ތުހުމަތު ކުރެއްވި ގޮތުގައި "މުޅި އެމްޑީޕީ" ވަނީ ބައިބައިވެ، ފެކްޝަންތައް ހެދިފަ އެވެ. އަދި ވިދާޅުވީ، އެ ޕާޓީން ކުރާ ކަމަކީ ގައުމު ހަލާކުކޮށްލުމުގެ މަސައްކަތްތަކެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ އެމްޑީޕީން ދެކޮޅު ހަދާތީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީން އެ ކަންބޮޑުވަނީ މިހާރު ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި އެމްޑީޕީގެ 12 މެމްބަރުންގެ މުސާރަ ހަ މަސް ދުވަހަށް އުނިވާތީ ކަމަށެވެ.
"ކިހިނެއްތޯ މި ވަރުގެ ބަޔަކާ އެކު މި ގައުމުގެ ރައްޔިތުން އުޅޭނީ؟ މި ދަންނަވަނީ ގައުމަކަށް ލިބެން އޮތް އެތައް ސަތޭކަ މިލިއަން ރުފިޔާއަކާއި އެމްޑީޕީގެ 12 މެމްބަރުންގެ ރައްޔިތުންގެ މަޖިލިސްގެ ހަ މަސް ދުވަހުގެ މުސާރައާ އަޅާ ކިޔާ ވާހަކަ މި ދައްކަނީ. މިއީ މައްސަލައެއް،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓަށް 80 މިލިއަން ރުފިޔާ ފައިދާވާނެ އެވެ. އެއާ އެކު، ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަނީ އެއްކޮށް. ވަރަށް ގިނަ ގައުމުތަކުގައި ބާއްވަނީ އެއްކޮށް. ހާއްސަކޮށް ވަރަށް ގިނަ ފައިދާތައް ހުރީމާ އެ ކަން އެ ގޮތަށް ކުރަނީ،" ފަލާހު ވިދާޅުވި އެވެ.
އެހެންވެ، އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބުގައި ކޮންމެހެން ވެސް ރިޔާަސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން "ފެންނަ" ވޯޓު ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.