ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ އިންތިހާބުތަކަށް ނުފޫޒު ނުފޯރުވޭ ގޮތަށް ހަދަން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހއ. ހޯރަފުށި ދާއިރާ އިން ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު، ޕީއެންސީގެ ލީޑަޝިޕްގެ ފަރާތުން ބޭއްވި ތަރާވީހުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަކީ އޭގެ ފައިދާ ރައްޔިތުންނާއި ގައުމަށް ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ.
އޭގެ ސަބަބެއްގެ ގޮތުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ މަގާމު ވެސް ފުރުއްވާ ފަލާހު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ހަ މަސް ފަހުން، މަޖިލީހުގެ އިންތިހާބު ބޭއްވުމުން އެ އިންތިހާބަށް އެ ވަގުތެއްގައި ހުންނަވާ ވެރިއަކު ނުފޫޒު ފޯރުވާ ކަމަށް އަބަދުވެސް ވާހަކަ ދައްކާ ކަމަށެވެ.
އެހެންވެ، އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަށް ބަދަލު ގެނައުމަކީ އިންތިހާބަށް ނުފޫޒު ފޯރުވަން ވަގުތު ނުދެވޭނެ ކަމެއް ކަމަށް ފަލާހު ވިދާޅުވެ އެވެ.
"އޭގެ އެންމެ ބޮޑު ފައިދާއެއް ރައްޔިތުންނަށް މި ގައުމަށް ކުރާނެ އެއް ސަބަަބަކީ ރިޔާސީ އިންތިހާބު، އެ ކާމިޔާބު ކުރާ ވެރިއަކަށް އަބަދުވެސް އޭގެ ހަ މަސް ދުވަސް ފަހުން މަޖިލީހުގެ އިންތިހާބު އޮންނައިރު އިންތިހާބަށް ނުފޫޒު ފޯރުވާ ވާހަކަ އަބަދުވެސް ރައްޔިތުން މި ދައްކަނީ،" ފަލާހު ވިދާޅުވި އެވެ.
"އެހެންވީމަ ހަގީގަތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި އޮތީމާ އޭރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާ އަށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ވަރަށް ބޮޑަށް ވަގުތު ނުދެވޭނެ،"
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީއެއް ގެނެވޭނެ ބަޔަކު އިންތިހާބު ކުރެވޭނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
ކުރީގައި ކަން ހިނގާފައިވާ ގޮތަށް އިޝާރާތް ކުރައްވަމުން ފަލާހު ވިދާޅުވީ ރައީސަކު ހޮވުމަށް ފަހު، މަޖިލިސް އިންތިހާބު ބޭއްވުމާ ހަމައަށް އޮންނަ މުއްދަތުގައި މުޅި ސަރުކާރުގެ ފޯކަލް އޮންނަނީ މަޖިލިސް އިންތިހާބަށް ކަމަށެވެ. އެހެންވެ، އެ ހަ މަސް ދުވަހަކީ ވަރަށް ބޮޑަށް ގެއްލިގެންދާ މުއްދަތެއް ކަމަށް ފަލާހު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މި ބޭނުންފުޅު ވަނީ އިންތިހާބުތަކަށް ނުފޫޒު ނުފޯރުވޭނެ ގޮތަށް ދެ އިންތިހާބު އެއް ދުވަހެއް އޮންނަ ކަމަށްވާ ނަމަ، ރައީސުލްޖުމްހޫރިއްޔާ އުޅޭނީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވުމުގެ މަސައްކަތްތަކުގައި. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަަށް އުޅެވޭނީ އެ ބޭފުޅުންގެ އަމިއްލަ ކަމެއްވީމާ އެ ބޭފުޅުންގެ އިންތިހާބީ މަސައްކަތުގައި."
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ތާއީދު ކުރަމުން އަންނައިރު އިދިކޮޅު ފަރާތްތަކުން ދަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަމުންނެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްްވާ އިންތިހާބު އަންނަ މަހުގެ 4 ގައި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާ އެކު އޮންނާނެ އެވެ.