ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 80 ޕަސެންޓަށް ވުރެ މަތިން ޕީއެންސީ ކާމިޔާބު ކުރާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާ ވެރިއެއް ކަމަށް ވާތީ، ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި ކައުންސިލްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ. 

އޭނާ އެހެން ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހދ. ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން އެ ސިޓީގައި ބޭއްވި ޖަލްސާގަ އެވެ. 

ލޯކަލް އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ ޒިންމާ ވެސް ނަންގަވާ ފަލާހު ވިދާޅުވި ގޮތުގައި، އޭޕްރީލް ހަތަރު ވަނަ ދުވަހުގައި ވޯޓުކަރުދާހުގައި ލާ ފާހަގައަކުން ކުރިމަގު ބޭނުންވާ ގޮތް ނިންމޭނެ އެވެ. 

"އެ ދުވަހު ނިންމާނެ ތިޔަބޭފުޅުންގެ ދަރިންނާއި ރަށާއި ސިޓީ އާއި ގައުމަށްޓަކައި ކުރިއަށް ދާން، ކުރިއަރަން ރަނގަޅު ގޮތް ބޭނުންވާ ބައެއްތޯ ނުވަތަ އޮތް ގޮތަށް ސިޓީތަކުގެ ތަރައްގީ ބާއްވަން ބޭނުންވާނެ ބައެއްތޯ،" ފަލާހު ވިދާޅުވި އެވެ. 

އެ ސުވާލާ އެކު، އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ "ޒައާމަތް" ވާނީ ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭ ވަރުގެ "ތަރައްގީގެ ޒައާމަތަކަށް" ކަމަށެވެ.

ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިހަށް އިއްވަވައި ދެއްވި މި އަހަރުގެ ރިޔާސީ ބަޔާން އަޑު އަހައިލުމުން، ރާއްޖޭގެ ތަރައްގީގެ ޕްލޭން ކުރައްސަވާފައިވާ ގޮތް ވަރަށް ރަނގަޅަށް ސާފުވާނެ ކަަމަށެވެ. 

"ކޮންމެ ކަމެއް ކޮންމެ މަޝްރޫއެއް ކޮންމެ ދާއިރާއެއް ވަރަށް ތަފުސީލްކޮށް ކޮންމެ ރައްޔިތަކަށް އެނގޭނެ ގޮތަށް ބަޔާން ކޮށްދެއްވީ. ކުޑަކުޑަ މިންވަރަކަށް ބަޔާން ކުރައްވާފައި ދޫކޮށްލެއްވީއެއް ނޫން،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާ ގާނޫނުއަސާސީ އަށް 2008 ގައި އަމަލުކުރަން ފެށި ފަހުން ކުޅުއްފުށި ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ ނޫން ބަޔަކަށް ދީފައި ނުވާ ކަމަށާއި މިއީ އެ ވިސްނުން ބަދަލުކުރަންވީ ފަހަރު ކަމަށެވެ. 

"ހިންގަވާ ތިޔަބޭފުޅުން ޕީއެންސީގެ މި ޓީމު ކައުންސިލަށް ނަގަން، ނަގާފައި ޓެސްޓު ކޮށްލަން. އަޅުގަނޑު ސަތޭކަ ޕަސެންޓު ޔަގީންކަން ދެން ﷲ ގެ ރަހުމަތްފުޅާ އެކު ތިޔަބޭފުޅުންނަށް މި ޓީމު ވެގެން ދާނީ މިއަދުގެ ސަރުކާރާ ގުޅިގެން މި ސިޓީގައި ކުރަން މި ހުރި ހުރިހާ މަސައްކަތެއް ނިންމައިދޭނެ ކައުންސިލަކަށް،" ފަލާހު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، މި ފަހަރުގެ ލޯކަލް އިންތިހާބަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ބައެއް ދާއިރާތަކަށް ވާދަކުރާނެ މީހުން ނެތިގެން "ފްރީ" ގޮނޑިތައް ވެސް މިހާރު ޕީއެންސީއަށް ލިބިފައިވާ ކަމަށެވެ. 

"ﷲ އިރާދަކުރެއްވިއްޔާމު މި އިންތިހާބު މާތް ﷲ ގެ ތަނަވަސް ރަހުމަތުން ޕީއެންސީން ކާމިޔާބު ކުރާނީ 80 ޕަސެންޓުން މަތިން،" ވަރަށް ޔަގީންކަމާ އެކު ފަލާހު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، ޕީއެންސީއަކީ "ވަރުގަދަ ލީޑަރެއް" ހުންނެވި "ސަޅި ޕާޓީއެއް" ކަމަށާއި ޕީއެންސީ އަށް ދައުލަތުން ދޫކުރާ ފައިސާ ވެސް ހަރަދު ކުރަނީ ޖަގަހަތައް ހެދުމާއި ސިޔާސީ ހަރަކާތްތަކަށް ކަމަށެވެ. 
"އެހެންވީމާ އަޅުގަނޑުމެންނަށް ލޯކަލް ކައުންސިލް އިންތިހާބު ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދޭންޖެހޭ،" އޭނާ ވިދާޅުވި އެވެ.