އިންތިހާބަކާ ނުލައި، އާ ލޯކަލް ކައުންސިލްތަކުގެ ހަތް ޕަސެންޓު ގޮނޑި ޕީއެންސީ އަށް މިހާރު ވެސް ކާމިޔާބު ކުރެވިފައިވާ ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ޕީއެންސީގެ އައްޑޫ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ، ވޯޓުގެ ކުރިން ވެސް ވެރިކަންކުރާ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. މިހާރު ވެސް ގާތްގަނޑަކަށް ހަތް ޕަސެންޓުގެ ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލަށް 681 މީހުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މީހުން ހޮވާނެ އެވެ.
ޕީއެންސީގެ ޓިކެޓުގައި ކައުންސިލް ގޮނޑިއަށް 665 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމެޓީއަށް 658 ކެންޑިޑޭޓުން ވާދަކުރެ އެވެ.
"މި އިންތިހާބުގައި، އިންތިހާބަކާ ނުލައި އެތައް ގޮނޑިއެއް ވަނީ ﷲގެ ރަހުމަތްފުޅުން ކާމިޔާބު ވެފައި. ގާތްގަނޑަކަށް މިހާރު ވެސް ހަތް ޕަސެންޓު ގޮނޑި ކާމިޔާބު ކުރެވިއްޖެ، ހަތް ޕަސެންޓު، އިންތިހާބަކާ ނުލައި. އެހެންވީމާ، ދިވެހި ރައްޔިތުންގެ ތާއީދު މި ޕީއެންސީއަށް، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަށް އޮތް މިންވަރު މި އެނގުނީ،" ފަލާހު ވިދާޅުވި އެވެ.
ކެންޑިޑޭޓުން ނަން ނަގަން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ. ފަލާހު ވިދާޅުވީ އިންތިހާބަކާ ނުލައި ޕީއެންސީއަށް 10 ޕަސެންޓު ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ފަލާހު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ވެސް އެ ޕާޓީއާ އެކު ކުރިއަށް ދާން ޝައުގުވެރި ނުވާ ކަމަށެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އެމްޑީޕީގެ ސިޔާސަތު ކަމުނުދިއުމާއި އެ ޕާޓީގެ އިސްވެރިން އަމަލުކުރާ ގޮތް ހިމެނެ އެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީ އާއި ޕީއެންސީގެ ވިސްނުން ތަފާތު ކަމަށެވެ.
ކައުންސިލަރުން އިންތިހާބުކުރާތާ މި ވީ 15 އަހަރުގެ ތެރޭގައި އައްޑުއަށް ޕީއެންސީ ފިކުރުގެ މޭޔަރަކު އިންތިހާބުނުކުރާ ކަމަށާއި އަދި އެ ސިޓީގެ ތަރައްގީ ކުރުމުގައި އިހުމާލުވެފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވި އެވެ.
އެހެންވެ، މަޝްރޫއޫތައް ބާރު ސްޕީޑުގައި ހިންގަން ސިޓީތަކާއި ހުރިހާ ރަށަކުން ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ފަލާހު އެދިވަޑައިގަތެވެ.
"ޕީއެންސީން، އަޅުގަނޑުމެން މި އެދޭ ފަދަ ބޮޑު އަޣުލަބިއްޔަތަކުން ކައުންސިލްތައް ގާއިމްކުރެވިއްޖެކަމަށް ވަންޏާ ދިވެހިރާއްޖެ ދުވަހަކު ވެސް ދެކިފައި ނުވާ ފަދަ ތަރައްގީއެއް މި ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފެނިގެންދާނެ،" ފަލާހު ވިދާޅުވި އެވެ.