ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރަން އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރާއިރު އެއީ އިގުތިސާދު ފުންވަޅުގަނޑަކަށް ވައްޓާލި މީހުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ޝަރަފުވެރި ކޮށްދެއްވި ހަފުލާގައި މިނިސްޓަރު ސައީދު ވިދާޅުވީ، އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް އިންތިހާބު ކާމިޔާބު ކުރަން މަސަައްކަތްކުރާ އެމްޑީޕީގެ އިސް ސަފުން އަދިވެސް ފެންނަނީ އޭރު އިގުތިސާދަށް ގެއްލުން ދިން ބޭފުޅުން ކަމަށެވެ.
"ދެ އަހަރެއްހާ ދުވަސް އަދި މިވީ. އަނެއްކާވެސް މުޅިން އަލަށް ދިރިގެން މުޅިން އަލަށް ތާޒާކަން އިހުސާސް ވެގެން ހަމަ އެއް ބައެއް ނުކުމެ މި ބުނަނީ ތިމަންނަމެންގެ އެބައޮތޭ މާ މޮޅު ގޮތެއް. ހަމަ އެއްކަލަ އިބްރާހިމް މުހައްމަދު ސޯލިހު، އެއީ އޭރު ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅާ. ހަމަ އެއްކަލަ ބޭފުޅުން، ކުރީ ސަފުން އެއްވެސް ބަދަލެއް ވެސް ނާދޭ،" އެމްޑީޕީ އަށް އިޝާރާތް ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި 200 މިލިއަން ޑޮލަރު ދެ މިލިއަން ޑޮލަރަށް ދަށްކުރީ އެންމެ ފަހުން ވެރިކަން ކުރި އެމްޑީޕީގެ ސަރުކާރުންނެވެ. އަދި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތީ 15 ދުވަހުގެ ކާބޯތަކެތި ނުވަތަ ކާޑުގެ ބާވަތްތައް ގަންނާނެ ފައިސާ ވެސް ރާއްޖޭގެ ރިޒާވުން ހުސްވިތަނާ ކަމަށެވެ.
އެކަމަކު، ސައީދު ވިދާޅުވި ގޮތުގައި، ރިޒާވްގައި މިހާރު 1.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
"އަނެއްކާވެސް މި މީހުން [އެމްޑީޕީ] އައިސް ކުރިން ކަންތައް ކުރި ގޮތަށް ނޫންތޯ ކުރާނީ. އާ ވިސްނުމެއް ނެތޭ. މިހާ ހިސާބަށް ކެމްޕެއިން ދިޔައިރުގައި ޖަގަހައެއްގައި ކެމްޕެއިން ޖަލްސާއެއް ބޭއްވުނީކީއެއް ނޫން. އާ ގޮތެއް ކިޔައިދެވުނީކީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުގެ ގެދޮވެރިވެރިކަމުގެ ސިޔާސަތާ މެދު ސައީދު ވިދާޅުވީ، އެއީ ކަނޑު އަޑިން ދީފައިވާ "ހިޔާލީ ގޯތިތަަކެއް" ކަމަށެވެ. ރިޔާސީ އިންތިހާބު ކައިރިވުމުން އެތައް މިތަނުން ގޯތިދޭނެ ކަމަށް އެ ސަރުކާރުގައި ބުނިއިރު އެއީ "ވިހި، ތިރީސް ފުންމިނުގައި" ހުރި ގޯތިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު ބައްލަވާ ރައީސުލްޖުމްހޫރިއްޔާ [މުއިއްޒު] ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ހިޔާލީ ގޯތިތައް ވެސް ހަމަ ބިމަށް ގެނެސް ރައްޔިތުންނަށް ގޯތި ދޫކުރަނީ. މިއީ ޕީއެންސީ އަށް ވޯޓު ދޭންޖެހޭ ސަބަބަކީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ކުރާ ކަމަކީ ހަތަރެއް ނުވަތަ ފަސް ބަޔަކަށް ބެހިގެން ތިބެ 2028 ގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނެރޭނެ ކެންޑިޑޭޓެއްގެ ވާހަކަ ދެއްކުމެވެ.
"އެހެންވީމާ އެ ވަރުގެ ބަޔަކަށް ލޯކަލް ކައުންސިލްގެ އިންތިހާބެއް ދިނީމާ ހަމަ އެކަމަށް ނޫންތޯ މަސައްކަތް ވެސް ކުރާނީ،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އަންހެނުން ބާރުވެރި ކުރަން ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރި ކުރީ ރައީސް މުއިއްޒު ކަމަށެވެ. އޭގެ ތެރޭގައި ރޯދަމަހުގެ އެލަވަންސާއި އެ ކޮމިޓީތަކުގެ މެމްބަރުންނަށް އިނާޔަތެއް ކަނޑައެޅުން ސައީދު ފާހަގަކުރެއްވި އެވެ.
"މިއަދު ބައްލަވާ ރައީސުލްޖުމްހޫރިއްޔާ [މުއިއްޒު] ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ހިޔާލީ ގޯތިތައް ވެސް ހަމަ ބިމަށް ގެނެސް ރައްޔިތުންނަށް ގޯތި ދޫކުރަނީ. މިއީ ޕީއެންސީ އަށް ވޯޓު ދޭންޖެހޭ ސަބަބަކީ،"
ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ރައީސް މުއިއްޒު ވަޑައިގެން ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި އަންހެނުންގެ ކޮމިޓީތަކަށް ބާރު ލިބޭނެ ގޮތް ހަމަޖެއްސެވީ ކަމަށް ސައީދު ވިދާޅުވި އެވެ.
"މިއީ ނިޒާމުގައި އަންހެންބޭފުޅުން ބަލައިގަތުމަކީ. އެއީ ދުލުން ބުނާ ބަހެއް ނޫން. ފިކްޝަނެއް ނޫން އެއީ. މި ރިއަލިޒަމްގައި ހަގީގަތުގައި އަންހެންބޭފުޅުން ބާރުވެރި ކުރުމަކީ އެ އަށް އަމަލީ ސިފަ ގެނައުން. އެކަން އެ ގެނެސްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު،" ރައީސަށް ތައުރީފު ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން ނަމަ ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ތިބެނީ ހަތަރުވަނަ ކެޓަގަރީގައި ކަމަށް ވިޔަސް މި ސަރުކާރުން އެ މީހުންގެ މުސާރަ ވެސް "އިމްޕްރޫވް" ކުރުމަށް ފަހު ހާލަތު ބަދަލު ކޮށްފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ލީޑަޝިޕްގައި ރާއްޖޭގެ އެތައް ކަމެއް ރަނގަޅު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވޭޕް އެތެރެކޮށް އަދި ބޭނުންކުރުން މަނާކުރުމާއި މަގުތައް ހެދުމާއި އިގުތިސާދީ ފުންވަޅުގަނޑުން އަރައިގަނެ، ރާއްޖެ ދަރަނި ނުވެ ހިފަހައްޓައި ދިނުމާއި ޒުވާނުން ގައުމީ ހިދުމަތަށް ނެރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.