ވެރިކަން ކުރާ ޕީއެންސީ އަށް ކައުންސިލުތަކުގެ ގޮނޑިތައް ދީފި ނަމަ ކައުންސިލުތައް އުވާލުން ނޫން ކަމެއް ނުކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކައުންސިލު އިންތިހާބުގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" އިފުތިތާހު ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވީ މިއީ 64،000 ފްލެޓު އަޅާނެ ކަމުގެ ވައުދާ އެކު އައި ސަރުކާރެއް ކަމަށާއި އެކަމަކު މިހާތަނަށް އެންމެ "ގާގަނޑެއް" ވެސް ބިންމަތީގައި ބާއްވާފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި ފްލެޓު އަޅައި މާލެ ސަރަހައްދުން 9،000 ގޯތި ދޫކޮށްފައިވާ ކަަމަށެެވެ. އަދި ހަމަ ގޯތިތައް ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރާނެ ކަމަށް މި ސަރުކާރުން ބުނެފައި ވިޔަސް އަދިވެސް ގޯތި ދޫނުކުރާތީ ޣަފޫރު ފާޑުވިދާޅުވި އެވެ. 

އެކަމަކީ ރައީސްގެ ރިޔާސީ ވައުދުފުޅަކަށް ވިޔަސް އެކަން ނުވާ ނަމަ ރައްޔިތުން ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ނުޖެހޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ. 

"ކޮބާތޯ ދިން ގޯތި. މިގޯތި ނުދޭހާ ހިނދެއްގައި މާލެ އާއި ދިވެހިރާއްޖޭގެ ރައްޔިތުން މި ސަރުކާރަށް ވޯޓު ދޭކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ހިދުމަތް ކުރުމަށް އައި މި ސަރުކާރަށް ކޮށްދެވުނީ ކޮން ކަމެއްތޯ ސުވާލު ކުރައްވައި ޣަފޫރު ވިދާޅުވީ މި ސަރުކާރަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީ އަށް ވޯޓު ދީފި ނަމަ، ކައުންސިލުތައް އުވާލާނެކަމުގެ ބިރު އެބަ އޮތެވެ. 

"ކުރަން މިއުޅެނީ ކޮން ކަމެއް؟ މި ކައުންސިލުތައް އެ ބޭފުޅުންނަށް ދީފިއްޔާ އެ ބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. މި ނޫން އެހެން ކަމެއް މިބޭފުޅުން ނުކުރާނެ."

ޣަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ދިނުމުން ލާމަރުކަޒީ ގާނޫނުގެ ބާރުތައް "ފުނޑާލާފައި"ވާ ކަމަށެވެ. 

"އެއީ މި ބޭފުޅުންނަކީ [ޕީއެންސީ ސަރުކާރު]. އެހެންވީމަ މި ބޭފުޅުންނަށް ކައުންސިލުގެ މެޖޯރިޓީ ދީފިއްޔާ އެ ބޭފުޅުން ލައްވާ މި ބޭފުޅުން އުވާލާނެ. އެއީ އަޅުގަނޑުމެންނަށް މިއަދު ޔަގީންވާ ކަމަކީ،" ޣަފޫރު ވިދާޅުވި އެވެ

އެމްޑީޕީގެ އިސްވެރިން ވެސް ބައިވެރިވި އެ ކެމްޕެއިނު އިވެންޓުގައި ވަނީ އެ ޕާޓީގެ ފަރާތުން ސިޓީތަކާއި ރަށު ކައުންސިލުތަކުގެ މެމްބަރުކަމާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުން ވެސް ބައިވެރިވެފަ އެވެ.