ލޯކަލް ކައުންސިލްތަކަށް ބާރުތައް ދޫކޮށްލައިގެން ނޫނީ ރަށެއް ތަރައްގީ ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގދ. ތިނަދޫ ސިޓީ ކައުންސިލަށް ވާދަކުރާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި އިބޫ ވަނީ ޕީއެންސީގެ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކައުންސިލްތަކާ ގުޅޭ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ކައުންސިލަށް އިންތިހާބުކުރާ މެމްބަރުންނަކީ ވެރިންނަށް ސަނާ ކިޔަން އިންތިހާބުކުރާ ބައެއް ނޫން. ވެރިން ބުނާހާ ކަމަކަށް އާނ ބަސް ބުނަން އިންތިހާބުކުރާ ބައެއް ނޫން،" އިބޫ ވިދާޅުވި އެވެ.
"ސަރުކާރުން ތިނަދުއަށް ވީ ވައުދުތައް ވަނީ ބިލާހަކަށް ވެފައި"
މި ސަރުކާރުން ތިނަދު އަށް ވީ ވައުދުތައް ވީ ބިލާހަކަށް ކަމަށާއި އެހެންވެ، ވެރިން ވައުދުތައް ވާއިރު، އެއީ ކުރެވޭނެ ވަރުގެ ކަމެއްތޯ ރައްޔިތުން އަމިއްލަ ސިކުނޑިން ފުންކޮށް ވިސްނާލަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.
ތިނަދު އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލާނެ ވާހަކަ އާއި އެ ރަށުގެ ބިން ހިއްކައިގެން ފްލޯޓިން ޓާމިނަލަކާ އެކު އެއާޕޯޓް ހަދައި، އެ ސަރަހައްދުގައި ނެތް ވަރުގެ ސީޓީއެއް ހަދާނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް، އެ އިން އެއްވެސް ކަމެއް ނުވެ އޮތް ކަމަށް އިބޫ ވިދާޅުވި އެވެ.
"އެ ވިދާޅުވާ މީހުން، އެ ވިދާޅުވާ އިންވެސްޓަރުން ޕްރޮޕޯސަލަކާ އެކީގައި އަޅުގަނޑުމެންގެ ވެރިކަމުގައި ވެސް އަޔޭ. އަޅުގަނޑުމެން ބަލާ ހެދީމޭ އެއީ ކޯޗެއްތޯ؟ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެއީ ކީއްކުރާ ބައެއްކަން، ރާއްޖެ އައިސް ކޮން މަސައްކަތެއް ކުރީ،" އިބޫ ވިދާޅުވި އެވެ.
"ކުކުޅު ގެންގުޅޭ ބަޔަކަށް ކިހިނެއްތޯ ރަށެއްގައި އެއާޕޯޓެއް އަޅައި ސިޓީއެއް ތައްޔާރުކުރާނީ؟"
އިބޫ ވަނީ، މި ސަރުކާރުން ރަސްމާލެ ހިއްކާތީ އެ ކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ.
"[ވެރިކަމަށް] އަރާ ވަޑައިގެން ވިދާޅުވީ ތިމަން މަނިކުފާނު ރަސްމާލެ އާއި މާލެއާ ގުޅުވާލާނީ ބިއްލޫރި ޓަނަލަކުންނޭ، 200 މީޓަރު އަޑިން. ކިހިނެއްތޯ އެކަން ކުރަނީ؟ ކިހިނެއްތޯ؟ އެ ޓަނަލުގެ ތެރެއިން ދާއިރު ވަށައިގެން މިޔަރުތަކާއި ފެމުނާއި މިހެން ގޮސް މަސްމަހާމެހި ފެންނަ ވާހަކަ. 200 މީޓަރު އަޑިއަށް އަދި ކަމެއް ނުހިނގާ. 100 މީޓަރު އަޑިއަށް ދާއިރު ކަނޑު އަޑި އޮންނަ ގޮތް ޑައިވްކުރާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމަށް މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ސަރުކާރުން 10 ރިސޯޓު ތަރައްގީކުރާ ވާހަކަފުޅަށް ވެސް އިބޫ ފާޑުވިދާޅުވި އެވެ.
"އެއްވެސް މަސައްކަތެއް ތިބޭފުޅުން ކުރައްވާނެ ކަމެއް ނެތޭ، ސީދާ ޖީބަށް އަހަރަކު 400 ޑޮލަރު ދޭނަމޭ. އެހެންކަމަށް ވަންޏާ އެ ދައްކަނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރާ ވާހަކަ. 800 މިލިއަނާއި އެއް ބިލިއަންގެ އިންވެސްޓެއްކޮށްގެން އަހަރަކު 200 މިލިއަން ޑޮލަރުގެ ނެޓް ޕްރޮފިޓް ރެއިޒްކުރާ ވާހަކަ،" އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރިސޯޓް ހިންގަވާ ބޭފުޅުން ކައިރި އެއްސެވުމުން އެއީ ކުރެވޭނެ ވަރުގެ ކަމެއް ނޫންކަން ޔަގީންވާ ކަމަށެވެ.
"ބާރުތައް ހިފެހެއްޓުން ތިނަދޫ ރައްޔިތުން ގަބޫލެއް ނުކުރާނެ"
އިބޫ ވިދާޅުވީ މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރިއަށް ބަލާއިރުގައި ތިނަދުއަކީ ރާއްޖޭގައި އޮތް އެންމެ މުއްސަނދި، އަދި އެންމެ ތަނަވަސް އެއް ރަށް ކަމަށެވެ. ސީދާ އެ ރަށުން އޮޑިފަހަރުގައި ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓްކުރި ކަމަށާއި އެ ރަށުގައި އުފައްދާ ތަކެތި ވިއްކައިގެން އެ ވިޔަފާރި ފުޅާކުރި ނަމަވެސް، އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް އެކަމެއް ގަބޫލެއް ނުކުރެއްވުނު ކަމަށް އިބޫ ވިދާޅުވި އެވެ.
އަނެއްކާވެސް މި ރަށުގެ ރައްޔިތުން މި ތިބީ ހިންދެމިލާފައި، ލިބުނު ފުރުސަތުގެ ބޭނުންކޮށްގެން އަމިއްލަ މަސައްކަތުން ތެދުވެ. މިފަދަ ރަށެއް ހިންގަން މި ރަށުގެ ރައްޔިތުންނަށް ދޫނުކޮށްލަންވީ ސަބަބަކީ ކޮބައިތޯ؟
ރާއްޖެއިން ބޭރަށް މުދާ ހިފައިގެން ދަތުރުކުރި ތިނަދޫގެ އޮޑިފަހަރު ފުރައިގެން ދިޔަ ނުދީ މާލޭގެ ބަނދަރުގައި ހިފެހެއްޓުމުން އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އެ ރަށުގެ ރައްޔިތުން އޭރު ތެދުވި ކަމަށާއި އެއާ ގުޅިގެން ދެން ކުރިމަތިވި ހިތާމަވެރި، އަނިޔާވެރި ހާދިސާތައް މިއަދު ވެސް ގިނަ ބައެއްގެ ހަނދާނުގައި އެބަހުރި ކަމަށް އިބޫ ވިދާޅުވި އެވެ.
"އަނެއްކާވެސް މި ރަށުގެ ރައްޔިތުން މި ތިބީ ހިންދެމިލާފައި، ލިބުނު ފުރުސަތުގެ ބޭނުންކޮށްގެން އަމިއްލަ މަސައްކަތުން ތެދުވެ. މިފަދަ ރަށެއް ހިންގަން މި ރަށުގެ ރައްޔިތުންނަށް ދޫނުކޮށްލަންވީ ސަބަބަކީ ކޮބައިތޯ؟ މި ރަށް ހިންގާނެ ރައްޔިތުން މި ރަށުގައި އެބަ ތިބި، ހިންގުންތެރިން އެބަ ތިބި، ޓީޗަރުން، ޑޮކްޓަރުން، އިންޖީނިއަރުން، ޓެކްނިކަލް ބޭފުޅުން އެބަ ތިއްބެވި،" އިބޫ ވިދާޅުވި އެވެ.
"ބާރުތައް ޖަމާކޮށްގެން އެއްތާކު ތިބެގެން ކިހިނެއްތޯ މި ރާއްޖެ ތަރައްގީ ކުރާނީ؟ ދޫކޮށްލަންވީ، އޯނަޝިޕް ވެސް ދޭންވީ. ގާނޫނުތައް ހަދާފައި އެ ގާނޫނުތަކާ އެއްގޮތަށް ކަން ކުރެވޭތޯ ބަލަންވީ މައި ސަރުކާރުން. އެކަން ނުކުރެވެންވީ ސަބަބެއް ނެތް. އަޅުގަނޑުމެން ފެށީ އެ މަސައްކަތް."
އެމްޑީޕީގެ ސަރުކާރުގައި ތިނަދުއަށް ތަސައްވަރެއް އޮތް ކަމަށާއި އެ ރަށުގައި އިންޑަސްޓްރިއަލް ވިލެޖެއް ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުން އަދި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ފެށީ އެ ދުރުތާސްތާގެ ވިސްނުމުގެ ތެރެއިން ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އެމްޑީޕީގެ އެންމެފަހުގެ ސަރުކާރުގައި ކޮންމެ ކަމެއް ކުރީ ރައްޔިތުންނާއި މަޝްވަރާކޮށްގެން ޕްލޭންކޮށްގެން އަދި އެއަށް ބޭނުންވާ ފައިސާ ވެސް ހޯދައިގެން ކަމަށެވެ.
"އެކަމަކު، އަޅުގަނޑުމެންނަށް މިހާރު އިވޭ އަޑަކީ ސަރުކާރަށް ނިސްބަތް ނުވާ ކައުންސިލަރުން ހޮވައިފިއްޔާ ތަރައްގީއަކަށް އެއްވެސް ކަމެއް ނުކުރެވޭނެއޭ. އަދި ގާނޫނަކުން ކަނޑައަޅާފައިވާ ފައިސާ ވެސް ނުދޭނަމޭ ބައެއް ބޭފުޅުން ވިދާޅުވޭ،" އިބޫ ވިދާޅުވި އެވެ.
އީބޫ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ކައުންސިލަރުން ތިބެގެން ރަށެއް ތަރައްގީ ކުރެވޭ ކަމަށް ވަންޏާ އއ. ބޮޑުފުޅަދޫގެ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީގެ ކެންޑިޑޭޓަކު ވާދަނުކުރެއްވި ސަބަބެއް ސާފުވާން ޖެހޭ ކަމަށެވެ. އިތުރު ކެންޑިޑޭޓަކު ވާދަ ނުކުރާތީ އެ ރަށުގެ ކައުންސިލް ރައީސްގެ ގޮނޑި އޮތީ އެމްޑީޕީއަށް ލިބިފަ އެވެ.