ރާއްޖެ ހިންގޭނެ ކަމަަށް ބަލަނީ އަދި ރަށްރަށް ތަރައްގީ ކުރެވޭނީ ބާރުތައް އެ ރަށްތަކަށް ދޫކޮށްގެން ކަމަށް އެމްޑީޕީން އަބަދުވެސް ގަބޫލުކުރާ ކަމަށާއި އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގޮތް ނިންމަން ފަސޭހަވަނީ އެހެންވެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް އިންތިހާބަށް ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ވައުދުތައްވެ، އެ ވައުދުތައް ފުއްދާ ޕާޓީއެއް ކަމަށެވެ. އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އެކަން އޮތީ އެހެން ކަމަށް އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހު ބާއްވާ ލޯކަލް އިންތިހާބަށް ފުވައްމުލަކުން ވަނީ ގޮތް ނިންމައިފަ އެވެ.
އިބޫ ވިދާޅުވީ، ބާރުތައް ދޫކޮށްލުމުގެ ނަތީޖާ ހަމައެކަނި ފުވައްމުލަކުން ފެންނަ ކަމަށެވެ.
"މައި ސަރުކާރުން މި ރަށުގެ ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ކޮން ކަމެއްތޯ ކޮށްފައި އޮތީ؟ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު އިސްވެ ހުންނަވައިގެން އަދި ރަށުގެ ރައްޔިތުން ކުރި އެތައް މަސައްކަތަކުން މިއަދު ފުވައްމުލަކު ސިޓީ މިވަނީ މުޅި ދުނިޔޭގައި އޮތް ޓައިގާ ޝާކް ޑެސްޓިނޭޝަނަކަށް ވެ ބަދަލުވެފައި،" އިބޫ ވިދާޅުވި އެވެ.
"އެންމެ މަޝްރޫއެއް އެއްތަނަކަށް ބަލައިފިއްޔާ."
އިބޫ ވިދާޅުވީ، ފުވައްމުލަކުގައި 400 އަށް ވުރެ ޓޫރިޒަމް އެނދު އެބަހުރި ކަމަށާއި މިދިޔަ އަހަރު އެކަނިވެސް 8،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ކަމަށެވެ.
"މި އަހަރު އެ އަދަދު 40 ޕަސެންޓު އިތުރު. މިއީ ބާރުތައް ދޫކޮށްލީމާ އިސްވެ މަސައްކަތް ކުރީމާ ވާ ގޮތް،" އެ މަނިކުފާނު ވިދާޅުވި އެވެ.