ރާއްޖެ ތަރައްގީ ކުރުމުގެ ބާރުތައް ރައްޔިތުންގެ މައްޗަށް ދޫކޮށްލަންޖެހޭ ކަމަށާއި ރަށްރަށަށް ތަރައްގީ ގެނެވޭނީ އެ ގޮތަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ށ. ފޯކައިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިބޫ ވިދާޅުވީ މި ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ އިތުރުން ކައުންސިލުތަކަށް އޮތް ބާރު ވެސް ކުޑަކޮށްފައި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ލާމަރުކަޒީ ނިޒާމު ފައްކާކުރާނެ އެއްވެސް ވާހަކަފުޅެއް ނުދައްކަވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓުން ކައުންސިލުތަކަށް ހޮވަންޖެހެނީ މި ސިޔާސަތުތައް ދަންނަ ބަޔަކަށް ވޯޓު ދިނުން މުހިންމު ވާތީ ކަމަށެވެ. އަދި ސަރުކާރަށް ގެންނަން ވާނީ ވެސް އެފަދަ ސިޔާސަތުތައް ދަންނަ ބައެއް ކަމަށާއި ޕީއެންސީއަކީ ލާމަރުކަަޒީ ނިޒާމާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ތެދު ތެދަށް ދަންނަވާ ނަމަ ޕީއެންސީއާ އެއްވެސް ގުޅުމެއް އޮތް ނިޒާމެއް ނޫން. އެ މީހުން ދަންނަ ނިޒާމެއް ނޫން މިއީ. މިއަދު ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިފި ނަމަ މި ރަށްރަށުން ހާލަތު ބަދަލުވެގެންދާނެ ގޮތް މިއަދު ވެސް މަޑުމަޑުން ފެންނަމުން އެ ދަނީ،" އިބޫ ވިދާޅުވި އެވެ.
ޕީއެންސީން ކައުންސިލްތަކަށް ހޮވާ ފަރާތްތަކުން ކުރާނެ ހަމައެކަނި ކަމަކީ ވިދާޅުވާ ގޮތަކަށް އެކަނި ކަންކަން ކުރުން ކަމަށާއި އެކަމަކު 2018 ގައި އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު މަސައްކަތްކުރީ ރާއްޖޭގެ އެކި ކަންކޮޅުތައް ތަރައްގީކޮށްގެން ކުރިއަށް ދިއުން ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރަށްރަށް ތަަރައްގީ ކުރެވިގެން ނޫން ގޮަތަކަށް ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށާއި ރާއްޖެ ތަރައްގީ ކުރުމުގައި ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތަކަކަކީ ދިރިއުޅެވޭނެ ފަދަ ހާލަތެއްގައި ހުރި ތަންތަނަށް ހެދުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ކޮށްފައިވާނެ ކަމަށާއި އޭގެ ތެރޭގައި ލަފާފުރުމާއި ފެނާއި ނަރުުދަމާ އާއި ކަރަންޓުގެ ނިޒާމު ރަނގަޅު ކުރުމުގެ އިތުރުން ސިއްހީ ނިޒާމު ހަރުދަނާކޮށް، ސްކޫލުތައް ތަރައްގީ ކުރުމާއި ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅުވާލާފައިވާކަން އިބޫ ފާހަގަކުރެއްވި އެވެ.
އިބޫ ވިދާޅުވީ، ތަންތަނަށް ބޭނުން ނުވާ ވަރަށް ވަޒީފާއަށް މީހުން ނަގަމުންދާ ކަމަށެވެ. މިސާލެއް ނަންގަވައި އިބޫ ވިދާޅުވީ ލ. އަތޮޅުގެ ރަށެއްގައި 300 ގެ އާބާދީ ނެތް ރަށެއްގައި 60 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން، ރަށުގައި އާންމުކޮށް މަހަށް ގޮސް އުޅުނު ދެ ދޯނިން މަސްވެެރިކަން ހުއްޓާލައި "ފަސޭހައިން އާމްދަނީ" ހޯދޭނެ މަގު ހޯދާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
ސަރުކާރުން 10 ރިސޯޓު ތަރައްގީކޮށް 2030 އިން ފެށިގެން ކޮންމެ ރައްޔިތަކަށް އަހަރަކު 400 ޑޮލަރު އަހަރަކު ދޭނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވާތީ އިބޫ ވަނީ އެކަން ގަބޫލުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދައިފަ އެވެ.
"ކޮންމެ މީހެއްގެ ޖީބަށް އަހަރަކު 400 ޑޮލަރު ލާކަމަށްވަންޏާ ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހޯދަން އެބަޖެހޭ. 200 މިލިއަން ޑޮލަރު ނެރޭނެ އިންވެސްޓްމަންޓެއް ހަދާ ނަމަ 800 ނުވަތަ 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އެބަ ހަދަންޖެހޭ."
އިބޫ ވިދާޅުވީ އަމަލީ ގޮތުން ތަންފީޒުކުރެވޭނެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ނުދައްކާ ކަމަށެވެ.