އައްޑޫގެ ރައްޔިތުން މިއަދު ހިތްހަމަޖެހެނީ އެ މީހުން ބޭނުންވި ގޮތަށް އެމްޑީޕީގެ ސަރުކާރުން ތަރައްގީ ގެނެސްދީފައިވާތީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ހިތަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ، އެ ޕާޓީގެ އެންމެ ފަހުގެ ސަރުކާރުގެ ފަސް އަހަރު އައްޑޫގެ ތަރައްގީ އަށް 8 ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ.
އައްޑޫގައި 119 ކިލޯމީޓަރުގެ މަގު ހަދައި، 190 ހެކްޓަރުގެ ބިން އިތުރުކޮށް ޓޫރިޒަމްގެ ބޭނުމަށް ފަސް ރަށް އިތުރުކޮށްދިން ކަމަށް ވެސް ކުރީގެ ރައީސް އިބޫ ވިދާޅުވި އެވެ.
"މި ސިޓީގެ ހުރިހާ ރަށެއްގެ ބަނދަރު އަޅުގަނޑުމެންނަށް ހަދައި ނިންނާލެވުނު. އަޅުގަނޑުމެން އެކަން ކުރީ ދެމެހެއްޓެނިވި އިގުތިސާދެއް ތަނެއްގައި ބިނާކުރެވޭނީ މި ކަންކަން ކުރެވިގެން ކަމަށް ވާތީ. އެއާ އެކު ހަންކެޑެގައި 2،500 އެނދު ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ އަޅުގަނޑުމެން ހަވާލުކުރިން،" އިބޫ ވިދާޅުވި އެވެ.
"މި ގޮތަށް މި ސިޓީ ތަރައްގީ ކުރުމަށްޓަކައި އެތައް އެތައް ކަމެއް އަޅުގަނޑުމެން ކުރިން."
އިބޫ ވިދާޅުވި ގޮތުގައި އެމްޑީޕީން ގަބޫލު ކުރަނީ ރާއްޖެ ތަރައްގީ ކުރެވޭނީ އަދި ރާއްޖެ ހިންގޭނީ ވެސް ލާމަރުކަޒީ ނިޒާމުން ތަންތަން ތަރައްގީކޮށް، ބާރުތައް ދޫކޮށްލައިގެން ކަމަށެވެ.
އެކަން ގަބޫލު ކުރާތީ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކުރިއަށް ގެންދަނީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.