ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ގިނަ ބަޔަކު ވޯޓު ދިނީ ރާއްޖެ ސަލާމަތް ކުރަން ކަމަށާއި އޭގެ ފައިދާ ފެންނާނެ ކަަމަށް އައްޑޫގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުކުރި އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.
ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި މި ސަރުކާރަށް އަމާޒު ކުރައްވައި، އޭނާ ވިދާޅުވީ ރައްޔިތުންނަށް ހަމަހަމަކޮށް ކަންކަން ކުރަން ބޭނުން ނުވާނެ ކަމަށެވެ.
ނިޒާރު ވިދާޅުވީ، ލޯކަލް ކައުންސިލްތައް ހިންގަން ޖެހޭނީ ސަރުކާރާ ގުޅިގެންކަން ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު އެއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ރަށްރަށް ހިންގަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ސަރުކާރާއި ކެބިނެޓުން ބޭނުންވާ ގޮތަށް ރަށްރަށް ހިންގަން ނޫން ކަަމަށާއި އެކަމާ ދުވަހަކު ވެސް އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން އެކަން ކުރުމުގެ ވިސްނުން ޕީއެންސީގައި އޮތީ ނުވަތަ އެކި ނަންނަމުގައި އެ އަންނަ ފިކުރުގައި އޮތީ. އެހެންވީމާ މި ނުރައްކާތެރި ވިސްނުމާ ދުރަށް ރައްޔިތުން ދާން އެބަޖެހޭ، ކުރިއަށް މި އޮތް ރިޔާސީ އިންތިހާބަށް ރައްޔިތުން ތައްޔާރުވާން އެބަޖެހޭ،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ މިހާރުގެ ވެސް މޭޔަރު ނިޒާރު ވިދާޅުވީ، އޭނާ އެންމެ ކަންބޮޑުވެވަޑައިގަތީ މި ފަހަރުގެ ނަތީޖާ ބަދަލުވެދާނެ ގޮތަކާ މެދުގަައި ކަމަށެވެ. އެކަމަކު، އެއީ އޭނާ ނުހޮވިދާނެތީ ނޫން ކަަމަށާއި ރާއްޖޭގެ މުސްތަގުބަލް އަތުނުވެދާނެތީ ކަމަށް ވިދާޅުވި އެވެ.
"އެންމެ ފަހުން ވެސް ރާއްޖޭގައި ކަންކަން ހިނގައިދިޔަ ގޮތަށް ބަލާއިރު ހުދުމުހުތާރު ވައްޓަފާޅިއެއް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަން ކުރެވިއްޖިއްޔާ މި ސަލާމަތެއް ނުކުރެވޭނެ. މި އަށް ވުރެ ބިޔަ ބޮޑެތި ގައުމުތަކުގައި އަޅުގަނޑުމެންނަށް ވުރެ ބިޔަ ހަށިލާފައި ތިބި މީހުން އެ ތިބަ ގައުމުތަކުގައި ވެސް ހުދުމުހުތާރުކޮށް ސަތޭކަ، ދުއިސައްތަ އަހަރަށް ވެރިކަން އެ އޮތް ދަނީ ކުރަމުން،" ނިޒާރު ވިދާޅުވި އެވެ.
އެކަމަކު، ރާއްޖެ އަށް މިހާތަަނަށް ވެސް ތަރައްގީ އައިސްފައި ވަނީ ވެރިން ކޮންމެ ފަސް އަހަރަކުން ރައްޔިތުން ކައިރި އަށް ގޮސް ކުރި މަސައްކަތްތަކާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނިޒާމު ހަލާކުވާ ގޮތަށް ބާރުތައް ރައްޔިތުންނަށް ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ލާމަރުކަޒުކޮށް އަތޮޅުތައް ހިންގޭނެ ހަމައެކަނި ގޮތަކީ ރައްޔިތުންްނަށް ބާރުތައް ދީގެންނެވެ. މާލެ އިން "ދަންނަވާ ގޮތަށް" ހިންގާ ރަށްރަށް ތަރައްގީ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަތޮޅުތަކުގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި. އަސާސީ އެތައް ކަމެއް އަޅުގަނޑުމެންނަށް ފުރިހަމަ ނުވޭ. ފެނާއި ނަރުދަމާއެއް ނެތް. ރަނގަޅު މަގެއް ނެތް،" ކަންބޮޑުވުމާ އެކު ނިޒާރު ވިދާޅުވި އެވެ.
"އައްޑޫ ސިޓީގައި އިންތިހާބަށް 48 ގަޑިއިރު ވީއިރު އަޅުނގަނޑުމެން ނުނިދާ ތިބެ އިންތިހާބުގައި ވޯޓުލާން ދާން ޖެހުނީ. ހަ ގަޑިއިރަށް އައްޑޫ ސިޓީގައި ކަރަންޓު ކެނޑިފައި އޮތް. ކިތައް އަހަރުތޯ މި އާދޭސް ކުރާތާ."