ރާއްޖޭގައި އިއްޔެ ބޭއްވި ފޯރިގަދަ އަދި މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލާން ނުކުތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި މައި ދެ އިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓުގެ ބޮޑު ނާކާމިޔާބީއާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޓުވިޓުން ވެސް އެނގުނީ ސަރުކާރަށް ގޯސްތަކެއް ހެދިއްޖެ ކަމެވެ. އެކަން ގަބޫލުފުޅު ކުރައްވައި، ރައްޔިތުންގެ ވިންދާ އެކު ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީން ދެއްވި އެވެ. 

ސަރުކާރުގެ އާރާއިބާރު އޮވެމެ، މިފަދަ މުހިންމު އިންތިހާބަކުން މިހާ ބޮޑަށް ބަލިވުމުގެ ފަހަތުގައި އިސްލާހު ކުރަން ބައިވަރު ކަންކަން ހުރި ކަން ގަބޫލުކުރާ މީހުން ގިނަ އެވެ. ނަތީޖާ އިން ފެންނަން އޮތް ގޮތުން މިއީ، ސަރުކާރާއި ޕީއެންސީގެ އިސް ބޭފުޅުންނަށް ސުވާލު ވެސް އުފެއްދެން އޮތް ކަމެއް ނޫނެވެ. 

ދައުރުގެ މެދުތެރެއިން ބާއްވާ އިންތިހާބަކީ ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް އެ ބަޔަކަށް ވަރަށް މުހިއްމު އިންތިހާބަކަށް ވެ އެވެ. ރިޔާސީ އިންތިހާބާއި ޖެހިގެން އަންނަ މަޖިލިސް އިންތިހާބަށް ފަހު މިޑް ޓާމް އިލެކްޝަންގެ ގޮތުގައި ބާއްވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ސަރުކާރަށް އޮންނަ އެންމެ ވަރުގަދަ އިމްތިހާނެވެ.

މި އިންތިހާބުގައި ސިޓީތަކުގެ މެޖޯރިޓީ އާއި  މިނެކިރަނީ އެ ސަރުކާރަކަށް އޮންނަ ތާއީދެވެ. އެންމެ ފަހުން އޮތް އެމްޑީޕީގެ ވެރިކަމުގައި ވެސް ކައުންސިލް އިންތިހާބާ ކުރިމަތިވި އިރު ވައުދުތައް ނުފުއްދުމާއި ސަރުކާރުގެ މިސްރާބު ގޯސްވުމުން، މެޖޯރިޓީ އޭރުގެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ދީ ވަރުގަދަ މެސެޖެއް ދިނެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ރައްޔިތުން އަނެއްކާވެސް އެ ޕާޓީއަށް ބުނެދިނީ، ވޯޓުގެ އެ މެސެޖު މާބޮޑު ކަމަކަށް ނުހަދައި ވެރިކަން ކުރުން ބަލައިނުގަންނަ ކަމެވެ. 

ޕީއެންސީގެ ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިނު ނިންމުމުގެ ހަރަކާތުގައި ރައީސާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ޕީއެންސީގެ ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިނު ނިންމުމުގެ ހަރަކާތުގައި ރައީސާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ސަރުކާރަށް ވެސް ރައްޔިތުން ހަނދާންކޮށް ދިނީ ހަމަ އެއް މެސެޖެކެވެ. ރަނގަޅު ކުރަން ޖެހޭ ބައިވަރު ގޯސްތަކެއް ހުރި ކަމެވެ. ސަރުކާރަށް ގަބޫލުނުކުރެވުނަސް ރައްޔިތުން ބޭނުން ނުވާ ކަންކަން ސަރުކާރަށް ކުރެވިއްޖެ ކަމެވެ. ނޫން ނަމަ، ވެރިކަން ލިބުނު އިރު ދަށް ހާލަތުގައި އޮތް ގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވައި ރަށްރަށުގައި މަޝްރޫއުތައް ހިންގައި އާއްމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ކުރާ މަސައްކަތުގެ ތެރެއިން މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާކަށް ނުޖެހޭނެ އެވެ.

އެކަން ގަބޫލުކުރުމަކީ ކަންކަން ރަނގަޅުކުރަން ބޭނުންވާ ކަމުގެ ހެޔޮފާލެކެވެ.

"ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ނަތީޖާއެކު ކަންކަން ރަނގަޅުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އިދިކޮޅަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު، ކުރީގެ ރައީސް އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހުގެ މެސެޖުގައި ވެސް ދެއްކެވީ ސަރުކާރުގެ ސިޔާސަތުގެ ވާހަކަ އެވެ. ސަރުކާރަށް އޮތީ އަވަހަށް ސިޔާސަތުތަކަށް ބަދަލު ގެނެސް ކަންކަން ރަނގަޅު ކުރުން ކަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޖަލްސާ އަށް ފަހު ރައީސް މުއިއްޒުގެ ދެކަނބަލުން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.
ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޖަލްސާ އަށް ފަހު ރައީސް މުއިއްޒުގެ ދެކަނބަލުން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.

ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން މި އިންތިހާބާ ގުޅޭ ގޮތުން އަދި ފާޅުގައި ވާހަކަ ދައްކަވަން ބޭނުން ނުވި ނަމަވެސް ނަން ހާމަކުރަން ބޭނުން ނުވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މައިގަނޑު އެއް މައްސަލައަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލަން ނެގި ފެންނަ ނުފެންނަ ވޯޓެވެ. ޕާޓީ ވާދަވެރިކަން އޮންނަ އިންތިހާބެއްގެ ތެރެއަށް، ފެންނަ ނުފެންނަ ވޯޓު ވެއްދުމަކީ ފޯކަސް ވަރަށް ބޮށް ގެއްލި ކެމްޕެެއިނަށް ކުރިމަތިވި އުނދަގުލެއް ކަމެއް ބައެއް މީހުން ދެކެ އެވެ. 

"އޭގެ ނަތީޖާއަކީ މިއީ ސަރުކާރަށް އާނއެކޭ ނޫނީ ނޫނެކޭ ބުނާ ވޯޓަކަށް ބަދަލުވެގެން ދިޔައީ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާ އަށް ވުރެ ބޮޑަށް ފާޅުގައި ދައްކަން ފަސޭހަވީ އޭގެ ގެއްލުމުގެ ވާހަކަ. ރައްޔިތުންގެ ސިކުނޑި އަށް ވެސް ވައްދަން ފަސޭހަވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ވާނެ ގެއްލުންތަކުގެ ވާހަކަ،" ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ. 

ސިޔާސީ ވޯޓަކަށް ވުރެ، ފެންނަ ނުފެންނަ ވޯޓު ގިނަ ބަޔަކު ނެގީ ސިޔާސީ ކަންކަމާ ނޫޅޭ "ސައިލެންޓް މެޖޯރިޓީ" ވެސް ބަސް ބުނަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ. ވޯޓުލާން ނުކުތް އަދަދުން އެކަން ފެންނަން އެބައޮތެވެ. ކައުންސިލް އިންތިހާބެއްގައި މިހާ ބޮޑު ޕަސެންޓޭޖެއް ވޯޓުލާކަށް މިހާތަނަށް ނުނުކުމެ އެވެ.

ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު ތިބި ކަން ދައްކަން ނުވަތަ އެމްޑީޕީއަށް މިއީ ބޮޑު ކާމިޔާވީއެއްކަން ދައްކަން އެ ޕާޓީއަށް ފަސޭހަވީ ވެސް މި ވޯޓާ ހެދި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމަށް ވާދަ ކުރެއްވި މޫސާ އަލީ ޖަލީލާ ސަލާމް ކުރައްވަނީ--
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމަށް ވާދަ ކުރެއްވި މޫސާ އަލީ ޖަލީލާ ސަލާމް ކުރައްވަނީ--

އެކަން ހާސިލް ކުރަން އެމްޑީޕީން ވާދަވެރިކަމާ އެކު މަސައްކަތް ކުރި ތަން އިއްޔެ ފެނުނެވެ. ވޯޓުލާން މީހުން ނެރެން އެމްޑީޕީން ބޮޑެތި މަސައްކަތްތަކެއް ކުރި އެވެ. ހަމައެކަނި "ނޫނެކޭ" ޖަހާލަން ވެސް މީހުން ނެރުނެވެ. ސަރުކާރަށް ވަރުގަދަ މެސެޖެއް ދިނުމުގެ ފުރުސަތަކަށް އެ މީހުން ބޭނުންކުރި އެވެ. 

"ދެ އިންތިހާބު އެއްކޮށްލުމުން ވާނެ ގެއްލުންތަކާއި އެ ރުޅިވެރިކަމުގައި ކައުސިލްތަކަށް ވެސް ގިނަ މީހުން ވޯޓު ދިން. ގިނަ މީހުންނަށް ގަބޫލު ކުރެވުނީ އިންތިހާބު މަދުވުމުން ސިޔާސީ މީހުން ގެއްލި ތަރައްގީ ހުއްޓުނީއޭ. ދެން ސަރުކާރު ވެސް ގެއްލުނީއޭ ފަސް އަހަރު ވަންދެން،" ޕީއެންސީގެ އެހެން އިސް މެމްބަރަކު ވިދާޅުވި އެވެ. 

މީގެ ކުރިން ކައުންސިލު އިންތިހާބެއްގައި ވޯޓުލުމަށް ނުނިކުންނަ ވަރަށް މީހުން އިއްޔެ ނިކުތެވެ. މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ޖުމްލަ 214،898 މީހުން ވޯޓުލީ އެ އިންތިހާބުގައި 170،000 އަށް ވުރެ ގިނަ މީހުން ވޯޓު ދިނީ އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވަން ނުފެންނަ ކަމަށެވެ. ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް މާވަރުގަދަ ކެމްޕެއިނެއް ނުކުރިޔަސް ރައްޔިތުންނަށް ފެނުނީ މިއީ ކޮށްގެން ހެޔޮވާރު ކަމެއް ނޫން ކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިހާބު 2026: މާފަންނު ސްޓޭޑިއަމްގައި ހުރި ޓެންޓުގައި ބަހައްޓާފައިވާ ވޯޓުފޮށްޓަކަށް ވޯޓުލުމަށް ގިނަ ބަޔަކު ކިއުގައި ޖެހިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ލޯކަލް ކައުންސިލް އިންތިހާބު 2026: މާފަންނު ސްޓޭޑިއަމްގައި ހުރި ޓެންޓުގައި ބަހައްޓާފައިވާ ވޯޓުފޮށްޓަކަށް ވޯޓުލުމަށް ގިނަ ބަޔަކު ކިއުގައި ޖެހިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހަކާ އެކު ކުރިއަށް ދަނިކޮށް ދައުރުގެ މެދުތެރެއިން މި ނެގި ވޯޓުން މި ދައްކުވައިދޭ މަންޒަރާ މެދު ސަރުކާރުން ވިސްނަން ޖެހެ އެވެ.  

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން އެންމެ ފުރަތަމަ ފެށިއިރު އެހާ ބޮޑު ފޯރިއެއް ނެތަސް ފެންނަ ނުފެނަން ވޯޓު ވެސް އެ އިންތިހާބުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ވެއްދުމާ އެކު މަންޒަރު ބަދަލުވި އެވެ. މައި ދެ ޕާޓީން ކެމްޕެއިން ކުރީ ރިޔާސީ އިންތިހާބެއްގެ ކެމްޕެއިނެކޭ އެއްފަދައިންނެވެ. އެހާ ވެސް ފޯރިގަދަ އެވެ. 

"ފެންނަ ނުފެންނަ ވޯޓުގެ ފޯރީގައި ކުރި ނެގެޓިވް ކެމްޕެއިންގެ ތެރެއިން ސިޓީތައް ވެސް ސަރުކާރަށް ގެއްލުނީ. އެންމެން ބޭނުންވީ ފެންނަ ނުފެންނަ ވޯޓުގެ ރުޅި ބާލަން. މީގެ ކުރިން ޕީއެންސީގެ ބާރު ވެސް ގަދަ ރަށްތައް އެ ގެއްލުނީ،" އެހެން ބޭފުޅަކު ވިދާޅުވި އެވެ. 

ވޯޓުލުމަށް މީހުން ކިޔުގައި ޖެހިފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވޯޓުލުމަށް މީހުން ކިޔުގައި ޖެހިފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެއާ އެކު، ސަރުކާރު ތެރެއިން ބައެއް ކަންކަން ފަހު ވަގުތު ކުރި ގޮތް ވެސް އެއީ މައްސަލައެއް ކަމަށް މަންޒަރު ބަލަން ދުރުގައި ތިބި މީހުން ދެކެ އެވެ. އޭގެ ތެރޭގައި ސިޔާސީ ވަޒީފާތަކާއި ކުއްލިކުއްލި އަށް އިއުލާންކުރި މަޝްރޫއުތައް އަދި ބައެއް ސިޔާސަތުތަކަށް އަންނަމުން ދިޔަ ކުއްލި ނިންމުންތައް ވެސް ހިމެނެ އެވެ. 

"މިސާލަކަށް އައްޑޫގައި ބޮޑު ކެމްޕެއިނެއް ޕީއެންސީން ކުރި. އެކަމަކު ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން އުންމީދުކުރި މިންވަރާ ގާތަށް ވެސް ނުހިންގުނު. ފުވައްމުލައް ވެސް އެހެން ގޮސް ގިނަ ރަށްތަކުގެ ހާލަތަކީ އެއީ. އެހެން އެކަން އޮއްވައި އިންތިހާބު ބޯމަތިވެފައި އޮއްވާ ކުއްލިއަކަށް ނިންމާ ޕޮލިސީ ނިންމުންތަކަށް ރައްޔިޔުންގެ އިތުބާރު ނެތީ ކަމަށް އަޅުގަނޑަށް ފެނުނީ،" ޕީއެންސީގެ ކެމްޕެއިންގައި އުޅުއްވި އިސްވެރިއަކު ވިދާޅުވި އެވެ. 

ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ އަދި ޕީޕީއެމް ޒަމާނުއްސުރެ އެ ސިޔާސީ ފިކުރަށް ތާއީދު ކުރައްވާ އިސްވެރިއަކު ވިދާޅުވީ، މި އިންތިހާބުން އެނގުނީ ކިތަންމެ ގިނަ ވަޒީފާއަކާއި ފަހު ވަގުތު ހިންގާ ޕްރޮޖެކްޓުތަކާއި ފައިސާ އަށް މިހާރު ދިވެހިން ނުގުޑާނެ ކަމެވެ. 

އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ދަންވަރު ބޭއްވި ހަރަކާތް-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ދަންވަރު ބޭއްވި ހަރަކާތް-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ހއ. ދިއްދު އަށް މި ސަރުކާރުން ފަހު ވަގުތު ކޮށްދިން ކަންތައް ވަކި ކުޑަތޯ؟ އެއާޕޯޓު އަޅަން މާސިންގާ ބިމެއް އެ ހިއްކާލީ. ކިހާ ބޮޑު ފައިދާއެއް އެއީ ދުރު މުސްގަބުލަށް ބަލައިފިއްޔާ. އެކަމަކު އެންމެ ގޮނޑިއެއް ނޫނީ ހުރިހާ ގޮނޑި އެ ދިނީ ޕީއެންސީއާ އިދިކޮޅަށް. މި ހުންނަނީ މެސެޖުތައް،" އޭނާ ވިދާޅުވި އެވެ. 

"ކޮންމެ ސަބަބަކާ ހެދި ވެސް އިތުބާރު ގެއްލޭ އެތައް ކަމެއް ވެސް ވުމުގެ ނަތީޖާ މި ފެނުނީ. ނިވަން ބައެއް މުއައްސަސާތަކުން ބަސް ބުނަންޖެހޭ ހާލަތުތަކުގައި ބަސް ނުބުނެ ހިމޭނުން ތިބި ތަން ވެސް ރައްޔިތުންނަށް ފެންނާނެ."

އެ ނާކާމިޔާބީއަށް ފަހު ފިޝަރީޒް މިނިސްޓަރު އަދި ޕީއެންސީގައި އިސްކޮށް އުޅުއްވާ އަހުމަދު ޝިޔާމް ވިދާޅުވީ އިންތިހާބުތައް ކާމިޔާބުވުމާއި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވިގެންވާ ކަމަށެވެ. އިންތިހާބުތަކުގެ ނަތީޖާއަކީ އަބަދުވެސް އެކަމާ މެދު ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ފަހި ފުރުސަތެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ޝިޔާމް ވިދާޅުވި ގޮތުގައި ޕީއެންސީއަކީ އަބަދުވެސް ކުރިއަށް ވިސްނާ ބައެކެވެ. އެހެންވެ، މިއީ ކުރަންވީ ކަންކަމާއި ދާން ވީ މަގު ސާފުކޮށްދިން މުހިއްމު އިންތިހާބެއް ކަމަށާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވި އެވެ. 

"ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައި... މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި." ސިޔާމް ވިދާޅުވި އެވެ.  

އިންިތިހާބަށް ގާތްވެފައި ވަނިކޮށް ފަހު ވަގުތު ސަރުކާރުން ރަނގަޅު ކަންކަން ކުރި ވެސް މެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމާއި ޓެކްސީ ހޯދުމުގައި އޮތް ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފުކުރުން ފަދަ ކަންކަން ހިމެނެ އެވެ. ނަމަވެސް އޭގެ ނަތީޖާއެއް ހާއްސަކޮށް ބޮޑެތި ރަށްރަށުން ނުފެނުނެވެ. 

އެތައް ގޯހެއް ހެދިގެން ނަމަވެސް ބާރުގަދަ ސަރުކާރެއް އޮވެ، ފަސް ސިޓީގެ ކައުންސިލްގެ ބާރު ސަރުކާރަށް އެއްކޮށް ގެއްލުމަކީ އާދައިގެ ކަމެއް ނޫނެވެ. ރައީސް މުއިއްޒު ވިދާޅުވިހެން ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ބައްޓަން ކުރަންޖެހެ އެވެ. ރައްޔިތުން މިދިން މެސެޖު ބަލައިގަނެ ކަންކަން ރަނގަޅުކުރާކަން ދައްކަން ޖެހެ އެވެ.