ވެރިކަން ކުރާ ޕާޓީ ޕީއެންސީން ބޭނުންވެގެން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް، އެ ޕާޓީގެ ދަފްތަރުގައި މެމްބަރުން ތިބި އަދަދަށް ވެސް ވޯޓު ނުލިބޭކަން ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެންނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ އެކު މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ވެސް ކުރިއަށް ގެންދިޔަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެންމެ ފަހުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 146،337 ވޯޓު ދިނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.
އެއީ ވޯޓުލީ މީހުންގެ 68.52 ޕަސެންޓު މީހުންނެވެ.
ދެ އިންތިހާބު އެއްކޮށްލަން ފެންނަ ކަމަށް ބުނެފައިވަނީ 67،221 މީހުންނެވެ.
އީސީގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު، އެންމެ ގިނަ މެމްބަރުން ތިބި ޕާޓީގެ ގޮތުގައި، މި އަހަރު ފެށުނު އިރު ޕީއެންސީގައި 74،048 މެމްބަރުން އެބަތިއްބެވެ.
އެހެންކަމުން، ޕީއެންސީގެ ދަފްތަރުގައި މެމްބަރުން ތިބި އަދަދާ ގާތަށް ވެސް، އެ ޕާޓީގެ ފިކުރާ އެއްގޮތަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ވޯޓު ލިބިފައެއް ނުވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި ހިޔާލު ހޯދުމުގެ ވޯޓު ބޭއްވުމަށްޓަކައި، އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވަން އެކަށީގެންވާ ވަރަށް ވަގުތު ސަރުކާރަށް ނުލިބުނު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ހިޔާލު ހޯދުމުގެ ވޯޓުގެ އިތުރުން، ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.
ހުރިހާ ސިޓީތަކާއި ރަށްތަކުގެ ކައުންސިލް ރައީސުންގެ ސާފު އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
އިންތިހާބުގައި ނުކުތް ނަތީޖާ އިހުތިރާމާ އެކު ބަލައިގަނެ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވައިފަ އެވެ.