އަސާސީ ހައްގެއް ހަނިކުރުމުގެ އެހެން ބޮޅެއް

ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގެކެވެ. މިހާ ސާފުކޮށް އޮތް ކަމެއްގައި، މި ހައްގު ނިގުޅައިގަނެވޭ ގޮތަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރަކު ހުށަހެޅުއްވި އިސްލާހުގެ މައްސަލަ މިހާރު ވަނީ ސިޔާސީ ދާއިރާގެ ބޮޑު ބަހުސަކަށް ވެފަ އެވެ. ޑިމޮކްރެޓިކް މުޖުތަމައެއްގައި އިންތިހާބުތަކަށް ވާދަކުރުމަކީ އެންމެ އަސާސީ އެއް ހައްގު ކަމަށް ވާއިރު، އެ ހައްގު ގެއްލޭ ގޮތަށް އަމަލު ކުރުމަކީ މަޑުން ތިބެވޭނެ ކަމެއް ނޫނެވެ.


ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް، ބަލިވުމަށް ފަހު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ބައިވެރި ނުވެވޭނެ ކަމަށެވެ. އަދި އެފަދަ މީހަކު ކެންޑިޑެސީ ހޯދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެ މެމްބަރެއްގެ ކެންޑިޑެސީ އެ ކޮމިޝަނުން ބާތިލް ކުރަން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ފަހަތުގައި ފޮރުވިފައިވާ ކަންކަން، އަދި ގާނޫނީ މައްސަލަތައް

މި އިސްލާހު ހުށަހެޅި ދަނޑިވަޅަށް ބަލާއިރު، މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިޔާސީ ސަބަބުތަކެއް އެބަ ހުއްޓެވެ.

އެއް ކަމަކީ އަންނަ ޖެނުއަރީ މަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާއިރު، ޕީޕީއެމްގައި ދެ ފެކްޝަން އުފެދި، އެ ދެ ފެކްޝަނަށް ތާއީދުކުރާ މީހުން ވެސް އެ އިންތިހާބަށް ވާދަކުރުމުގެ ޖާގަ އޮތުމެވެ. ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް އޮތް އެއް ބިރަކީ މައުމޫންގެ ފެކްޝަނަށް ތާއީދުކުރާ މީހުން ރައީސް ޔާމީންގެ ފެކްޝަންގެ ޕްރައިމަރީން ބަލިވެއްޖެ ނަމަ، އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލުމެވެ.

ހަމައެކަނި އަމިއްލަ ޕާޓީގެ އެތެރޭގެ ކޯޅުމެއްގައި އުޅޭ ކަމެއް ހައްލުކުރަން ރައްޔިތުންގެ އަސާސީ ހައްގެއް ނިގުޅައި ގަތުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ގާނޫނީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. ހާއްސަކޮށް އަސާސީ ހައްގުތައް ހަނިކުރެވޭނެ ގޮތް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް، އެ އުސޫލުތަކާ ވެސް ހިލާފަށް މިފަދަ އަމަލެއް ހިންގުމަކީ ޑިމޮކްރެޓިކް ހަމަތަކަށް ލޯބިކުރާ މީހުން ބަލައިގަންނާނެ ކަމެއް ނޫނެވެ.

ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ އިންތިހާބީ ހައްގަކީ އިންސާނީ ހައްގެއް ކަމަށާއި އެ ހައްގު ނިގުޅައިގަނެވޭނީ ނުވަތަ ހަނިކުރެވޭނީ ވެސް ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ. އަދި އަސާސީ ހައްގެއްގެ ތެރެއިން އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން، ޑިމޮކްރެޓިކް މުޖުތަމައެއްގައި އެފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށް ކަމަށް ގާނޫނުއަސާސީގައިވެ އެވެ.

ނަމަވެސް އިންތިހާބީ ހައްގަކަށް އަރައިގަންނަން މިއުޅެނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހަކުންނެވެ.

ގާނޫނީ ވަކީލު ސުއޫދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އިންތިހާބަށް ކުރިމަތިލުމުގެ ހައްގު، ރައްޔިތުންގެ ބަހަކާ ނުލައި ނިގުޅައި ނުގަނެވޭނެ ކަމަށް ވިދާޅުވި.---ފޮޓޯ: މުހައްމަދު ޝަރުހާން/ފައިލް ފޮޓޯ

"އިންތިހާބީ ހައްގަކީ އޭގެ ޒާތަށް ބަލާއިރު ވަރަށް މުހިންމު ހައްގެއް. އެއީ މީސްމީހުންނަށް ރައްޔިތެއްގެ ގޮތުގައި ލިބޭ އެންމެ ބޮޑު އަސާސީ ހައްގު. އިންތިހާބުތަކަށް ކުރިމަތިލުމާއި ސިޔާސީ ކަންކަމުގައި އުޅުމަކީ އެންމެ ބޮޑު އަސާސީ ހައްގު. ރައްޔިތުންގެ ބަހަކާ ނުލައި އެ ހައްގު ހަނި ވެސް ނުކުރެވޭނެ އަދި ނިގުޅައެއް ވެސް ނުގަނެވޭ. ރައްޔިތުންގެ ބަހޭ އަޅުގަނޑު މި ދަންނަވަނީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ވާހަކަ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރައިމަރީތަކުން ބަލިވާ މީހުން އަމިއްލަ ގޮތުން އިންތިހާބުތަކަށް ވާދަނުކުރެވޭ ގޮތް ޑިމޮކްރެޓިކް އެއްވެސް ގައުމެއްގައި ހަދާފައި ނެތް ކަމަށެވެ.

"ޕްރައިމަރީން ބަލިވާ ކެންޑިޑޭޓް އަމިއްލަ ގޮތުން އިންތިހާބަކަށް ކުރިމަތިލާ ނަމަ، ޕާޓީގެ ތެރެއިން ފިޔަވަޅު އެޅީމާ އެކަން އެ ނިމުނީ. ޕާޓީން ވަކިކޮށްލީމާ އެ އޮތީ ފިޔަވަޅު އެޅިފައި. ޕާޓީތަކަށް ތާއީދު އޮތިއްޔާ އެ މެމްބަރު ވެސް އިންތިހާބަށް ކުރިމަތިލައިގެން ހޮވޭނެ. އެހެންވީމާ ހުށަހަޅައިގެން މިއުޅޭ އިސްލާހުން އަޅުގަނޑަށް އެއްވެސް ވަރަކަށް ސެންސެއް މޭކެއް ނުކުރޭ،" ސުއޫދު ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ދެކެވަޑައިގަންނަވާ ގޮތުގައި، މަޖިލިހަށް ބަލައިގެންފައިވާ މި އިސްލާހުގެ އަސަރު ކުރާނީ ހަމައެކަނި ޕީީޕީއެމްގެ އެތެރޭގެ ކޯޅުމަކަށް ނޫނެވެ. އޭގެ އިތުރުން އިދިކޮޅު ފަރާތްތަކަށް އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އަށް ވެސް މި އިސްލާހުގެ ނޭދެވޭ އަސަރު ސިޔާސީ ގޮތުން ކުރާނެ އެވެ.

"މިސާލަކަށް އެމްޑީޕީގެ ޕްރައިމަރީއާ ދޭތެރޭގައި ޝައްކު އުފެދޭ މީހަކު ދާނީ ކޯޓަށް. އެކަމަކު ކޯޓުން ނިމޭ ގޮތަކުން އެ ޕްރައިމަރީގައި އެންމެ ތާއީދު ބޮޑު ކެންޑިޑޭޓަކަށް ފުރުސަތު ގެއްލުމުގެ ޖާގަ އޮވެދާނެ. އެ ހިސާބުން ސަރުކާރަށް ފަސޭހަވާނެ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް ބަލިކުރަން،" އަލީ ހުސެން ވިދާޅުވި އެވެ.

"ސަރުކާރުން ބޭނުންވާ ކެންޑިޑޭޓެއް އޭރުން އިދިކޮޅު މީހުންގެ ތެރެއިން ވެސް އިންތިހާބަށް ކުރިމަތިލާނީ. އެއީ ސަރުކާރަށް ފަސޭހައިން ބަލިކުރެވޭނެ ކެންޑިޑޭޓަކަށް ވާނީ. ސަރުކާރު ބޭނުންވާ ގޮތަށް ނަތީޖާ އަނބުރާލެވޭނެ."

ގާނޫނީ ވަކީލް އަލީ ހުސައިން: ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބުތަކުގައި ވާދަނުކުރެވޭ ގާނޫނީ ގޮތުން ހަދައިފި ނަމަ އޭގެ ނޭދެވޭ އަސަރު އިދިކޮޅު މީހުންނަށް ކުރާނެ ކަމަށް ވިދާޅުވި --މިހާރު ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވެސް ވިދާޅުވީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލުމުގެ ދޮރު އެއްކޮށް ބަންދުކުރުމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ބަލިވުމުން، އަމިއްލަ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމަކީ ރާއްޖޭގައި ޕާޓީގެ ނިޒާމުގެ ތެރެއިން ހިނގާ ކަމެކެވެ. މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް އަދި އެންމެ ފަހުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެސް ބައެއް މީހުން ވާދަކުރި އެވެ. އަދި އޭގެ ގެއްލުމާ ޕާޓީތަކުގެ ނިޒާމުގެ ތެރެއިން އެ ކެންޑިޑޭޓުން ކުރިމަތިލާން ވެސް ޖެހުނެވެ. އެއީ ޑިމޮކްރެޓިކް އުސޫލު ކަމަށް އެތައް ބަޔަކު އެއްބަސްވެ އެވެ. އެ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއެއްގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެމީހުންނާ މެދު ފިޔަވަޅު އަޅަ އެވެ. ނަމަވެސް އިންތިހާބަށް ކުރިމަތިލުމުގެ ހައްގު އެއްކޮށް ގެއްލިގެން ނުވާނެ އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން މީޑިއާއާ ވާހަކަފުޅު ދައްކަވަނީ: މަޖިލިހުގެ އަޣުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް އެމަނިކުފާނުގެ ފެކްޝަނުން ބުނޭ.---މިހާރު ފޮޓޯ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގަކީ އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނުއަސާސީ އާއި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައި އޮތް ހައްގެއް ކަމަށެވެ.

"އަޣުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، ތަކުރާރުކޮށް ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައިގަންނަން ގާނޫނުތަކަށް އިސްލާހު ހުށަހަޅާ، ރައްޔިތުންގެ މަޖިލިސް ހިންގުމުގެ އިޖުރާއަތްތަކާ ހިލާފަށް، އަވަސް އަވަހަށް އެފަދަ އިސްލާހުތައް ފާސްކުރަމުން ދިޔުމަކީ ޕާޓީގެ މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ،" އެ ފެކްޝަންގެ ބަޔާނުގައިވެ އެވެ.

ބޭނުމަކީ ފިތުނަވެރިކަން ހައްލުކުރުން

މަޖިލިހުގެ ތަޅުމުގައި މި އިސްލާހު ދިފާއުކުރައްވާ މެމްބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވަނީ، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބަށް ނުކުތުމުން، ޕާޓީގެ ތެރޭގައި ފިތުނަ ފަސާދަ އުފެދި ބޮޑެތި މައްސަލަތައް ނުކުންނަ ކަމަށެވެ. އެހެންވެ ގާނޫނަށް ހުށަހެޅި އިސްލާހުން އެ ފުރުސަތު ގެއްލޭނެ ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

މަޖިލިހުގެ އިއްޔެގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ފާހަގަކުރެއްވި ގޮތުގައި ޕްރައިމަރީން ބަލިވާ މީހުން އަމިއްލަ ގޮތުން އިންތިހާބަށް ނުކުތުމުން އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. އެގޮތުން ދެ މީހުންގެ އިތުރުން ދެ އާއިލާ ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ފިތުނައެއް. ގައުމުގެ ފެންވަރުގައި ވަރަށް ބޮޑު ފިތުނައެއް،" ޖައުފަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުތަކުގެ ސަބަބުން އާއިލާތަކާއި ޕާޓީތައް ޖެހޭ ކަމަށް ވަންޏާ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

އިސްލާހު ހުށަހެޅުއްވި މެމްބަރު ސައުދުގެ ވެސް ވިސްނުމަކީ ފިތުނައިން ގައުމު ސަލާމަތް ކުރުމެވެ. އިސްލާހުގެ ބޮޑު ބޭނުމަކީ ފިތުނަވެރިކަން ހައްލުކުރުމެވެ.

މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު ސައުދު ވާހަކަ ދައްކަވަނީ: ޕްރައިމަރީން ބަލިވާ މީހުންނަށް އަމިއްލަ ގޮތުން އިންތިހާބުތަކަށް ކުރިމަތި ނުލެވޭ ގޮތް ހަދަނީ ފިތުނައިން ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވި.---ފޮޓޯ: މަޖިލިސް

ސައުދު ފާހަގަކުރެއްވި ގޮތުގައި ޕްރައިމަރީތަކުގައި ވާދަކުރާ ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބަށް ނުކުތުމުން މިދިޔަ ދުވަސްތަކުގައި ޕާޓީތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އަދި އޭގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް މިއަދާ ހަމައަށް ވެސް ހައްލުވެފައި ނުވާތީ، މި އިސްލާހާ އެކު ޑިމޮކްރެސީއަށް އާރޯކަން އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ހަނިކުރަމުން، އެކި ގޮތްގޮތަށް ނިގުޅައިގަންނަމުން އަންނަ ދުވަސްވަރެއްގައި ހަގީގަތުގައި މިއީ އާ އިސްލާހެއް ނޫނެވެ. އެއްވެ އުޅުމުގެ މިނިވަންކަން ވެސް ގާނޫނުއަސާސީން ލިބިދީފައިވެ އެވެ. އެކަމަކު އެ ހައްގު ވެސް ހަނިކޮށް، އެއްވެ ޝުއޫރު ފާޅުކުރުމަކީ ގާނޫނީ ކުށަކަށް ވާ ދަރަޖައަށް ގާނޫނުތަކަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ބޭނުންވާ ކަމެއް ކުރަންވީމާ ދައްކަނީ ފިތުނަ އުފެދޭ ވާހަކަ އެވެ. އެކަމަކު ޑިމޮކްރެސީއެއްގައި ވިސްނަން ޖެހެނީ އެއަށް ވުރެ ހުޅުވިފައި އޮންނަ ސިކުނޑިއަކުން އަދި އެއަށް ވުރެ ފުޅާކޮށެވެ.