ތުހުމަތުވާ މީހާއަށް ޖިނާއީ ކުށުގެ ދައުވާ ސާބިތުނުވިޔަސް މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ނަމަ، އެ މުދަލެއް ދައުލަތަށް ނެގޭ ގޮތަށް ހެދުމާ އެކު، ރާއްޖޭން ބޭރުގައި ހުންނަ މުދާ ވެސް ހިފެހެއްޓޭ ގޮތަށް ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލު ހުށަހަޅައިފި އެވެ. 

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ ބިލުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުން ކަމަށެވެ. 

މަޖިލީހުން މިހާތަނަށް މި ބިލު އާންމުކޮށްފައިނުވިޔަސް "މިހާރު" އަށް އެނގިފައިވާ ގޮތުން ކުށް ކޮށްގެން ހޯދާ މުދަލާއި، ކުށް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ދެނެގަތުމުގެ މިންގަނޑުތަކާއި، އެފަދަ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކާއި، އެކަމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ކުށް ކޮށްގެން ހޯދާ މުދާ ދެނެގަތުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، އެފަދަ މުދާ ހިފެހެއްޓުމަށް އަޅާ ވަގުތީ ފިޔަވަޅުތަކާގުޅޭ އުސޫލުތައް ވެސް ބިލުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އެކައުންޓް މޮނިޓަކުރުމުގެ އަމުރާއި ޕްރޮޑަކްޝަން އަމުރު އަދި އެކައުންޓް ފްރީޒްކުރުމުގެ އަމުރު ހިމެނެ އެވެ. 

މޮނިޓަކުރުމުގެ އަމުރަކީ ދައުލަތަށް ނެގިދާނެ ފައިސާއާގުޅޭ މައުލޫމާތު ހޯދުމަށްޓަކައި، މާލީ އިދާރާއެއްގައިވާ އެކައުންޓެއް ބަލައި ފާސްކޮށް މޮނިޓަރކުރުމަށް ނެރޭ އަމުރެކެވެ. ޕްރޮޑަކްޝަން އަމުރަކީ ދައުލަތަށް ނެގިދާނެ މުދަލާގުޅޭ މައުލޫމާތު ހާމަކުރުމަށް މާލީ އިދާރާއަކަށް، ނުވަތަ ކަމާގުޅުންހުރި އެހެން ފަރާތަކަށް އެންގުމަށްޓަކައި ނެރޭ އަމުރެކެވެ. 

އެކައުންޓް ފްރީޒްކުރުމުގެ އަމުރަކީ ބިލުގައިވާ ގޮތުން މާލީ އިދާރާއެއްގައިވާ، ދައުލަތަށް ނެގިދާނެ ފައިސާއަކުން އެއްވެސް މުއާމަލާތެއް ކުރުން ހުއްޓުވުމަށްޓަކައި ނެރޭ އަމުރެކެވެ. މި އަމުރުތަކާ ގުޅޭ އުސޫލުތައް ބިލުގައި ތަފްސީލުކޮށް ހިމަނާފައިވެ އެވެ.

ސަރުކާރުން ފޮނުވި ބިލުގައި، ކުށް ސާބިތުވުމުން ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައަޅާފައިވެ އެވެ. އެގޮތުން އެފަދަ ހާލަތުގައި ރިސްޓްރެއިންޓް އަމުރާއި ފޯފީޗާ އަމުރު ނެރެވޭނެ ކަމަށް ބިލުގައިވެ އެވެ. 

ރިސްޓްރެއިންޓް އަމުރަކީ ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމަށް ނެރޭ އަމުރެކެވެ. ފޯފީޗާ އަމުރަކީ ދައުލަތަށް މުދާ ނެގުމަށް ނެރޭ އަމުރެކެވެ. މި ދެ އަމުރު ހޯދުމާއި ނެރުމާއި ތަންފީޒުކުރުމާއި ބަދަލުގެނައުމާއި ބާތިލުކުރުމާއި އެ ނޫން ވެސް ކަމާގުޅޭ އުސޫލުތައް ބިލުގައިވެ އެވެ.

ކުށް ސާބިތުނުވާ ހާލަތުގައިވެސް، މުދަލަކީ ކުށްކޮށްގެން ހޯދާ މުދާ ކަމުގައި މަދަނީ މިންގަނޑުން ސާބިތުކޮށްދެވޭ ނަމަ، އެ މުދާ ދައުލަތަށް ނެގޭނެ އިސްތިސްނާ ހާލަތްތަކާއި ކަމާގުޅޭ އުސޫލުތައް ބިލުގައި ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ސިވިލް ރިސްޓްރެއިންޓް އަމުރާއި ސިވިލް ފޯފީޗާ އަމުރު ހިމެނެ އެވެ. 

މިނިސްޓަރު އަލީ އިހުސާން އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިނިސްޓަރު އަލީ އިހުސާން އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ ކުށް ކޮށްގެން ހޯދާ މުދާ ބެލެހެއްޓުމާއި މެނޭޖްކުރުމާއި އެ މުދަލުން ތަސައްރުފުކުރުމާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.

އޭގެ ތެރޭގައި:

  1. އެސެޓް މެނޭޖްމަންޓް އޮތޯރިޓީ: ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ ކުށް ކޮށްގެން ހޯދާ މުދާ ބެލެހެއްޓުމާއި މެނޭޖްކުރުމާއި އެ މުދަލުން ތަސައްރުފުކުރުމާގުޅޭ ޒިންމާތައް އަދާކުރާނެ، މާލިއްޔަތާބެހޭ ވުޒާރާގެ ދަށުން ހިނގާ އެސެޓް މެނޭޖްމަންޓް އޮތޯރިޓީއެއް އުފެއްދުމާއި އޮތޯރިޓީގެ މަސްއޫލިއްޔަތުތައް.
  2. މުދާ ބެލެހެއްޓުމާއި މެނޭޖްކުރުމާއި މުދަލުން ތަސައްރުފުކުރުން: ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ މުދާ ރައްކާތެރިކަމާ އެކު މެނޭޖްކުރުމާއި ބެލެހެއްޓުމުގެ ހަމަތަކާއި އެ މުދަލުން ތަސައްރުފުކުރެވޭނެ ހާލަތްތަކާއި، ކަމާބެހޭ ފަރާތްތަކުގެ އިލްތިޒާމުތަކާގުޅޭ އުސޫލުތައް.
  3. ރިކަވާޑް އެސެޓްސް ފަންޑު: ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު، ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލުދިނުމަށާއި ކަމާގުޅޭގޮތުން ހިނގާ ހަރަދުތައް ބެލެހެއްޓުމަށް ބޭނުންކުރުމަށްޓަކައި ގާއިމުކުރެވޭ ހާއްސަ ފަންޑާ ގުޅޭ އުސޫލުތައް.

މީގެއިތުރުން ބައިނަލްއަގުވާމީ އެހީތެރިކަމާއި އެއްބާރުލުން ގާއިމުކުރުމާ ގުޅޭ އުސޫލުތައް ބިލުގައި ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގައިވާ ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ހިމެނެ އެވެ. 

ރާއްޖޭގައިވާ، ބޭރު ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ވެސް ބިލުގައިވެ އެވެ. އަދި ބައިނަލްއަގުވާމީ އެއްބަސްވުމެއްގެ ދަށުން ބޭރު ގައުމަކަށް ނަގައިދެވޭ ރާއްޖޭގައިވާ މުދަލެއް އެ ގައުމަކަށް އަނބުރާ ފޮނުވާލުމުގަ އާއި ބޭރު ގައުމުތަކުގައިވާ ރާއްޖޭގެ މުދާ ރާއްޖެއަށް ގެނައުމުގައި އަމަލުކުރާނެ އުސޫލުތައް ވެސް ބިލުގައި ހިމަނާފައިވެ އެވެ.