ދެކުނު ކޮރެއާގެ ރައީސް ޔޫން އިސްތިއުފާ ދެއްވަން ގޮވާލައި އެ ގައުމުގެ އިދިކޮޅު ޕާޓީގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ. --ފޮޓޯ: އޭއެފްޕީ
04 ޑިސެމްބަރ 2024 - 09:57
ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ނުލިބިގެން، ކުއްލި ހާލަތު އުވާލެއްވިޔަސް، ރައީސް ޔޫން ސުކް ޔެއޯލް އިސްތިއުފާ ދެއްވަން ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ދެކުނު ކޮރެއާގައި ކުއްލި ހާލަތު އިއުލާން ނުކުރާތާ 40 އަހަރު ފަހުން، އިއްޔެ ހަވީރު ކުއްލި ގޮތަކަށް، ކުއްލި ހާލަތު އިއުލާން ކުރުމުން މުޅި ދުނިޔެ އަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ.
ޔޫން، ކުއްލި ހާލަތު އިއުލާން ކުރެއްވީ، އުތުރު ކޮރެއާގެ ނުރައްކާ ބޮޑުވެ، ދެކުނު ކޮރެއާގެ ދައުލަތާ ދެކޮޅަށް އެތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އެވެ.
ކުއްލި ހާލަތު އިއުލާން ކުރުމާ އެކު 280 އަށް ވުރެ ގިނަ ހަތިޔާރު އެޅި ސިފައިން ވަނީ މަގުތަކަށް ނުކުމެ، ގާނޫނު ހަދާ މަޖިލިސް ވަށާލައި ބަންދުކޮށްފަ އެވެ.
އެކަމަކު ގާނޫނު ހަދާ މަޖިލިހުގެ 190 އަށް ވުރެ ގިނަ މެމްބަރުން ވަނީ ސިފައިންގެ ސަފުތައް ފޫއަޅުވާލައި، މަޖިލީހަށް ވަދެ، ކުއްލި ހާލަތު އުވައިލަން ފާސްކޮށްފަ އެވެ.
ދެކުނު ކޮރެއާގެ ރައީސް ކުއްލި ހާލަތު އުވާލެއްވި ހަބަރު ނޫހަކުން މީހަކު ކިޔަނީ. --ފޮޓޯ: އޭއެފްޕީ
ދެކުނު ކޮރެއާގެ ގާނޫނުއަސާސީ ބުނާ ގޮތުން، ގާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބިއްޖެ ނަމަ ކުއްލި ހާލަތު އުވާލަން ރައީސަށް މަޖުބޫރު ވާނެ އެވެ.
"މީގެ ކުޑައިރުކޮޅެއް ކުރިން ގާނޫނު ހަދާ މަޖިލީހުން ވަނީ ކުއްލި ހާލަތު އުވާލަން ނިންމާފައި. އެހެންކަމުން، މިހާރު އިއުލާން ކޮށްފައިވާ ކުއްލި ހާލަތު އުވާލައި، އަސްކަރިއްޔާގެ އޮޕަރޭޝަންތައް ނިމުމަކަށް ގެނެސް، ސިފައިން އަނބުރާ ދާން ވަނީ އަންގާފައި،" ޔޫން އިއުލާން ކުރެއްވި އެވެ.
ކުއްލި ހާލަތު އުވާލިޔަސް، ޔޫން މަގާމުން ދުރުކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާނެ ކަމަށް، އިދިކޮޅު ޕާޓީން ވަނީ ބުނެފަ އެވެ.
ޔޫން ނިސްބަތްވެވަޑައިގަންނަވާ ވެރިކަން ކުރާ ޕާޓީގެ ލީޑަރު ވެސް ވަނީ ކުއްލި ހާލަތު އިއުލާންކުރުމަކީ "ހިތާމަވެރި" ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އެކަން ޕާޓީގެ ތެރެއިން ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.
ކުއްލި ހާލަތު އިއުލާން ކުރުމުން، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެކު އެތަކެއް ހާސް އާންމު ރައްޔިތުން ވެސް ވަނީ މަގުތަކަށް ނުކުމެ، ޔޫންއާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަރުލަމާނީ ހިޔަޅު
04 December 2024
މީ ދުނިޔޭގެ ރިޔާސީ ނިޒާމް އެންމެ ރަގަޅަށް ހިގާ ކަމަށާް ބުނާ ގައުމު (އެމެރިކާގެ ފަހަށް). ރަގަޅުތަ މި ހިނގާ ގޮތް
ބޭރު ތަރުޖަމާ
04 December 2024
ވެރިކަމުގައި ޚާލިދާ އަށް ޖެހުނު ހާލު މި ކަލޭގެ އަށް ވެސް އެ އޮތީ ކުރިމަތިވެފައި