މީގެ ތިން މަސް ކުރިން ފްރާންސްގެ ސަރުކާރާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު މިޝެލް ބާނިއޭ. --ފޮޓޯ: އޭއެފްޕީ
04 ޑިސެމްބަރ 2024 - 10:29
ވެރިކަމާ ހަވާލުވިތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި، ފްރާންސްގެ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ފްރާންސްގެ ބޮޑުވަޒީރު މިޝެލް ބާނިއޭގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ އިތުބާރު ނެތް ކަމުގެ ތަފާތު ދެ މައްސަލައެއް ހުށަހަޅައިފަ އެވެ.
އެ މައްސަލަތައް ފާސްވާނެ ކަމަށް ބެލެވޭއިރު، ސިޔާސީ ހަމަނުޖެހުމަކަށް ފްރާންސް ވެއްޓުނަ ނުދީ، ބާނިއޭގެ ބަދަލުގައި ބޮޑުވަޒީރު ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ހިޔާރުކުރުމުގެ ބޮލު ރިހުން، ރައީސް އެމެނުއަލް މެކްރޮން އަށް ބޮޑުވާނެ އެވެ.
ބޮޑުވަޒީރު މިޝެލް ބާނިއޭ އާ މެދު، ފްރާންސްގެ ކަނާތު ފިޔައިގެ އިދިކޮޅު ޕާޓީ ނުރުހުނީ، އަންނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން ކޯޅުން ބޮޑުވެ، އިޖުތިމާއީ ހިދުމަތްތަކުގެ ބަޖެޓު ޕާލިމަންޓުގެ ވޯޓަށް ނާހައި ފާސްކުރުމުންނެވެ.
ބަޖެޓު މެދު ކޯޅުން އުފެދުމުގެ ކުރިން ވެސް، ބާނިއޭގެ ސަރުކާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. ފްރާންސްގެ ސިޔާސީ މައިދާނަށް ކަނާތު ފިޔައިގެ އިދިކޮޅު ޕާޓީ އަތްގަދަކުރުން ހުއްޓުވުމަށް، މެކްރޮން މީގެ ތިން މަސް ކުރިން ގޮވާލެއްވި އަވަސް އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަދި ކޯލިޝަނަކަށް ވެސް މެޖޯރިޓީ ލިބިފައެއް ނުވެ އެވެ.
ބާނިއޭގެ ސަރުކާރު ވެއްޓިއްޖެ ނަމަ ރައީސްކަމުގައި މެކްރޮން އަށް ވެސް ދެމިހުންނެވޭނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ ބާނިއޭގެ ސަރުކާރު ވާނީ 1958 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފްރާންސްގައި އެންމެ ކުރު މުއްދަތަކަށް ވެރިކަން ކުރި ސަރުކާރަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފފފފފ
05 December 2024
އިންޝާﷲ ވެއްޓޭނެ. އިންސާނުންގެ ލޭބޮއެ ގައުމުތަކުގެ ރިސޯސް ފޭރިގެން އުޅެވޭނީވެސް ވަކި މުއްދަތަކަށް.