ަީއީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ (ކ) އާއި ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު ފެބްރުއަރީ 25، 2019 ގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
12 ޑިސެމްބަރ 2024 - 06:42
ސީރިއާގައި ބައްޝާރުލް އަސަދު ވެރިކަން ވެއްޓުމަކީ އިޒްރޭލާ ދެކޮޅު ހަރަކާތަށް ކުރިމަތިވި ބަލިކަށި ކަމަކަށް ވެދާނެ ކަމަށާއި އެކަމަކު އެއީ އީރާނުގެ ބާރު ކުޑަވެގެން ދާނެ ކަމެއް ނޫން ކަމަށް އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޚާމަނާއީ ވިދާޅުވީ އިޒްރޭލާ ދެކޮޅު ހަރަކާތަކީ ކޮބައިކަން ބައެއް މީހުންނަށް ނޭނގޭ ކަމަށާއި އެހެންވެ އެ ހަރަކާތް ބަލިކަށިވުމުން އީރާން ވެސް ބަލިކަށިވާނެ ކަމަށް އެ މީހުންނަށް ހީވާ ކަމަށެވެ.
"...އީރާނަކީ ހަރުދަނާ އަދި ބާރުގަދަ ގައުމެއް. އަދިވެސް ބާރުގަދަ ވާނެ،" ބައްޝާރުގެ ވެރިކަން ވެއްޓުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ޚާމަނާއީ ވިދާޅުވި އެވެ.
ސީރިއާގެ ހަނގުރާމަވެރިން ހޯދި ކުއްލި އަދި ހަލުވި ކުރިއެރުންތަކާ އެކު ދިމިޝްގަށް އެރުމާ އެކު ބައްޝާރު ވެރިކަން ދޫކުރައްވައި ގައުމުން ބޭރަށް ވަނީ ވަޑައިގެންފަ އެވެ. އީރާނާ ގާތް ގުޅުމެއް އޮތް ބައްޝާރުގެ ވެރިކަން ވެއްޓުމުން އީރާނަށް ވެސް އެކަމުގެ ގެއްލުން ކުރިމަތިވާނެ ކަމަށް، ދިރާސާކުރާ މީހުން ދެކެ އެވެ.
އަވަށްޓެރި ލުބްނާނުގައި އޮންނަ އީރާންގެ ބައިވެރިޔާ ހިޒްބުﷲ އަށް ހަތިޔާރު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގައި ބައްޝާރު ވަނީ ސްޓްރެޓެޖިކް ދައުރެއް އަދާކުރައްވައިފަ އެވެ.
މި "ރެސިސްޓެންސް އޮފް އެކްސިސް" ގެ ތެރޭގައި ހިޒްބުﷲގެ އިތުރުން ޣައްޒާގެ ހަމާސް ޖަމާއަތާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާއި އިރާގުގެ ޝިޔައީ ކުދި ޖަމާއަތްތައް ހިމެނެ އެވެ. މި އެންމެން ވެސް އިޒްރޭލާއި އިޒްރޭލަށް އެންމެ ބޮޑަށް އެހީވާ އެމެރިކާއާ ދެކޮޅެވެ.
އީރާނުގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނުމުގެ ބާރު އޮންނަ ޚާމަނާއީ ތުހުމަތުކުރެއްވި ގޮތުގައި، އެމެރިކާ އާއި "ޒަޔަނިސްޓް ސަރުކާރު" ކަމަށްވާ އިޒްރޭލުން ބައްޝާރާ ދެކޮޅަށް ރޭވުންތައް ރާވާފައިވެ އެވެ.
"ސީރިއާގައި ހިނގަމުންދާ ކަންކަމަކީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އުފެއްދި ކަންތައްތަކެއް ކަމާ މެދު އެއްވެސް މީހަކު ޝައްކު ކޮށްގެން ނުވާނެ،" ޚާމަނާއީ ވިދާޅުވި އެވެ.
އަދި ވަކި ގައުމެއްގެ ނަން ނުގެންނަވައި ވިދާޅުވީ ސީރިއާގެ އަވަށްޓެރި ގައުމަކުން ވެސް މިކަމުގައި ބައިވެރިވި ކަމަށެވެ.
އިރާގު، އިޒްރޭލު، ޖޯޑަން، ލުބުނާން އަދި ތުރުކީއަކީ ވެސް ސީރިއާއާ ބޯޑަރުން އިންވާ ތަންތަނެވެ. އެކަމަކު ތުރުކީ އަކީ އަބަދުވެސް ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ތާއީދުކުރި ގައުމެކެވެ.
ޚާމަނާއީ ވިދާޅުވީ ސީރިއަށް އަށް އެރި އެކި ޖަމާއަތްތަކުގެ އޮތީ އެކި ބޭނުން ކަމަށެވެ.
އީރާނާއި ސީރިއާގެ ގުޅުން އެންމެ ބޮޑަށް ބަދަހިވީ 2011 ވަނަ އަހަރު ފެށި ސީރިއާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު، ބައްޝާރަށް އެހީވުމަށް އީރާނުން "އަސްކަރީ މުޝީރުން" ގެ ނަމުގައި މީހުން ފޮނުވި އިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބސބސވ
12 December 2024
ރަނގަޅު . ބަސްބުނެގެން އިޒުރޭލަށް ހަމަ ނިދި ނުނިދޭނެ.