ޖޯޑަންގައި ބޭއްވި ސީރިއާއާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމުގައި ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން (ކ) އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
15 ޑިސެމްބަރ 2024 - 05:56
ސީރިއާގެ ވެރިކަން ބަދަލުކޮށް ގައުމުގެ ކޮންޓްރޯލް ހޯދި ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އާ ގުޅިފައިވާ ކަމަށާއި އެ މީހުންނާ މިހާރު ވާހަކަ ދެކެވޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
ޖޯޑަންގައި ސީރިއާއާ ބެހޭ ގޮތުން ބޭއްވި މަޝްވަރާތަކަށް ފަހު ބްލިންކެން މިހެން ވިދާޅުވެފައި މިވަނީ ހަނގުރާމަވެރިން ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އަދި ތުރުކީން ދިމިޝްގުގައި އެ ގައުމުގެ އެމްބަސީ ވެސް އަލުން ހުޅުވާފައި ވަނިކޮށެވެ. ސީރިއާގައި ހުންނަ ތުރުކީގެ އެމްބަސީ ވަނީ ސީރިއާގެ ދާހިލީ ހަނގުރާމައިގެ ކުރީކޮޅު ހަލާކުކޮށްލައިފަ އެވެ.
"އެޗްޓީއެސް އާއި އެހެނިހެން ފަރާތްތަކާ ވެސް ވަނީ ގުޅިފައި،" ހަނގުރާމަވެރިންނާ ސީދާ މުއާމަލާތުކުރެވޭ ގޮތް ހަމަޖެހުނީ ކިހިނެއްކަން ހާމަނުކުރައްވައި ބްލިންކެން ނޫސްވެރިންނަށް ވިދާޅުވި އެވެ.
ބްލިންކެން މި ވާހަކަ ދެއްކެވީ ސީރިއާއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޖޯޑަންގައި ތިއްބެވި މެދުއިރުމައްޗާއި ތުރުކީ އަދި ހުޅަނގުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރެއްވުމަށް އެވެ.
ސީރިއާގެ މައްސަލައިގައި ތުރުކީގެ ދައުރު ބޮޑެވެ. ސީރިއާގައި ހަނގުރާމަކުރި އެކި ޖަމާއަތްތަކަށް ފައިސާ ދިނުމާއި، ބައްޝާރު ވައްޓާލި ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވި އެޗްޓީއެސްއާ އެކު ތުރުކީން އައީ އެންމެ ކުރިން ފެށިގެން ވެސް ގުޅުން ބާއްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy