އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖު ޝޯއެއްގައި ޕާފޯމްކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖެސް
17 ޑިސެމްބަރ 2024 - 05:55
އިންޑިއާގައި އޭނާގެ ލައިވް ޝޯތައް ދެން ނުބާއްވާނެ ކަމަށް ޕަންޖާބުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖު އިއްޔެ ބުނެފި އެވެ.
އިންޑިއާގެ އެންމެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭގައި މިހާރު ހިމެނޭ ދިލްޖީތު އެކަން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑިއާގެ ޗަންދީގަރުގައި އޭނާ ބޭއްވި ޝޯގައި ވާހަކަދައްކަމުންނެވެ. އޭނާ ބުނި ގޮތުގައި، އެގޮތަށް ނިންމަން ޖެހުނީ އިންޑިއާގައި ޝޯ ދޭން ހުރި ތަންތަނުގެ އިންފްރާސްޓްރަކްޗާ ދަށްވުމެވެ.
އޭނާ ބުނީ މިއުޒިކް ޝޯތައް ބޭއްވުމަށް ރަނގަޅު އިންފްރާސްޓްރަކްޗާއާ އެކު ތަންތަން ނުހަދާ ނަމަ، ދެން އިންޑިއާގައި އޭނާގެ ޝޯތައް ނުބާއްވާނެ ކަމަށެވެ.
ދިލްޖީތު ބުނީ މި ޝޯތަކުން ބޮޑު އާމްދަނީއެއް ލިބޭއިރު ޝޯ ބާއްވާ ތަންތަނުގެ ފެންވަރު ރަނގަޅުވާން ޖެހޭނެ ކަމަށެވެ. އަދި މި ޝޯތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ވެސް ފަހިވާއިރު، އެ މީހުންނަށް ވެސް ރައްކާތެރި މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ބޭނުންވަނީ ޝޯ ދޭ ވެނިއުގެ މެދުގައި ސްޓޭޖު އިންނަން، އަދި އެ ސްޓޭޖުގެ ވަށައިގެން އޯޑިއެންސް ތިބެން. އެކަން އެގޮތަށް ނުވަނިސް ދެން އިންޑިއާގައި ޝޯ ނުދޭނަން، ޔަގީން،" އޭނާ ބުންޏެވެ.
ދިލްޖީތު އޭނާގެ އިންޑިއަން ޓުއާގެ ފަހު ޝޯ މި މަހު 29 ގައި ބާއްވާނެ އެވެ. އޭނާ ވަނީ މި އަހަރު އިންޑިއާގެ ވަރަށް ގިނަ ސިޓީތަކުގައި ޝޯ ދީފަ އެވެ. އަދި އިންޓަނޭޝަނަލް ސްޓޭޖުތަކުގައި ވެސް އޭނާ ވަނީ މިފަހުން ކާމިޔާބު ޝޯތަކެއް ދީފަ އެވެ. ހާއްސަކޮށް، އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި މިދިޔަ އަހަރުގެ ކޮޗޭލާ ފެސްޓިވަލުގައި އޭނާ ދިން ޝޯއަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
ބޮލީވުޑްގައި އޭނާ ވަނީ މި އަހަރު ވިދާލައިފަ އެވެ. ގިނަ ފިލްމުތަކަށް އޭނާ ލަވަ ކިޔާފައިވެ އެވެ.
ލަވަކިޔުމުގެ އިތުރުން އޭނާއަކީ އެކްޓަރެކެވެ. މި އަހަރު ނެޓްފްލިކްސް އިން ގެނެސްދިން އޭނާގެ މިއުޒިކަލް ފިލްމު "އަމަރް ސިންގް ޗަމްކީލާ" ވަރަށް މަޝްހޫރުވި އެވެ. އޭއާރު ރަހްމާން މިއުޒިކް ޑައިރެކްޓުކުރި އެ ފިލްމަށް ވަރަށް ގިނަ އެވޯޑުތައް ވެސް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy