އިޒްރޭލާއި ލުބްނާނާ ދެމެދު ހަދާފައި އޮންނަ މަގު ފާހަގަކުރުމަށް، އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ޖަހާފައި ހުންނަ "ބްލޫ ލައިން ބެރަލް" ކައިރީ އދ.ގެ ސިފައިން: މިތަން އިޒްރޭލުން ހަލާކުކޮށްލާފައިވާ ކަމަށް އދ. އިން ވަނީ ބުނެފައި.
05 ޖެނުއަރީ 2025 - 06:18
ލުބުނާންގައި ހަމަލާތައް ހުއްޓާލުމަށް އެ ގައުމުގެ ހިޒްބުﷲ ޖަމާއަތާ އެކު ނޮވެމްބަރު މަހު އިޒްރޭލުން އެއްބަސްވި އަސާސް ކަމުގައިވާ 2006 ވަނަ އަހަރުގެ ސަލާމަތީ މަޖިލީހުގެ ގަރާރާ އިޒްރޭލުން ވަރަށް ބޮޑަށް ހިލާފުވެފައިވާ ކަމަށް، އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުން ތުހުމަތުކޮށްފި އެވެ.
އދ.ގެ އިންޓަރިމް ފޯސް އިން ލުބުނާން (ޔުނިފިލް) އިން މިހެން ބުނެފައި މިވަނީ ހަމަލާތައް ހުއްޓާލައި އެކަމާ ގުޅޭ ކަންކަން 60 ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިންމުމަށް އޮތް މުހުލަތު ނިމެންދެން ވެސް އިޒްރޭލުގެ އަމަލުތައް ހުރި ގޮތުން ކެތް ނުކުރެވޭނެ ކަމަށް ބުނެ އިންޒާރު ހިޒްބުﷲގެ ލީޑަރު ނާއިމް ގާސިމް އިންޒާރު ދެއްވާފައި ވަނިކޮށެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްބަސްވުމާ ހިލާފް ވެފައިވާ ކަމަށް އިޒްރޭލާއި ހިޒްބުﷲ އިން ވެސް އެއްބަޔަކު އަނެއް ބަޔަކަށް ކުރެ އެވެ.
"މިއަދު ހެނދުނު ސުލްހަ ބަލަހައްޓާ ސިފައިންނަށް ވަނީ ލުބުނާން އާއި އިޒްރޭލާ ދެމެދު ހަދާފައިވާ 'މަގު' ފާހަގަކުރުމަށް ޖަހާފައި ހުންނަ ނޫކުލައިގެ ތާނގީ އިޒްރޭލު ސިފައިން ހަލާކުކޮށްލައި އެތަނުގެ ޔުނިފިލް ޕޮޒިޝަނެއްގެ ކައިރީގައި ހުރި ލުބްނާނުގެ ސިފައިންގެ އޮބްޒަވޭޝަން ޓަވަރެއް ހަލާކުކުރި ތަން ވެސް ފެނިފަ އެވެ." ސުލްހަ ބަލަހައްޓާ ސިފައިންގެ ބަޔާނުގައިވެ އެވެ.
"ލުބުނާނުގެ އަސްކަރިއްޔާ އާއި ޔުނިފިލްގެ މުދަލާއި އުމްރާނީ ވަސީލަތްތައް ވަރަށް ސާފުކޮށް އެނގެން ހުއްޓާ ގަސްތުގައި އެ ތަކެތި ހަލާކުކުރުމަކީ 1701 ވަނަ ގަރާރާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެކެވެ."
ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ބަލަހައްޓާ ޕެނަލްގައި ތަމްސީލުކުރާ އެ ފޯސް އިން ވަނީ "ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުން ރޫޅި އަލުން ހަމަނުޖެހުން ފެށިދާނެ ކަންކަމުން އެންމެން ދުރުހެލިވުމަށް ގޮވާލައިފަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކުގެ ދަށުން، އިޒްރޭލުގެ އަސްކަރިއްޔާ 60 ދުވަހުގެ މުއްދަތަކަށް ފަހަތަށް ޖެހިފައިވާއިރު، ދެކުނުގައި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންނާ އެކު ލުބުނާނުގެ އަސްކަރިއްޔާ އިން ހަރަކާތްތެރިވާން ވަނީ ނިންމައިފަ އެވެ.
ހިޒްބުﷲ އިން ވަނީ ބޯޑަރުން ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ލިތާނީ ކޯރުގެ އުތުރުން އެ ޖަމާއަތުގެ ސިފައިން އަނބުރާ ގެންގޮސް، ދެކުނުގައި ބާކީ ހުރި އަސްކަރީ އިންފްރާސްޓްރަކްޗާތައް ނައްތާލަން ނިންމައިފަ އެވެ.
އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ވަނީ ލުބުނާނުގެ ދެކުނުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ދެމުންދާ ގެއްލުންތަކާ މެދު ޑިސެމްބަރު މަހުގެ ފަހުކޮޅު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ލުބްނާނަށް ދިން ވައިގެ ހަމަލާތަކުގެ ތަފްސީލް ދެމުން އިޒްރޭލުން އަސްކަރިއްޔާއިން ބުނީ މިއި އިޒްރޭލަށް ހުރި ނުރައްކާތަށް ނައްތާލުމަށް "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން" ދޭ ހަމަލާތަކެއް ކަމަށެވެ.
ހިޒްބުﷲގެ ލީޑަރު ގާސިމް ވިދާޅުވީ ހިޒްބުﷲ އިން މި ކަމުގައި ކެތްތެރިކަން އިސްކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން އަބަދު ދެމި ނޯންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy