11 ޖެނުއަރީ 2025 - 10:52
ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމް ވެއްޓިފައި އޮތް ފުން ވަޅުގަނޑުން އަރައިގަނެވޭނެކަމުގެ ކޮޅުމައްޗެއް އަދިވެސް ނުފެނެ އެވެ. އެ އެސޯސިއޭޝަނުގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދަރަނި ކުޑައަޑިކޮށްލެވިގެން ނޫނީ ފެނުން މައްޗަށް ހިއްލާލެވެން ވެސް ނެތެވެ. އެފްއޭއެމްއާ އެކު ރާއްޖޭގެ މައި ލީގާއި ޑޮމެސްޓިކް ރަސްމީ އެހެން މުބާރާތްތައް ވެސް އޮތީ ހުއްޓިފަ އެވެ. ގައުމީ ޓީމަށް ވެސް އޭގެ އަސަރު ކުރާނެ އެވެ.
ސީނިއާ ލެވަލްގައި ރަސްމީ އެއްވެސް މުބާރާތެއް ރާއްޖޭގައި ނުކުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެފްއޭ ހަމަޔަކަށް އެޅެންދެން ފުޓްބޯޅަ ނުކުޅެ ތިބެވޭކަށް ވެސް ނެތެވެ. ހާއްސަކޮށް، ގައުމީ ޓީމަށް މުހިންމު އަހަރެއްގައި ޑޮމެސްޓިކް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް ނެތި މިހެން ތިބެންވެއްޖެ ނަމަ މިއަށްވުރެ ވެސް ދަށް ހާލަތަކަށް ރާއްޖޭގެ ފުޓްބޯޅަ ވެއްޓޭނެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އެފްއޭއެމުން އުޅެންވީ، އެ އެސޯސިއޭޝަނުގެ ސަލާމަތަށްޓަކަ އެވެ. އެ އެސޯސިއޭޝަނުން ކުރަންވީ ކަމަކީ ރާއްޖޭގެ މައި ލީގު ހިންގަން އައުޓްސޯސްކޮށް ޕްރައިވެޓައިޒް ކުރުމެވެ. ދިވެހި ލީގު ޕްރައިވެޓައިޒް ކުރުމުގެ ހިޔާލަކީ މީގެ ނުވަ އަހަރު ކުރިން ރާއްޖޭގެ ޕީއާރް އަދި މާކެޓިން ފާމަކުން ފާޅު ކުރި ހިޔާލެކެވެ. "އޯކާ މީޑިއާ ގްރޫޕް" ޕީއާރް ކުންފުނިން 2016 ގައި އާންމުކުރި ކަރުދާހެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ފުޓްބޯޅަ ފޯރިގަދަކޮށް މާކެޓްކުރަށް، ލީގު ޕްރައިވެޓައިޒް ކުރެވިދާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ފާމުން އެ ކަރުދާސް އެފްއޭއެމަށް ވެސް އޭރު ހުށަހެޅި އެވެ. އެކަމަކު އެ ހިޔާލު އެފްއޭއެމަށް ވެސް ކަމަކު ނުދިޔަ އެވެ. އެހެން ގައުމުތަކުގައި އެކަން އެގޮތަށް ކުރިޔަސް ރާއްޖޭގައި އެކަން ނުކުރެވިދާނެކަމަށް އޭރު ފެނުނެވެ. އެކަމަކު މިހާރު، އެފްއޭއެމް އޮތް ހާލަތުން އެންމެ ރަނގަޅު ގޮތަކީ ލީގު ޕްރައިވެޓައިޒް ކުރުންކަން ފުޓްބޯޅައިގައި ޝާމިލުވާ ބައެއް މީހުން ގަބޫލުކުރެ އެވެ.
ލީގު ޕްރައިވެޓައިޒް ކުރުމަށް ފަހު ލީގު ހިންގުމުގެ މައިގަނޑު މަސައްކަތް ކުރާނީ ޕްރައިވެޓް އެންޓިޓީންނެވެ. އެފްއޭއެމަށް އޮންނާނީ ލީގާ ގުޅޭ ވަކި ގަވާއިދުތައް އެކުލަވާލުމުގެ މަސްއޫލިއްޔަތުތަކެވެ. ރެފްރީންނާއި މެޗު އޮފިޝަލުންނާ ގުޅޭ މަސައްކަތެވެ. އަދި ފިޔަވަޅު އެޅުމާއި އިސްތިއުނާފީ މަރުހަލާތަކާ ގުޅޭ ދައުރެވެ. ކުރުކޮށް ބުނާ ނަމަ، ލީގުގައި އެފްއޭގެ ދައުރަކީ ރެގިއުލޭޓް ކުރުމެވެ.
ޑީވައިއެލް އިންތިޒާމު ކޮމިޓީގެ ޗެއާޕާސަން އަދި އެމްއެސް މޭޓްސްގެ ރައީސް ކާމިނީޕޫލް ހަސަން --- ފޮޓޯ: ޑީވައިއެލް
މިހާރު ކުރިއަށްދާ ދިވެހި ޔޫތު ލީގަކީ އޭގެ މިސާލެކެވެ. ތިން އުމުރުފުރައަށް ހާއްސަކޮށްފައިވާ ލީގު ކުރިއަށްގެންދަނީ މޯލްޑިވްސް ސޮކަ މޭޓްސްއިންނެވެ. އެކަޑަމީތަކުގައި ތަމްރީނުވަމުން އަންނަ ބައެއް ކުޅުންތެރިންގެ ބެލެނިވެރިން އިސްނަގައިގެން ޔޫތު ލީގު ބޭއްވުމަށް އިސްނަގައި މެދުވެރިޔަކަށް ހެދީ އެމްއެސް މޭޓްސް އެވެ. އެފްއޭއެމާ ގުޅިގެން ކުރިއަށްގެންދާ މުބާރާތް ހާއްސަކުރީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ޔޫތު ޓީމުތަކަށެވެ.
އެކަމަކު އެ މުބާރާތް ބޭއްވުމަށް ކުރަން ޖެހޭ މައިގަނޑު މަސައްކަތްތަކެއް ކުރަނީ ލީގު ފައުންޑަރުންގެ ގޮތުގައި އިސްނެގި ބެލެނިވެރިންނެވެ. އެ މުބާރާތުގައި ބޭނުންކުރާ ޑިޖިޓަލް ސިސްޓަމަކީ ރާއްޖޭގެ ފުޓްބޯޅައިގައި އަލަށް ބާއްވާ މުބާރާތެއްގައި މިހާތަނަށް ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު ޓެކޮނޮލޮޖީ އެވެ. ކުޅުންތެރިންގެ ޑޭޓާ އެއްކުރުމަށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް ސިސްޓަމަކީ މި ބެލެނިވެރިންގެ ޓީމުގެ މަސައްކަތެވެ.
އެ މުބާރާތުގައި ކުޅުންތެރިންގެ ޕާފޯމަންސް މިހާރަށް ވުރެ ތަފުސީލުކޮށް އެނަލައިޒް ކުރަން އާޓިފިޝަލް އިންޓެލިޖެންސް ކެމެރާއެއް ވެސް ވަނީ ގެނެސްފަ އެވެ. "ވީއީއޯ ކެމް3" އަކީ ފުޓްބޯޅަ އެނަލިސްސް އަށް ހާއްސަ ކެމެރާއެކެވެ. މިއީ ރާއްޖޭގެ ކުޅިވަރުގައި ޑޭޓާ އެނަލިސިސް ނެގުމަށް މިހާތަނަށް ބޭނުން ނުކުރާވަރުގެ ޓެކޮނޮލޮޖީ އެކެވެ.
ޑީވައިއެލްއަކީ އަމިއްލަ ބައެއްގެ ޕްރޮޑެކްޓެކެވެ. އެ މުބާރާތަށް ބެލެނިވެރިންގެ ޓީމުން ކުރި އިންވެސްޓްމެންޓަކީ އެފްއޭއެމްގެ ޓޮޕް ޑިވިޝަން މުބާރާތްތަކުގައި ވެސް ކޮށްފައި ނެތް ވަރުގެ އިންވެސްޓްމެންޓެކެވެ.
ޕްރައިވެޓައިޒޭޝަންގެ އުސޫލުން މުބާރާތް ބޭއްވިދާނެކަމުގެ ކުޑަކުޑަ މިސާލެކެވެ. އެ މުބާރާތުގައި އެފްއޭއެމްގެ ދައުރަކީ ރެފްރީންނާއި މެޗު އޮފިޝަލުން ފޯރުކޮށްދިމުގެ ދައުރެވެ. އަދި އޭއެފްސީ އާއި ފީފާގެ އުސޫލުތަކަށް ފެތޭގޮތަށް މުބާރާތް ބައްޓަންކޮށްދިނުމުގެ ދައުރެވެ. މުބާރާތަށް ކުރި ހުރިހާ އިންވެސްޓްމެންޓެއް ކުރީ އަމިއްލަ އެންޓިޓީ ނުވަތަ އެމްއެސް މޭޓްސްއާ ގުޅިފައިވާ އިންތިޒާމު ކޮމިޓީންނެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ޑިވައިއެލްގެ މެޗެއް ޝަރަފުވެރިކޮށްދެއްވަނީ --- ފޮޓޯ: ޑީވައިއެލް
"ދިވެހި ލީގު ވެސް އެފްއޭއެމުން އަތް ދޫކޮށްލަންވީ. ހަމަ ޕްރައިވެޓައިޒްކޮށް ކުރަން ފުރުސަތު ދޭންވީ،" ޔޫތު ލީގުގެ އިންތިޒާމު ކޮމިޓީގެ މެންބަރަކު ބުންޏެވެ.
"ޑީވައިއެލް މި ގެންދަނީ އެފްއޭއެމްއާ ގުޅިގެން. އެކަމަކު ޕްރައިވެޓައިޒޭޝަން އުސޫލަކުން. އެފްއޭއިން ރެފްރީން ހަމަޖެއްސީ. އެކަމަކު ރެފްރީންނަށް [ފައިސާ] ޕޭ މި ކުރަނީ އަޅުގަނޑުމެން."
ޑީވައިއެލްގައި ރެފްރީންގެ އިނާޔަތް ވެސް އެ ދުވަހުން އެދުވަހަށް ދީ ހަލާސް ކުރެ އެވެ. އެކަމަކު އެފްއޭއެމުން ބާއްވާ މުބާރާތްތަކުގައި ރެފްރީންނަށް ގަވާއިދުން ފައިސާ ނުދޭ މައްސަލަ ވެސް ބޮޑެވެ.
"އެފްއޭއިން ކުރަން ވެއްޖެއްޔާ މި އޮންނަނީ ނުކުރެވިފައި. އެކަމަކު ޕްރައިވެޓައިޒް ކުރީމަ މާ ރަނގަޅު ފެންވަރަކަށް ކުރެވޭނެކަން އެބަ އެނގޭ އަމިއްލަ ފަރާތްތަކުން ބާއްވާ މުބާރާތްތަކަށް ބަލާލީމަ ވެސް،" މެޗު އޮފިޝަލަކު ބުންޏެވެ.
މިދިޔަ މަހު ނިމިގެންދިޔަ ގޯލްޑް ކަޕަކީ "ނައިންޓީ ޕްލަސް" ގެ ކުޑައިގެ ދަށުން ބޭއްވި މުބާރާތެކެވެ. ކްލަބް ލައިސެންސިންގެ ތެރެއަށް ނުފެތޭތީ އެ މުބާރާތަށް އެއްބާރުލުން ދޭން އެފްއޭއެމުން ފުރަތަމަ ބޭނުމެއް ނުވި އެވެ. އެފްއޭއެމްގެ ރެފްރީންނަށް، އެ މުބާރާތުގައި އޮފިޝަލުކަން ކުރުން މަނާކުރާ ހިސާބަށް ކަންކަން ދިޔަ އެވެ. އެކަމަކު ފަހުން އެފްއޭއެމުން ވެސް ކޮންމެވެސް ސިފައެއްގައި އެއްބާރުލުން ދީ، ރެފްރީންނާއި ޓެކްނިކަލް އެހެން އޮފިޝަލުން ވެސް ފޯރުކޮށްދިނެވެ.
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތަކީ، އަމިއްލަ ފަރާތްތަކުން ބާއްވާ މުބާރާތްތަކުގެ ތެރެއިން ކާމިޔާބު އެއް ޕްރޮޑެކްޓެވެ. އެންމެ ފުރަތަމަ އާދައިގެ ގޮތަކަށް ފެށި މުބާރާތް ކޮންމެ އަހަރަކުހެން ދަނީ އޭގެ ކުރީ އަހަރަށްވުރެ ފެންވަރު ރަނގަޅު ކުރަމުންނެވެ.
ދިވެހި ލީގު މެޗަކަށް ދެ ޓީމެއް ނުކުންނަނީ --- ފޮޓޯ: ޑީޕީއެލް
އެފްއޭއެމުން ބާއްވާ މުބާރާތްތައް އަހަރުން އަހަރަށް ފެންވަރު ދަނީ ދަށަށެވެ. ކްލަބްތަކުން މެޗަށް ހާޒިރުނުވެ ގަސްތުގައި މެޗު ދޫކޮށްލަ އެވެ. އެންމެ ފަހުގެ ދިވެހި ލީގުގެ ފަހު ބުރުގައި ވެސް ދެ ކްލަބަކުން ގަސްތުގައި މުބާރާތުން ވަކިވި އެވެ. އެންމެ ފަހުގެ ސީޒަންގައި ހުރި ފެންވަރު މި އަހަރު ލީގުގައި ހުންނާނެކަމުގެ ޔަގީންކަމެއް ނެތެވެ. މުބާރާތް ބާއްވަން ސްޕޮންސާޝިޕް ފައިސާ ހޯދުމަށް ފަހު ނުބާއްވާ މައްސަލަ ވެސް އެފްއޭއެމްއާ މެދު އޮތީ ފެންމަތިވެފަ އެވެ.
ނައިންޓީ ޕްލަސްގެ މެނޭޖިން ޑިރެކްޓާ ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ އެފްއޭއެމް ވާން ޖެހޭނީ ލީގުގައި އޮބްޒާވް އަދި ރެގިއުލޭޓްކުރާ ބޮޑީއަށް ކަމަށެވެ.
"(ދިވެހި) ލީގު އައުޓްސޯސްކޮށް ޕްރައިވެޓައިޒް ކުރަންވީ. ލީގު ޕްރައިވެޓައިޒް ކުރިޔަސް އެފްއޭގެ ދައުރު ވަކި ކުޑައެއް ނުވާނެ،" ޝާޒް ބުންޏެވެ.
"ޑިވެލޮޕްމެންޓާއި ގައުމީ ޓީމުގެ މަސައްކަތްތަކަކީ ވެސް ވަކި ލުއި މަސައްކަތްތަކެއް ނޫން. އަދި ލީގުގެ ގަވާއިދު ހެދުމާއި ކޯޗުން ޑިވެލޮޕްމެންޓްގެ މަސައްކަތަކީ އެފްއޭއާ ގުޅުން ހުރި މަސައްކަތް،" ޝާޒް ބުންޏެވެ.
އޭނާ ބުނީ ލީގު ޕްރައިވެޓައިޒް ކުރުމުން ފުޓްބޯޅައާ ގުޅުން ހުރި އެހެން މަސައްކަތްތަކަށް ސަމާލުކަން ދޭން އެފްއޭއެމަށް ފަސޭހަ ވެސް ވާނެ ކަމަށެވެ.
ލީގު ހިންގާނެ ޕްރައިވެޓް އެންޓިޓީއެއް ހޯދުމުގައި އެކި ބޭފުޅުންގެ ހިޔާލު ހުރީ އެކި ގޮތަށެވެ. އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ހާމިދު އަބްދުލްޣަފޫރު ކުރިން ވިދާޅުވީ، ލީގު ޕްރައިވެޓައިޒް ކުރާ ނަމަ އަލަށް ކުންފުންޏެއް ނުހަދައި، މިހާރު އޮތް ސްޕޯޓްސް ކޯޕަރޭޝަނާ އެކަން ކުރަން ހަވާލުކުރެވިދާނެ ކަމަށެވެ. އެ ގާބިލުކަން އެ ކުންފުންޏަށް ހޯދައިދީ ވިޔާފާރި މޮޑެލްއަކަށް ކުޅިވަރު މުބާރާތްތައް ބަދަލުކުރުމުގެ ފުރުސަތު ހޯދައި ދެވިދާނެ ކަމަށް ވިދާޅުވި އެވެ. ކުޅިވަރުގެ ވިޔަފާރިއަށް ހާއްސަކޮށް އުފެއްދި، ސްޕޯޓްސް ކޯޕަރޭޝަން އަދި އުވައެއްނުލަ އެވެ.
ހާމިދު ވިދާޅުވީ ލީގު ޕްރައިވެޓައިޒް ކުރުމަށް، އެފްއޭއެމުގެ އަސާސީ ގަވާއިދުން ވެސް އެ ޖާގަ ލިބޭ ކަމަށެވެ.
"އަސާސީގަވާއިދެއް ވެސް ބަދަލު ކުރާކަށް ނުޖެހޭ. އިތުރު ގާނޫނެއް ވެސް ބޭނުމެއް ނުވޭ. އެކަން ކުރެވޭނެ ޖާގަ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި އެބައޮތް،" ހާމިދު ވިދާޅުވި އެވެ.
އަނެއް ވިސްނުމަކީ ލީގު ހިންގަން ކޮންސޯޓިއަމްއެއް އުފެއްދުމެވެ. ސްޕޯޓްސް ކޯޕަރޭޝަންގެ އެންމެ ފަހުގެ މެނޭޖިން ޑިރެކްޓާ މައުރޫފް އަހްމަދު (މާއްޓޭ) ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ސަރުކާރުގެ އެކި ކުންފުނިތައް ބައިވެރިވެ ލީގު ހިންގަން ކޮންސޯޓިއަމްއެއް އުފެއްދިދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕްރިމިއާ ލީގު، އެސްއޯއީސްތައް ހިމެނޭ ކޮންސޯޓިއަމްއަކުން ރަން ކުރަންވީ ނޫން ހެއްޔޭ އެ އަށް ކުންފުންޏެއް ހަދާފައި. އެ މީހުންގެ ޝެއާ ލާފައި،" ފުޓްބޯޅަ މާކެޓިންގެ ރޮނގުން ވެސް މާސްޓާސް ފުރިހަމަކުރެއްވި މައުރޫފް ވިދާޅުވި އެވެ.
ކޮންސޯޓިއަމް ކުންފުންޏަށް ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ވިޔަފާރިގެ ފައިދާއިން ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ކްލަބްތަކަށް ފައިސާ ދެވިދާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"ކޮންސޯޓިއަމް ކުންފުނި އުފައްދާފައި ހުރިހާ އެސްއޯއީތަކުން އެއަށް ކެޕިޓަލްއެއް ކޮންޓްރަބިއުޓް ކުރެވިދާނެ. އެ ކެޕިޓަލް އިން އެ މީހުން [ކޮންސޯޓިއަމް ކުންފުނިން] ވިޔާފާރިކުރާ މޮޑެލްއަކަށް ވެސް ދެވިދާނެ،" ހިޔާލެއްގެ ގޮތުގައި މައުރޫފް ވިދާޅުވި އެވެ.
ވިޔާފާރީގެ އެސެޓެއްގެ ގޮތުގައި ފުޓްބޯޅައިގެ ވަސީލަތްތައް އެ ކުންފުނީގެ މިލުކުވެރިކަމުގެ ދަށަށް ބަދަލު ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.
ކުރީގެ ކާމިޔާބު ކޯޗު ވިދާޅުވީ އެފަދަ ނިންމުމަކާ ހަމައަށް ދާން ޖެހޭނީ ގިނަ ބައެއްގެ މަޝްވަރާއާ އެކު ކަމަށެވެ.
"އޭރުން ފަހަރެއްގައި މާ ރަނގަޅު ހިޔާލެއް ވެސް ނެރެވިދާނެ،" މައުރޫފް ވިދާޅުވި އެވެ.
މިއީ ހަމަ ހިޔާލުތަކެވެ. އެންމެ ރަނގަޅު މޮޑެލްއަކީ ކޮބައިކަން ނިންމަންވާނީ ދިރާސާ އާއި މަޝްވަރާތަކަށް ފަހު އެވެ.
އެކަމަކު އެފްއޭއެމުން ބޭރަށް ލީގު ނެރެ ޕްރައިވެޓައިޒް ކުރަން ނިންމަން ޖެހެ އެވެ. އެކަން ނިންމުމުގެ ބާރު އޮތީ އެފްއޭއެމަށެވެ. ލީގު ހިންގުމުގެ ހައިސިއްޔަތު ޕްރައިވެޓައިޒް ކުރަން އެ އޯސޯސިއޭޝަނުން ތައްޔާރުތޯ، މިއީ އުފައްދަން ޖެހޭ ސުވާލެކެވެ. ތަޖުރިބާކާރު ގިނަ ބޭފުޅުން ވިދާޅުވީ ދެމެހެއްޓެނިވި މޮޑެލްއަކަށް ދާން މަޖުބޫރުވެއްޖެ ކަމަށެވެ.
އެފްއޭއެމަށް ވުރެ ރަނގަޅަށް މިހާރު ވެސް އަމިއްލަ ފަރާތްތަކުން މުބާރާތް ބާއްވަ އެވެ. އެ އެސޯސިއޭޝަނުން ކުރަން އުޅެ އޮންނަނީ ނުވެފަ އެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ނުވަތަ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުވެގެން ލީގު ހުއްޓިފައި އޮންނާކަށް ނުޖެހެ އެވެ. އަދި އެފްއޭއެމް ދަރަނި ހަލާސްކޮށް ނިމެންދެން ލީގު ހުއްޓިފައި އޮންނަން ޖެހޭ ހާލަތެއް އައިސްގެން ނުވާނެކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ. ފުޓްބޯޅަ ނުހުއްޓި ދާން ވާނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
12 January 2025
ކުރަންވީ ކަމަކީ، ތިދާއިރާގައި އުޅޭ ސީނިއަރ މީހުން މޮޅު ވާހަކަ ނުދައްކައި، އެފްއޭއެމް ހިންގަން ރަނގަޅު ބަޔަކު ހޮވަންވީ! ކޮންމެ ފަހަރު ޓީމުތަކުން ވޯޓު ގަނެގެން ރައީސެއް ހޮވަނީ! ކޮންމެ ގޮތަކަށް ވާހަކަ އެނބުރިޔަސް، އެފްއޭއެމްއަށް އޮންނަ ފަހި ފުރުސަތުތަކެއް ނޯންނާނެ ޕްރައިވެޓް ޕާޓީއަކަށް! ހަރާމްކޯރު ނުވެ އެފްއޭއެމް ހިންގަން އުޅުނުނަމަ، ދިވެހި ފުޓުބޯޅަ މިހާހިސާބަކުނޫން އޮންނާނީ! ދިވެހި ފުޓްބޯޅައާއި އެފްއޭއެމް ހަލާކުކޮށްލީ 1 ވަނަ ޑިވިޝަންގެ ޓީމުތަކުން!
ހަސަންދީީ
11 January 2025
ޖުމްލަގޮތެއްގައި ވަަރަށް ރަނގަޅު ވާހަކައެއް. މާއްޓޭ ދެއްކި ވާހަކަ ކަމަކުނުދޭ. މާއްޓޭމެނަަށް އަދިވެސް ފުޓުބޯޅަޔާ ވިޔަފާރި ނޭގޭކަން މިއެގެނީ. ސްޕޯޓްސް ކޯޕަރޭޝަން ހިންގަންވެސް ނޭގުނު.
ހަސަނު
11 January 2025
އަސްލު ކުރާންވީ ކަމަކީ އެފްއޭއެމް އުވާލަންވީ.. މާލޭގެ ބޮޑެތި ޓީމު ތަކަށް ދައުލަތުން ދޭ ހުރިހާ އިނާޔަތެއް ކަނޑާލަންވީ.. ޓީމުތައް ބަނގުރޫޓުވާންވީ.. ބައްސާމް ޖަލަށް ލާންވީ...
ދާދާ
11 January 2025
ކޮންމެގޮތަކަަށް ބޭއްވިއަސް މިދިވެހިރާއްޖޭގާ ކޮންމެވެސް ބަޔަކު ނާޖާއިޒު ފައިދާތަކެއް ނަގާނެ.
ވަންޖޯޒީ
11 January 2025
ހަމައެކަނި މާލެތެރޭގަ އެކްޓިވްވާ ކްލަބުތަކަށް ބަރޯސާނުވެ މުޅި ރާއްޖެއަށް ހުޅުވާލައިގެން ރައްޖޭގެ ރަށެއްގަ މުބާރަތްތަށް ބާވާނަމަ ފެންވަރު ރަނފަޅުވެފަ ފޯރިވެސްގަދަވާނެ. މާލޭގައޮތް ސްޓޭޑިއަމްއަކީ ޒަމާނަށްނުފެތޭ ވީރާނަވެފަވާ ސްޓެޑިއަމްއެއް. ފުޓުބޯޅަކުރިއަރުވަން ފުރަތަމަ ފެންވަރު ރަނގަޅު ދަނޑެއްހަދާބަލަ.
ޕެލޭ
11 January 2025
އިލެކްސަން ކޮމިޝަން ޕްރައިވެޓައިޒް ކުރީމަ ވާނީ ކިހިނެތް ތޯ؟ އެމްއެސް މޭޓްސް ކުޅެނީ ޓީ،ސީ ނަމުގަ، އޭރުން ދެން ކޮންތާކު މިޖެހެނީ؟ ދެން ހަމަ އެއްޗެއް ލިޔަނީ! މިހާރު ވެސް އެބަތިބި އެފްއޭއެމްގަ ޓެކްނިކަލް މީހުން ތިކަން ކުރެވޭ ވަރުގެ. އެކަމަކު ކުލަބް ތަައް ވިދިފަ. ލާރި ނެތީ!. ކައުންސިލް ކުލަބްތަކަށް އެބައޮތް ހަރަދު ކުރާނެ ލާރި ލިބޭނެ މަގު ހުޅުވިފަ. ރަށު ވާދައިގަ ހިލޭގޯލްޑް ކަޕް ކުޅުނަސް 10 މަހު ގެ ސީޒަނެއް ކުޅެން ތި ކުޅުން ތެރިން ގުޑާވެސް ނުލާނެ.
ނަގިއްޔާ
11 January 2025
މަގައުމުގެ މައްސަލައަކީ އެއްމެ މައްސަލައެއް. ވަރިހަމަވުން. ކެޔަސް ވަރިހަމަ. ކާމީހުން ކާންވީ. އެންމެ ރިވެތި މިސާލަކީ 1 ބިލިޔަން ނެގިމީހާ. އޭނައަކީ މިހާރު މިިނިވަނެއް. އެތަން އެންމެންނަށް ފެނޭ. ވީމާ، ބޮޑެތި މަގާމުތަކަށް އަންނަ މީހުން ބަލަނީ އެތަނެއް ހަރުދަނާ ގޮތަކަށް ހިންގައި ތަރައްގީ ކުރެވޭތޯއެއްނުން، އެއްޗެއް ކާލެވޭތޯ. އެހެންމީހުން ފުޑާލައިގެންވެސް އަމިއްލަ އުފައިލުގައި ގާތްތިމާގެ އެންމެންނަށް ތަނަވަސްކަންދީގެން ޖެހުނުތަކަންކުން ކައި ހުސްކުރަން.
ގަނޑިއަ
11 January 2025
ފީފާއިން ދިން ޑޮލަރު ބޮޑިން ބައްސާމު ގަތް އެޕާޓުމަންޓް ކުއްޔައްދީގެން އެއްޗެއް ލިބޭތޯ އެބަބަލާތަ؟ އެފައިސާއިން ކުލަބްތަކަށް ދޭންޖެހޭ ފައިސާކޮޅު ދެވޭނެދޯ!
ކެކެކެކެކެކެކެކެކެކެ
11 January 2025
މިހާރު ނޫހުން މިކަން ކޮއްލަދީ ބަލަ ދިވެހި ފުޓު ބޯޅަޔަށް ޓަކާ!