ޓެކްސް އިދާރާ މީރާގެ ކައުންޓަރެއްގައި މީހަކު މަޑުކޮށްލައިގެން. މިދިޔަ އަހަރު މީރާއަށް 28 ބިލިއަން ރުފިޔާ ލިބިފައިވޭ -- ފޮޓޯ: މިހާރު
11 ޖެނުއަރީ 2025 - 11:33
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 28 ބިލިއަން ރުފިޔާ އަށް އިތުރުވެއްޖެ އެވެ.
މީރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޓެކްސް ނޫން އެހެން އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބުނެވެ.
ޓެކްސް އިން ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދަކީ ޖީއެސްޓީގެ އަދަދުތަކެވެ. ޖީއެސްޓީގެ ޖުމްލަ އާމްދަނީ 14.4 ބިލިއަން ރުފިޔާގައި އުޅޭ އިރު އޭގެ ތެރެއިން 9.5 ބިލިއަން ރުފިޔާ ލިބުނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ. މިދިޔަ އަހަރު އިންކަމް ޓެކްސް ޓެކްސްގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބުނެވެ.
މިދިޔަ އަހަރު އެވްރެޖުކޮށް ހުރިހާ ބާވަތެއްގެ ޓެކްސްއަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. މީރާ އަށް ބަލައިގަތް ޖުމްލަ އާމްދަނީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ 11 ޕަސެންޓު އިތުރުވެފަ އެވެ. މީރާ އަށް 2023 ވަނަ އަހަރު ލިބުނީ 25 ބިލިއަން ރުފިޔާ އެވެ.
ޓެކްސް ނޫން އެހެން ފީތަކާއި ކުލީގެ ތެރެއިން މީރާ އަށް އެންމެ ބޮޑު އަދަދެއް ލިބިފައި ވަނީ ރިސޯޓު ކުލިންނެވެ. ރިސޯޓު ކުލީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ފަސް ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ވަކިވަކި މަސްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖެނުއަރީ މަހު އެވެ. އެ މަހު ވަނީ 3.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. ޖެނުއަރީ މަހުގެ އާމްދަނީ އެހާ ބޮޑުވީ އިންކަމް ޓެކްސް އާއި ބިޒްނަސް ޕްރޮފިޓާއި ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމުންނެވެ.
މިދިޔަ އަހަރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މާޗް މަހު އެވެ. އެ މަހު މީރާ އަށް 2.94 ބިލިއަން ރުފިޔާ ލިބުނެވެ. ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ، ޖުލައި މަހު އެވެ. އެއީ 2.93 ބިލިއަން ރުފިޔާ އެވެ. މީރާ އަށް މިދިޔަ އަހަރުގެ 8 މަހު ވަނީ ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެ އަހަރު އެންމެ ކުޑަ އާމްދަނީއެއް ލިބުނީ މެއި މަހު އެވެ. އެ މަހު ބަލައިގަތީ 1.66 ބިލިއަން ރުފިޔާ އެވެ.
ޓެކްސް އިދާރާ އަށް ލިބުނު އާމްދަނީގެ ތެރެއިން 50 ޕަސެންޓަކީ ޖީއެސްޓީ އެވެ. އަދި 21 ޕަސެންޓަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު......
11 January 2025
ބޮޑުއަދަދެއް ލިބުނީމަ އުފާވަނީ ސިޔާސީ މުސާރަވެރިން، ސަރުކާރުގެ އިސްބޭފުޅުން، އާދައިގެ ރައްޔަތަކަށް ވާކަމެއް ނެތް، އެތަށް އަހަރެއް ވަންދެން ޓެކުސް ފައިސާއިން ރައްޔަތުމީހާ ޑޮކުޓަރ އަށް ދައްކަން ދެއްވަމުން ގެންދެވި ފައިސާކޮޅު(/200) ކަޑާލީ ފައިސާ ދައްކައިގެން ރައްޔަތު މީހާ ހޯދައިފައިވާ އިޝުއަރެންސް ބަހަނާއަކަށްދައްކައި، އަހަރު ތަކެއްކުރިން ތައިރޮޑަށް އާސަންދައިން ދެމުން އައި ބޭސް ކަޑާލީ ރައްޔަތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދެއްވީމަ.......
އަސްލު2
11 January 2025
ތެދުވާހަކައެއް. ފާއިތުވެދިޔަ 8 އަހަރު އަޅުގަޑުގެ ތައިރޮޑް ބޭހަށް އާސަންދަ ލިބޭ. އެކަމަކު އިއްޔެ ބޭސް ނަގަން އޭޑީކޭ ފާމަސީ އަށް ދިޔައިމަ ބުނީ މިބޭހަށް އާސަންދަ ނުލިބެއޭ. ރަގަޅަށް ބަލާށޭ ބުނީމަ ބަލާފަ ބުނީ މިހާރު ހަމަ މިބޭހަށް އާސަންދަ ނުލިބެއޭ. ދެން އަޅުގަޑަށް ޖެހުނީ ފައިސާ ދައްކާފަ ބޭސްނަގަން.
އަސަރި
11 January 2025
28 ބިލިއަން ރުފިޔާ ޚަރަދު ކުރިގޮތުގެ ތަފްޞީލު ރައްޔިތުންނަށް ދޭއިރު ދައުލަތުގެ މުވައްޒިފުންނަށް %70 ޚަރަދު ކަރެޕްޝަން %15 ޚަރަދު ޕްރޮޖެކްޓްތަކަށް %10 ޚަރަދު އެހެނިހެން ކަންކަމަ ދަރަނި %115 ޚަރަދު ޝުކުރިއްޔާ ޕާޓީތަކަށް.
ބސވަޗ
11 January 2025
ދިވެހި ރައްޔިތުން އަތުން 23 ބިލިޔަން ރުފިޔާ. ހަމައެކަނި ވިޔަފާރިކުރިކަމށްޓަކައި. ވަކި އެތިކޮޅުން ނަގައިގެން ވީވަރު. ޕޮލިޓިކްސް ޕާތީ ތަކާއި މީހުން ލާރި އުކާލިޔަނުދޭތި