މާފަންނު ސަހަރާގައި ހުރި ޕަމްޕް ސްޓޭޝަން މިހާރު ހުރި ހާލަތު.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓަރީ
11 ޖެނުއަރީ 2025 - 14:36
މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން، މާލޭ ސިޓީ ކައުންސިލުން އެތަން ހުސްކުރަން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ އިހުމާލުން ހަލާކުވެފައިވާ ކަމަށާއި އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މުއްތަލިބް "މިހާރު" އަށް ވިދާޅުވީ ސިޓީ ކައުންސިލުން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މާފަންނު ސަހަރާގެ ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ފަރާތުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މާފަންނު ސަރަހައްދުން ފެން ހިންދުމަށް އެ ސަހަރާގެ ތެރޭގައި ހަދާފައި ހުރި ސްޓޯމް ވޯޓާ ޕަމްޕް ސްޓޭޝަނަށް ގުޅާފައިވާ ހޮޅިތައް ނައްޓާލައި ގެއްލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ ތިންވަނަ ދުވަހު މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވި އިރު ވެސް އެ ޕަމްޕް ސްޓޭޝަން މަސައްކަތްކުރި ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
މާފަންނު ސަހަރާގައި ހުންނަ ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަކީ މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެމްޑަބްލިއުއެސްސީން 2014 އާއި 2018 އަހަރާ ދެމެދު މާލޭގެ އެކި ތަންތަނުގައި ބެހެއްޓި ސްޓޭޝަންތަކުގެ ތެރެއިން އެއް ސްޓޭޝަނެވެ. އެއީ މާފަންނު ސަރަހައްދުން ފެން ހިންދަން ބޭނުންކުރާ މައިގަނޑު ސްޓޭޝަނެވެ.
މުއްތަލިބް ވިދާޅުވީ، އޭރު އެ މަސައްކަތްކުރީ އެ ތަނުގައި ހުރި މިނިކަށިތައް ނަގައި، އެތަން ރަނގަޅަށް ސާފު ވެސް ކުރުމަށް ފަހު ކަމަށެވެ.
އަޅުގަނޑުމެންނަށް މިހާރު ގަބޫލުކުރެވެނީ ގަސްތުގައި ކޮށްފައި އޮތް ކަމެއް ކަމަށް: މިނިސްޓަރު މުއްތަލިބް
"އަޅުގަނޑުމެންނަށް މިހާރު ގަބޫލުކުރެވެނީ ގަސްދުގައި ކޮށްފައި އޮތް ކަމެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
"އެހެން ދަންނަވަން މި ޖެހޭ ސަބަބަކީ އެ ބޭފުޅުން ސިޓީއެއް ފޮނުވަނީ މެއިންޓެނަންސް ކަންތަކާ ގުޅޭ ގޮތުން މީޓިންއެއް ބާއްވަން. އަޅުގަނޑު ދަންނަވާފައި އޮންނާނެ މިނިސްޓްރީން ޕަމްޕް ސްޓޭޝަންތައް ބަލަހައްޓަމުން ކުރިއަށް ގެންދަމޭ މިހާރު ވެސް."
މުއްތަލިބް މި މައްސަލަ އެކްސްގައި ހިއްސާކުރުމުން މާލޭގެ މޭޔަރު އާދަމް އާޒިމް އެއަށް ރައްދު ދެއްވައި ވިދާޅުވީ އެ ޕަމްޕް ސްޓޭޝަންގެ ބައިތައް ރޫޅާލި އިރު، އެ ސްޓޭޝަން މަސައްކަތް ނުކުރާތާ ފަސް ވަރަކަށް މަސްދުވަސް ވެއްޖެ ކަމަށެވެ. އެ ސްޓޭޝަންގައި ހުރި ކަރަންޓު ބޯޑަށް ބަޔަކު ގެއްލުން ދީފައި ހުރި ކަމަށް އާޒިމް ވިދާޅުވި އެވެ.
ނަމަވެސް، އާޒިމްގެ މި ވާހަކަތައް ދޮގުކުރައްވައި މުއްތަލިބް ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވިއްސާރަކުރި އިރު ވެސް އެ ސްޓޭޝަން މަސައްކަތްކުރި ކަމަށާއި އެއްވެސް މައްސަލައެއް އޭރު ފާހަގަކުރެވިފައި ނުވާ ކަމަށެވެ. މާލެ އަށް ވިއްސާރަކުރާ ކޮންމެ ފަހަރަކު މިނިސްޓްރީގެ މުވައްޒަފުން މާލޭގެ އެކި ތަންތަނުގައި ހުރި ޕަމްޕް ސްޓޭޝަންތަކުގެ ހާލަތު ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހުން ވާރޭވެހުނު [މި މަހުގެ ތިންވަނަ ދުވަހު]، އެންމެ ބޮޑަށް ފެންބޮޑުވި އިރު ވެސް އެ ޕަމްޕު ވޯކް ކުރި. އޭރު ވެސް، ކުރިން ވެސް ހުރިހާ ޕަމްޕް ސްޓޭޝަންތަކެއް ބަރާބަރަށް، ކޮންމެ ފަހަރަކު މިނިސްޓްރީން، ހަމަ ހާއްސަ ޓީމެއް އޮންނާނެ ހުރިހާ ޕަމްޕެއް ވޯކް ކުރޭތޯ ބަލަން،" މުއްތަލިބް ވިދާޅުވި އެވެ.
"އޭގެ ފަހުން މިއަދު ޕަމްޕް ސްޓޭޝަންތައް ވޯކް ކުރޭތޯ ބެލިބެލުމުގައި، އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ [މާފަންނު ސަހަރާގެ ޕަމްޕުން] އެ ބައިތައް ރިމޫކޮށްފައި ހުރިކަން."
މުއްތަލިބް ވަނީ އެތަނުގެ ބައެއް ފޮޓޯތައް ވެސް އެކްސްގައި ހިއްސާ ކުރައްވައިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޕަމްޕް ސްޓޭޝަންގެ ވަޅާ ގުޅާފައި ހުރި ހޮޅިތައް ނައްޓުވައި، ކޮންކްރީޓުގަނޑު ވެސް އޮތީ ތަޅާލައިފަ އެވެ. އަދި ކަރަންޓު ބޯޑު ވެސް ވަނީ އެތަނުން ނަގައިފަ އެވެ.
The Malé City Council and their contractor have acted in an irresponsible manner by carrying out excavation work at Maafannu Cemetery. They have dismantled the stormwater pump station there that serves the northwest side of Malé without notifying us. This has led to significant… pic.twitter.com/sXm0LMvnEe
— Abdulla Muththalib (@muththo) January 11, 2025
"އެހެންވުމުގެ ސަބަބުން މުޅި ސަރަހައްދުގައި ބޮޑުވާ ފެންގަނޑު ހިނދުން ދަނީ ކުރިއަށް ވުރެ މާ ބޮޑަށް ލަސްވަމުން،" މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ ސިޓީ ކައުންސިލުން އެކަން ކުރީ މިނިސްޓްރީ އަށް ނުވެސް އަންގާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން މާފަންނު ސަހަރާގެ ބިން ހުސްކުރަނީ އެތަނުގައި ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތަށެވެ. އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން އެ ބިން ހުސްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
މި މަހުގެ ތިންވަނަ ދުވަހާއި ރޭ މާލެއަށް ކުރި ވިއްސާރާގައި ވެސް މާފަންނުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ވަރަށް ގިނަ ގެތަކަށް ފެންވަދެ ވަނީ އެކި ވަރުގެ ގެއްލުން ލިބިފަ އެވެ. ރޭ ވެހުނު ވާރޭގައި ވެސް މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގޭގެ ފާހާނަތަކުން ނަޖިސް ލީކުވެ، ދިރިނޫޅެވޭ ވަރު ވަނީ ވެފަ އެވެ.
އެންޑީއެމްއޭ އިން ކުރިން ބުނި ގޮތުގައި، މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ކުރި ވިއްސާރާއަކީ ގެއްލުން އެންމެ ބޮޑުވި ފަހަރެވެ. އެ ފަހަރު 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްނަދު
12 January 2025
މިތަން ހަލާކުކުރީ އާޒިމް. ބަޔަކު މިކަންވެސް އޮޅުވާލަން އެބައުޅޭ
ކީކޭ ބުނާނީ
12 January 2025
އިންޑިއާ އައުޓް ޓީޝާރޓް އަދި ހުސްގޮނޑިވެސް ދެއްކީ ހަމަ އާޒިމް؟
ހައިލަމް
12 January 2025
ބަޔަކާ ހަވާލުކޮށްފަ މި ތިބެނީ ހަމަޖެހިލައިގެން. އެ މަސައްކަތް ކުތިޔަށް ދޭ ތޯ އަދި މަސައްކަތް ކުރަނީ ކިހިނެއްތޯ ވެސް ބަލާލުމެއް ނެތް. ގެއްލުންތަކެއް ވެ ބަޔަކު ޝަކުވާ ކުރީމަ ބޮލުން ތި ކަޓުވާލަނީ. މާލެ ސިޓީ ކައުންސިލްވެސް ތިޔަށްވުރެ ހަރުދަނާ ވާން ވެއްޖެ.
މުރޫ
12 January 2025
ސާބަހޭ އާޒިމް. ތި ހިންގުންތެރިކަމަށް ހަމަ އައްސަރިބަހާ ސާބަސް.
ދޮހޮއްތުބެ
11 January 2025
ތިޔަ މައްސަލަ ބެލެން ވާނެ ..
މަ މޮޅުން ހުސް
11 January 2025
ޓައީ އަޅައިގެން ދިދަ ޖެހި ކާރުތަށް ދުއްވާ ބައިގަނޑަށް ކަންކަން ހައްލުކުރަން ނޭނގޭނަމަ، ބަންގްލަދޭޝް ކުދިންނާ ހަވާލު ކޮށްލާ، ސެޓްފިކެޓް ބޮނޑި ނެތަސް ކަންނިންމާނެ!
މަނާޒް
11 January 2025
ރައްޔިތުންނާއި ގުޅޭ ކަންކަމުގައި ސަރުކާރަށް ޗެލެންޖުކޮށް ޖެއްސުން ކުރާ ގޮތަށް އެއްވެސް ސިޓީ ކައުންސިލަކަށް އަދި ރަށު ކައުންސިލަކަށް ފުރުސަތު ނުލިބޭގޮތަށް ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށް ބަދަލު ގެނައުން އަވަސް ކުރުމަށް ފެނެއެވެ. މިރާއްޖެއަކީ ލީބިޔާ އެއްނޫނެވެ.
ހަވާހަވާ
11 January 2025
ތި ޕަމްޕުތަކަށް ކުރެވުނު ހަރަދު ކުޑައީ.. ކިރިޔާ ވާރޭ ކޮޅެއް ވެހިލާއިރަށް ފެނު އަޑީގަ.. ރަނގަޅު ޙައްލެއް ނުހޯދާތިބެނީ ގަސްދުގަ.. ވައްކަން ކުރަން ވެގެން..
އައިސަން
11 January 2025
އަސްލު ހަމަ ގަސްތުގަ ކޮއްފަ އޮތް ކަމެއްނަމަ ފުލުހުންނަށް ހުށައެޅީސް. ތިހެން އަނބުރާހާ ވާހަކައެއް ގަބޫލެއް ނުކުރެވޭ
ކަހެރުވައް
11 January 2025
އެންމެ 2 އަކަ ކިލޯމީޓަރު ހަމަނުވާ ކުޑަކުޑަ ތަންކޮޅެއްގަ ދެ ސަރުކާރު ހަދައިގެން ކޮންކަމެއްތަ ހާސިލްކުރަނީ.؟ މާލެސިޓީ ކައުންސިލަކީ އޮންނަންޖެހޭ ތަނެއްނޫން. މާލެސިޓީ ކައުންސިލުން ކުރާ މަސައްކަތްތައް މިނިސްޓްރީތަކުން ކުރެވޭނެ. ހަރަދުވެސް ތަންކޮޅެއް ކުޑަކުރެވޭނެ..
ކޮރަލް
11 January 2025
ސިޓީ ކައުންސިލް އާ މިނިސްޓްރީ އާ ކޮންޓްރެކްޓަރު ޒިންމާ ވާން ޖެހެ އެވެ. މިއީ މައުލޫމާތު ހިއްސާ ކޮށްގެން ކުރަން ޖެހޭ މަސައްކަތެކެވެ. ގޯސް ވީމަ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގަ ޒިނަމާ އަޅުވަނީ އެވެ.