11 ޖެނުއަރީ 2025 - 15:00
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާ އަށް އަންނަ ހޯމަ ދުވަހު ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް އެސްޓޯނިއާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ޑރ. އަލާ ކާރިސްގެ ހާއްސަ ދައުވަތަކަށް ކަމަށެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި، މިއީ ރައީސް މުއިއްޒު ޔޫރަޕުގެ ގައުމަކަށް ރަސްމީ ދަތުރުފެއް ކުރައްވާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
ރައީސްގެ ދަތުރުފުޅުގައި ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުން ވަރުގަދަކޮށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުގެ މެދުގައި މަޝްވަރާތައް ކުރާނެ ކަމަށާއި އެ މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެއްވާނީ ޑިޖިޓަލް، ސައިބާ އަދި އީ-ގަވަނެންސްގެ ދާއިރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާއި ސައިންސާއި ތައުލީމީ ދާއިރާއިން އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި އާއި އެކިއެކި މިނިސްޓަރުންނާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ. އެ ގައުމުގެ ބައެއް މުހިންމު ތަންތަން ވެސް އެ މަނިކުފާނު ވަޑައިގަންނަވާ ގޮތަށް ވަނީ ނިންމަވައިފަ އެވެ.
ރައީސާ އެކު، މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެސްޓޯނިއާ އަކީ ޔޫރަޕުގެ އެހެން ގައުމުތަކާ އަޅާބަލާއިރު، އާބާދީގެ ގޮތުން ކުޑަ ނަމަވެސް، އީޖާދީ ދުރު ވިސްނޭ މީހުންނަށް ފުރުސަތު ދީގެން ވަރުގަދަ ޑިޖިޓަލް އިގުތިސާދެއް ގާއިމްކޮށްފައި އޮތް ގައުމެކެވެ. އަދި، އަމިއްލަ ވިޔަފާރިތަކަށް އެންމެ ފަހި މާހައުލު އޮތް ގައުމުގެ ގޮތުގައި މުޅި ދުނިޔެ މަޝްހޫރު ގައުމެކެވެ.
ރާއްޖޭގައި ޑިޖިޓަލް އިގުތިސާދެއް ގާއިމްކުރުމަކީ ރައީސް މުއިއްޒުގެ ވެސް ވައުދެކެވެ. އެހެންވެ، މިއީ އެކަން ހާސިލްކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގައި ވަރަށް މުހިންމު ދަތުރުފުޅަކަށް ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޯލް
12 January 2025
ރަސްމީ ކޮންމެދަތުރެއްގަ މެޑަމް ސާޖިދާ ބައިވެރިވަނީ ކޮންހައިސިއްޔަތަކުންތޯ!!!!!!
އެމްބަސީ
12 January 2025
އެގައުމުގައި އެމްބަސީއެއް ހުޔުވަން މަސައްކަތް ފަށަން އުޅެނީބާ!
ވަކިހިއްޕާ
12 January 2025
އެސްޓޯނިއާގައި ދިވެހިރުފިއާ ބޭނުންކުރާނެ މޮޅުގޮތެއްގެ ޕްލޭންނެއް ހައްދަވާފައި ގަރުދިޔަ ރިހާކުރައް ހަދާފަ ރިހާކުރުން ދިޔާހަކުރަށް ބަދަލްކުރާނެ ފޯމިއުލާއެއް ހޯއްދަވާފަ ރަސްމާލޭގެ ބްރިޖް އެސްލޯން 4އިންޗި ހޮޅިއަކުން އެޅޭނެގޮތުގެ ޑްރޯވިންއެއް ވެސް ހިއްޕަވައިގެން މިކޮޅަށް ވަޑައިގަންނަވާނެ ކަމަށް ވަރަށް އުއްމީދު ކުރެވޭ އަދި މީގެއިތުރުން ކާށިދޫ ކަނޑުގަ ކުކިންއޮއިލް ހުސްކުރި ހަމުން އިތުރު ބިންތަކެއް ހިއްކާ އާބާދީ އެއްފަސްކުރުން މެކުހަށްޖަހާއަހަރަކަށް ވާނެ
ދޮގުނަހަދާށޭ
12 January 2025
އެސްޓޯނިއާ ރައީސްގެ ހާއްސަ ދައުވަތެކޭ ނުބުނެ މުއިއްޒު އެދިގެން ދިން ދައުވަތެކޭ ލިޔުނުނަމަ ހަޤީޤަތާ އެއްގޮތަށް ލިޔެވުނީސް
ކުޑަކުދޫ
12 January 2025
ވެރިކަމުގައި މިވީ 13 ވަރަކަށް މަަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި ދުވަހަށްވުރެ ބޭރުގައި ހުރި ދުވަހުގެ ޢަދަދު މިހާރު ގިނަވާނެހެން ހީވަނީ.
އުދުހޭ
12 January 2025
އެސްޓޯނިޔާގައި ބޭރުފައިސާ ބަލައިގަތުމަކީ ރައްޔިތުންނަށް މަނާކަމެއްތޯ އެގައުމުގެ ރައީސް ކައިރިން އަހާލައްޗޭ. އަދި ޑޮލަރު ރިޕޯޓް ހުށައަޅަންޖެހޭތޯވެސް.
އުސްމާނުބެ
12 January 2025
ބަޖެޓަކު ފައިސާއެއް ނެތޯ ، އެންމެން ގަރުދިޔައާ ބައި ކާށޯ، އާއަހަރު ފެށިގެން އަދި 1/2 މަސް ނުވެ މިއުޅެނީ، ކިތައް ރަސްމީދަތުރު ސަރުކާރުން މިހާރު އެޅިއްޖެތޯ ، ދެން ހިގާ އެންމެން އަތްޖަހަން ތިބެން ހިގާ
ހަމީދާ
12 January 2025
އެސްޓޯނިޔާ ދަތުރުން މިހާރު މާލެއަށް ދިމާވެގެން މިއުޅޭ ފެންބޮޑުވުމުގެ ހައްލު އާއި ކުރިއަށް ރޯދަމަހު ރައްޔިތުންނަށް މަސްދަޅު ޑިޖިޓަލައިޒް ކޮށް ބަހާނެ ގޮތް ދަސްވާނެ. ޝުކުރިއްޔާ ހިކްމަތްތެރި ރައީސްއަށް. ތިދަތުރުގަ މަޖްލީސް ރައީސް ވެސް ގެންދަން ފެނޭ. އެމަނިކްފާނު މަޖިލީސް މެމްބަރުން ޑިޖިޓަލް ކުރަން ދަސްކުރަން އޭރުން ކޮމްޕިއުޓަރުން މަނިކުފާނު ފިތަކަށް އޮބާލީ ހުރިހާ މެމްބަރުން މަޖިލީހަށް ނުގޮސް މަޖިލީސް ޗެއަރ ފުރާލަ ދޭނެ.
ބަކްރު
11 January 2025
ދިވެހިންނަށް ވިސާއާނުލާ އެރޭ ގައުމަކަށް ދެން ތިތަން ހަދާ.
ކުރަގަނޑު
11 January 2025
އެތާ މަޑުކޮއްލިޔަ ރަގަޅީ، މިކޮޅަށް އަންނާނެކަމެއްނެތް.