އާފިޔާ އޭނާގެ ދަރިފުޅު އިބްތިހާލް އުރައިގެން: އިބްތިހާލަށް އާފިޔާ އަނިޔާ ކުރުމުން ވެސް ޕޮލިސް ކޮމާންޑަރު އުޅުނީ އަމިއްލަ ކަންކަމުގައި ކަމަށް ދައުލަތުން ބުނޭ --ފޮޓޯ/ސޯޝަލް މީޑިއާ
09 މާޗް 2017 - 17:30
ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލަށް އަނިޔާ ލިބުނުކަން އެނގޭއިރު ވެސް ވ. އަތޮޅުގެ އޭރުގެ އެކްޓިން ކޮމާންޑަރު އެކަމަށް ފިޔަވަޅު ނާޅައި، އޭނާ އުޅުނީ އަމިއްލަ ކަންކަމުގައި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖެނުއަރީ، 2015 ގައި އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ އަހުމަދު އަނިޔާ ކުރުމުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި ވ. އަތޮޅުގެ އޭރުގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރަށް ދައުވާކުރަނީ ޑިސެމްބަރު، 2014 ގައި އިބްތިހާލަށް އޭނާގެ މަންމަ އަނިޔާ ކުރުމުން ވެސް އެކަމަށް ފިޔަވަޅު ނޭޅި މައްސަލައިގަ އެވެ.
ލިސާނަށް ދައުވާކުރާ ސަބަބު ސާފުކޮށްދޭން އޭނާގެ ވަކީލް އެދުމުން ދައުލަތުން ބުނީ އިބްތިހާލަށް އަނިޔާކުރި މައްސަލަ ހުށަހެޅުމުން ވެސް އެކަމަށް އޭނާ ފިޔަވަޅު ނާޅައި، ލަސްކުރި ކަމަށާއި އެ މައްސަލައާ ގުޅިގެން ފުލުހުން ފިޔަވަޅު އަޅަން ފެށީ މާފަހުން ކަމަށެވެ. ލިސާން އެވަގުތު ވެސް އިސްކަން ދިނީ އޭނާގެ އަމިއްލަ ކަންކަމަށް ކަމަށް ދައުލަތުން ބުންޏެވެ.
ލިސާން އިސްކަން ދިނީ އަމިއްލަ ކަންކަމަށް ކަން އޭނާ ތަހުގީގަށް ދިން ބަޔާނުން ވެސް އެނގޭކަން ފާހަގަކޮށް، ދައުލަތުން ބުނީ އިބްތިހާލް މަރުވުމުގެ މަހެއްހާ ދުވަސްކުރިން އޭނާއަށް އަނިޔާކުރި އެ މައްސަލަ ބަލައިގަތީ ޚާއްސަ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު އެކަމަށް ފިޔަވަޅު އެޅުމުގައި ލިސާން އިހުމާލުވި ކަމަށް ދައުލަތުން ބުންޏެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި، ލިސާންގެ ވަކީލް ވިދާޅުވީ އެ ހާދިސާ ހިނގިއިރު ލިސާނަކީ އޭނާގެ އަމިއްލަ ބާރުގައި އެއްވެސް ކަމެއް ކުރެވޭ މީހެއް ނޫން ކަމަށާއި ހުރިހާ ކަމެއް ކުރަންޖެހެނީ ޑިވިޝަން ކޮމާންޑަރުގެ ދަށުން ކަމަށެވެ. އެ މައްސަލައިގެ މައުލޫމާތު ޑިވިޝަން ކޮމާންޑަރާ ހިއްސާކުރި ކަމަށާއި ޑިވިޝަން ކޮމާންޑަރު އެންގި ގޮތަށް ލިސާން އަމަލުކުރި ކަމަށް އޭނާގެ ވަކީލް ވިދާޅުވި އެވެ.
އޭރު ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގައި އިންވެސްޓިގޭޝަން އޮފިސަރެއް ނެތް ކަމަށާއި އެކަށީގެންވާ ވަސީލަތްތައް ވެސް އޭރު ނެތް ކަމަށް ލިސާންގެ ވަކީލް ވިދާޅުވި އެވެ. އެކަންކަން ޑިވިޝަން ކޮމާންޑަރަށް ލިސާން އެންގި ކަމަށާއި ރަކީދޫ އަށް ދާން ބެލިއިރު ލޯންޗެއް އަދި ފެރީއެއް ވެސް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.
އެއަށް ޖަވާބު ދެމުން ދައުލަތުން ބުނީ ލިސާނަކީ އެފަދަ މައްސަލަ ތަހުގީގު ކުރުމުގެ ގާބިލްކަން ހުރި މީހެއް ކަމަށާއި ތަނަކުން މައުލޫމާތެއް ނުލިބުނު ކަމަށް ބުނެ މައްސަލައެއް ތަހުގީގު ނުކޮށް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިންވެެސްޓިގޭޝަން އޮފިސަރެއް ޕޮލިސް ސްޓޭޝަންގައި ހުރި ކަމަށާއި އެދުވަސްވަރު އޭނާ ޗުއްޓީ އަށް ދިޔައީ އޭނާގެ ޒިންމާތައް ލިސާން އަދާކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ދައުލަތުން ބުންޏެވެ. ވަސީލަތްތައް ނުލިބޭ ކަމަށް ބުނެ އެކަމުގެ ޝަކުވާއެއް ލިސާން އޭރު ކޮށްފައިނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކުރީ ތަހުގީގުގައި ދޭންޖެހޭ ހައްގުތައް ނުދީ ކަމަށާއި އަދި ތަހުގީގު ފުރިހަމަ ނުވާ ކަމަށް ބުނެ ލިސާންގެ ފަރާތުން އިޖްރާއީ ނުކުތާއެއް މިއަދު ނެގި އެވެ. އެ ނުކުތާއާ މެދު މިމަހުގެ 29 ވަނަ ދުވަހު ގޮތެއް ނިންމާނެ އެވެ.
ލިސާންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ އޭރުގެ ދެ މުވައްޒަފަކާއި ވ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ދެ މުވައްޒަފަކަށް ވެސް ވަނީ އިހުމާލުގެ ދައުވާކޮށްފަ އެވެ. އެމީހުންގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.
އިބްތިހާލް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަހުމަދު
10 March 2017
އަހަންނަށް ފެންނަނީ ތި މައްސަލައިގައި ދައުވާކުރާ ހުރިހާމީހުންނާ ދެކޮޅަށް ވަކާލާތުކުރުމަށް ޕީ.ޖީ ބިޝާމް ވަޑައިގަތުމަށް.
ފީކަޅާއިބްރާހިމްފުޅު
09 March 2017
ލިސާންގއ ވާހަކަތައް ހުރިގޮތުން އެބަ އެނގޭ ތިކަމުގައި އޭނާގެ އިހުމާލު އޮތް މިންވަރު. އައި.އޯއެއް ނެތޭ ކިޔައިފައި ބޯދަމައިގަންނަށް އުޅޭއިރު އެޓޯލް ކޮމާންޑަރުކަން މޯލްޑިވްސް ޕޮލިސް ސާރވިސްއިން ލިސާންއާއި ހަވާލުކުރީ ލިސާންއަކީ ކޮލިފައިޑް އައި.އޯ ސެޓިފިކެޓް އޮތީމައެވެ. ކޮންމެގޮތެއްވިއަސް ލިސާންގެ އިހުމާލު އެކުއްޖާ މަރުވުމުގައިވެއެވެ.
ޓަކި މޫނާ
09 March 2017
ކުއްޖާ މަރާލީ އޭނަގެ މަންމަ، އަދިވެސް އޭނަޔަށް އަދަބެއް ދޭ ތަނެއް ނުފެނޭ. މުޅިންވެސް އިތު މީހުންތަކެއް ބާނުވާ ނުލެވިގެން އުޅޭހެން ހީވަނީ. މިއޮތީ ވާ ޤާނޫނެއް. ސަހަރޯއޭ ހިތައް އަރާ
ވޯލް
10 March 2017
ވިސްނުންތިހުރީ ތަންކޮޅެއް ކުރީޒަމާނަށް، މިހާރު އެފަދަ ކަމެއް ހިންގާކަން އިންގޭނަމަ އެކަން ހުއްޓުވުމަކީ ދައުލަތުގެ މުއްއްސަސާތަކުގެ ޤާނޫނީ ޒިންމާއެއް. ހުރިހާ މައިން އެއްގޮތެއް ނުވާނެ. ދަރިންނާމެދު ވަރަށް ގޯސްކޮށް ކަންކުރާ މައިން މި ދިވެހިރާއްޖެގަވެސް އެބަ އުޅެ. އެއީ ތުއްތު ކުއްޖެއް އަމިއްލައަށް އަނިޔާއިން ސަލާމެއް ވުމުގެ ބާރެއް ނެތް ތުއްތު ކުއްޖެއް. އެފަދަ ކުދިން ގެވެށި އަނީޔާއިން ސަލާމެތް ކުރެވޭނެ ކަމާއި ބެހޭ ފަރާތްތަކަށް. ދެންވެސް މިފަދަ މަރެއް ވުމުގެ ކުރިން ތިޔަ މުއްއްސަސާތަކުން ޒިންމާ ނަގަނީ މިމައްސަލާގައި އިއުމަލިވު މިހުންނަށް އަދަބު ލިބުނީމަ. މިދުނިޔޭގައި އިބްތިގާލަށް އިންސާފު ލިބުންކަމަށް އޭރުން ބެލެވޭނީ.
ފިއުޗަރ
09 March 2017
ތިއެންމެންގެ އިތުރުން އިހުމާލުވާ އެންމެހައި މުއައްސަސާއެއްގައި އެވަގުތު ތިބިވެރިންނަށް ވެސް ދައުވާކޮށް ބޮޑު ޖަލު ހުކުމެއް ކުރަންވީ ލަސްނިކޮށް... "މަރްހޫމް އިބްތިހާލް" ގެ ނަން ލިޔެފައި އިންނަ ޚަބަރެއް ކިޔަން ހުޅުވަންވެސް ނުކެރޭ "..." ކަންތައްކޮއްފަ ހުރިގޮތުން...