އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: އުމްރާ އުސޫލާ ހިލާފުވި 19 ކުންފުންޏެއް 5000ރ. އިން ވަނީ ޖޫރިމަނާކޮށްފައި.
14 ޖެނުއަރީ 2025 - 11:29
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އެއްގޮތަށް އަމަލު ނުކުރި 19 ކުންފުންޏެއް 5000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި 19 ކުންފުންޏެއް ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ކުންފުނިތަކެއް ކަމެއް އަދި އާންމެއް ނުކުރެ އެވެ.
ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދިފައިވާ ރަސްމީ ލައިސަންސް ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮލަރު ނަގައި އުމްރާއަށް ނުދާ ކުންފުންޏެއް ވެސް ފާހަގަވެފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ބަލައި އެކަން ސާބިތުވެއްޖެ ނަމަ، އެ ކުންފުނި 30،000ރ. އިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ވެސް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްތައް ހުށަހެޅުމުން ކަމަށާއި އެހެންވެ، ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޕޮލިހަށް ހުށަހަޅާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރަން ގެޒެޓްކޮށްފައިވާ އުސޫލަށް އަމަލުނުކުރާ ހުރިހާ ކުންފުންޏަކަށް ފިޔަވަޅު އަޅާނެ އެވެ.
އުމްރާ އުސޫލާ ހިލާފުވި ގިނަ ކުންފުނިތަކަކަށް ފިޔަވަޅު އަޅާފައި މިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އުމްރާއަށް އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މީހުން ގެންގޮސް ހާލުގައި ޖެއްސި މައްސަލައެއް ފެންމަތިވި ފަހުންނެވެ.
މިދިޔަ މަހުގެ އުމްރާއަށް އުމްރާވެރިން ފައިސާ ދެއްކިޔަސް، އެ ފައިސާ އިން އުމްރާވެރިންގެ ދެކޮޅު ޓިކެޓް ހަމަނުޖައްސައި، އެހެން ކަމަކަށް އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް އެ ގްރޫޕުން އިއުތިރާފުވެ އެވެ.
އެ މައްސަލާގައި މިނިސްޓްރީން ވަނީ ހިޖްރަ ގްރޫޕް އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަދި ހުއްދަ ބާތިލުކޮށްފަ އެވެ. އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭން ވެސް ވަނީ ނިންމައިފަ އެވެ.
ޅ. ނައިފަރުގެ ދެމީހުން ކަމަށްވާ ފިރާގު މުހައްމަދަފުޅާއި މުސްތަފާ މުހައްމަދުފު ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެ ކުންފުންޏާ ގުޅޭ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ވަނީ ހާލުގައި ޖެހުނު 23 އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހޮނިހިރު ދުވަހު ހެނދުނު ރާއްޖެ ގެނެސްފަ އެވެ. މިނިސްޓްރީން އެޅި ފިޔަވަޅުގެ ތެރޭގައި އެމީހުން ގެނައުމަށް ދައުލަތުން ކުރި ހަރަދު އަނބުރާ ހޯދުން ހިމެނެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އެހެން މައްސަލައެއް ފެންމަތިވެފައިވެ އެވެ. އެ ފަހަރު އަލް-މަޝްއަރު ޓުއާސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން އަނބުރާ ގެންނަން ޖެހުނީ ސަރުކާރުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މައްސަލަ ބެލުމަށް ފަހު ވަނީ އެ ކުންފުނީގެ ވެރިންނަށް ދައުވާ ކުރަން ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެހި
14 January 2025
އިދާރީ ފިޔަވަޅެއްއެޅިނަމަ…ލިޔަންއިން ގަލަން އަތުލުންކަހަލަ.
އަލީ
14 January 2025
ވަރަށް އުސޫލު ހަރުދަނާ ކަންކަންވެސް ރާއްޖޭގައި އެބަހުރި, މިސާލަކަށް ފުރާމީހުންނަށް ވިއްކޭޑޮލަރު, މިފަދަ ހަރުދަނާ ނިޒާމަކުން އުމުރާ ގްރޫޕްތަކަށްވެސް ޑޮލަރު ވިއްކޭނެގޮތް އިންތިޒާމް ހަމަޖެއްސުން ރަނގަޅު, ރަނގަޅުކުރެވޭނެ, އެކަމަކު, ހަމަ ހަޤީގަތުގައިވެސް ރަނގަޅުރަން ބޭނުންވެގެން ރަނގަޅުކުރެވޭނީ
އުދުހޭ
14 January 2025
އުމްރާވެރިން ހާލުގަ ޖެއްސި ބަޔަކު ޖޫރިމަނާ ދައްކާނެތަ؟ ޝަހީމުގެ މުސާރަ ޖޫރިމަނާ ފައިސާއިން ދައްކާގޮތަށް ބަދަލުކުރަންވީނުން؟
ހެޔޮނުވާނެ
14 January 2025
ޝަހީމޫ ހެޔޮނުވާނެ ނިކަން މިޤައުމު މިކުރިއަށްދާ މަގުން ނުދިޔުމަށް ނިކަން ހިއްވަރެއް ކޮއްލަދީބަލަ. 5000 ރުފިޔާގެ ޖުރިމަނާއެއް ކޮއްލާފަ މަކަރުވެރިން ގެ ވަނަވަރު ހާމަ ނުކޮށް ފޮރުވުމަކީ ސަރުކާރުން މިކަމަށް ދެވޭ ހިއްވަރެއް. ނިކަން މިގައުމުގެ ހާލަތާދެތެރޭ ވިސްނާލަބަލަ. ވައްކަން ނުކުރާ އެއްމެ ދިމާލެއް އެބައޮތްތަ. ކަލޭމެން ވެރިކަމުގަ ތިބެމެ މިކަހަލަ ކަންތަކަށް ނުސީދާކޮށް ހިއްވަރުދީފަ ގިޔާމަތް ދުވަހުން ދައްކާނީ ކޮންމޫނެތް. ގިޔާމަތްދުވަސް މަތިން ހަދާން.
ބުރުންޑީރާޑީ
14 January 2025
އަޅުގަނޑަށް ފެންނަނީ ތިޔަ އުސޫލު އުވާލާފަ އައު އުސޫލެއް ހަދަން. އޭރުން ޖުރިމަނާ ނުކޮށް ވާނެ. ދެން ކުރާނެ ކަމަކީ ތިބުނާ ކުންފުނިތަކުގެ މަހާސިންތާއެއް ބާއްވާފަ ރިޔާސަތުގަ ޑރ. ޝަހީމް އިންނަވާނީ. އޭރުން ނޫސްތަކުގަ ލިޔާނެ އެންމެ ގިނަ ޢުމްރާ ގްރޫޕްތައް އޮތީ މިސަރުކާރާއެކުގައޭ.
ކަރަދުއިބްރާހީމް
14 January 2025
ކުންފުނިތަކުގެ ނަންތައް ރައްޔިތުންނަށްޓަކާ ހާމަކުރައްވާ ، އެގޮތް މޮޅު އިތުރު .
އޮނަރަބްލް ސިންގާ
14 January 2025
ހައްޖު އުމުރާ އަޅުކަމަށް ގެންދާ ހިދުމަތުގައި މަކަރާ ހިލަތް ހަދާ އޮޅުވާލުމުކަށް 5000 ރ ޖޫރިމާއަކީ އަދަބެއްނޫން. މިއަދަބަށް ކިޔަންވީ "ރޯޔަލިޓީ ފުރޯޑް ލައިސަންސް ". 5000 ރ އަކީ މަކަރާއި ހީލަތް ހެދުމުގެ ލައިންސަންސެއް ގެ އަގު ކަޑައެޅުން. . ކުށުގެ ވެށި އިތުރަށް ފުޅާކުރުން.
ހަގީގަ
14 January 2025
30000 ޑޮލަރު 15.42 ނަގާފަ 19 އަށް ވިއްކިޔަސް 107،400 ފައިދާ. 30،000 ދެއްކީމަ ވެސް 77،400 ފައިދާ ކުންފުންޏައް
ކައްޒާބުލްއަކްބަރު
14 January 2025
ކުންފުނިތަކުގެ ނަންތަކާއި ކުންފުނިތައް އުފައްދައިގެން އުޅޭމީހުންގެ ވަނަވަރު ހާމަ ނުކުރުމަކީ ޝަރުޢީ އުޞޫލުތަކާއި ޚިލާފު ކަމެއް ނޫންބަވެއޭ މަހިތައް އަހަރެވެ. ލާ ލޮރަރަ ވަލާ ލިރާރޭ ކިޔާފަ ހަމައެކަނި ސިގިރެޓް މަނާކުރިޔަސް އަދި ނުވާނެ. އެހެންމީހުންނަށް ބޮޑެތި ގެއްލުންދޭ ކުންފުނިތަކާއި ގާތްވުންވެސް ހުއްޓުވަންޖެހޭ.
ހަސަނުބޭ
14 January 2025
އަޅެ ޝަހިމޫ. ދުވާލަކު 2 ދަޅައަށް ހެޑްލައިން ނުހަދާ ވަގުތުން ވަގުތަށް ތިޔަ ކުންފުނިތަކުގެ ނަންތަކާކުންފުނިތަކުގެ ހިއްސާދާރުންގެ ނަންތަކާއި ފޮޓޯ ޖަހަން ކެރޭނެތަ؟...ނޫނީ ބެލެވޭނީ ގުޅިގެން ހިންގާ ޖަރީމާއެއް ކަމަށް