މީގެ ކުރިން އަލް-ހިޖްރަ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއް: އުމްރާ އުސޫލާ ހިލާފުވި އެހެން ކުންފުނިތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނޭ.
12 ޖެނުއަރީ 2025 - 11:49
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އެއްގޮތަށް އެހެން ބައެެއް ކުންފުނިތަކުން ވެސް އަމަލުކޮށްފައި ނުވާތީ އެ ކުންފުނިތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވެފައި މިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އުމްރާއަށް އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި މައްސަލާގައި ފިޔަވަޅު އެޅުމަށް ފަހު އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގައި ގެޒެޓްކޮށްފައިވާ އުސޫލާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ބައެއް އެހެން ކުންފުނިތައް ވެސް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެެވެ.
އެ އުސޫލާ ހިލާފްވިކަމުގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހު މި ހަފްތާގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެއީ ކޮން ކުންފުނިތަކެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
އުމްރާއަށް މީހުން ގެންގޮސް އަލް-ހިޖްރަ ގްރޫޕުން މީހުން ހާލުގައި ޖެއްސި މައްސަލާގައި މިނިސްޓްރީން ބުނީ މިދިޔަ މަހުގެ އުމްރާއަށް އުމްރާވެރިން ފައިސާ ދެއްކިޔަސް، އެ ފައިސާ އިން އުމްރާވެރިންގެ ދެކޮޅު ޓިކެޓް ހަމަނުޖައްސައި، އެހެން ކަމަކަށް އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް އެ ގްރޫޕުން އިއުތިރާފުވެފައިވާ ކަމަށެވެ.
އެ މައްސަލާގައި މިނިސްޓްރީން ވަނީ ހިޖްރަ ގްރޫޕް އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަދި ހުއްދަ ބާތިލުކޮށްފަ އެވެ. އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭން ވެސް ވަނީ ނިންމައިފަ އެވެ.
ޅ. ނައިފަރުގެ ދެމީހުން ކަމަށްވާ ފިރާގު މުހައްމަދަފުޅާއި މުސްތަފާ މުހައްމަދުފު ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެ ކުންފުންޏާ ގުޅޭ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ވަނީ ހާލުގައި ޖެހުނު 23 އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އިއްޔެ ހެނދުނު ރާއްޖެ ގެނެސްފަ އެވެ. މިނިސްޓްރީން އެޅި ފިޔަވަޅުގެ ތެރޭގައި އެމީހުން ގެނައުމަށް ދައުލަތުން ކުރި ހަރަދު އަނބުރާ ހޯދުން ހިމެނެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އެހެން މައްސަލައެއް ފެންމަތިވެފައިވެ އެވެ. އެ ފަހަރު އަލް-މަޝްއަރު ޓުއާސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން އަނބުރާ ގެންނަން ޖެހުނީ ސަރުކާރުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މައްސަލަ ބެލުމަށް ފަހު ވަނީ އެ ކުންފުނީގެ ވެރިންނަށް ދައުވާ ކުރަން ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy