16 ޖެނުއަރީ 2025 - 10:00
އަމިއްލަ ދަނޑުގައި ބޮލޯނިއާއާ 2-2 އިން އެއްވަރުވުމުން އިންޓަ މިލާނަށް އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
ތާވަލުގެ އެއް ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. އިންޓަ އޮތީ 19 ޕޮއިންޓާ އެކު 44 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅުވި ނަމަ އިންޓަ އަށް ނަޕޯލީއާ އެއް ޕޮއިންޓަށް ގާތްކުރެވޭނެ އެވެ. އަދި އެ ޓީމަށް އިތުރަށް އޮތް މެޗުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ.
އިންޓަގެ ދަނޑުގައި ކުޅުނު މެޗުގައި ލީޑު ނެގީ ބޮލޯނިއާ އިންނެވެ. މި ގޯލް 15 ވަނަ މިނެޓުގައި ޖެހީ ސަންޓިއާގޯ ކާސްޓްރޯ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޑެންޒެލް ޑުމްފްރިސް ވަނީ އިންޓަ އަށް އެއްވަރުކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލޮޓާރޯ މާޓިނޭޒް އެ ޓީމަށް ލީޑު ނަގައިދިނެވެ. ބޮލޯނިއާ އިން ޕޮއިންޓެއް ހޯދީ 64 ވަނަ މިނެޓުގައި އެމިލް ހޯމް ޖެހި ގޯލުންނެވެ.
އިންޓަގެ ކޯޗު ސިމޯނީ އިންޒާގީ ބުނީ އޭނާގެ ޓީމުން މޮޅަށް ކުޅުނު ކަމަށާއި މޮޅުވާން ފުރުސަތު ވެސް ލިބުނުކަމަށެވެ.
"ވަރަށް މާޔޫސްވެފައި މިތިބީ ތިން ޕޮއިންޓް ނުލިބުމުން. އެކަމަކު އެބަޖެހޭ އިދިކޮޅު ޓީމަށް އިހުތިރާމްކުރަން،"
ޔުވެންޓަސްގެ މިހާރުގެ ކޯޗު ތިއާގޯ މޮޓާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ގަދަ ހަތަރެއް ހޯދި ބޮލޯނިއާ މި ސީޒަނުގައި ބެލެވުނީ ފެންނާނީ އާދައިގެކޮށް ކަމަށެވެ. ހާއްސަކޮށް ފޯވާޑް ޖޯޝުއާ ޒާކްޒީ އާއި ޑިފެންޑަރު ރިކާޑޯ ކަލިފިއޯރީ ޓީމު ދޫކޮށްލުމުންނެވެ. އެކަމަކު ވިންޗެންޒޯ އިޓާލިއާނޯގެ ކޯޗުކަމުގައި އެ ޓީމު އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ ޓީމު އޮތީ 30 ޕޮއިންޓާ އެކު 8 ވަނައިގަ އެވެ.
"މޮޅު ކުޅުމަކާ އެކު އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހިއްޖެ. ސެން ސީރޯގައި ބަލިނުވެ ފަރުޖައްސާލެވުމަކީ ފަހުރެއް،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާލައާދަނު
18 January 2025
"ތާވަލުގެ އެއް ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. އިންޓަ އޮތީ 19 ޕޮއިންޓާ އެކު 44 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅުވި ނަމަ އިންޓަ އަށް ނަޕޯލީއާ އެއް ޕޮއިންޓަށް ގާތްކުރެވޭނެ އެވެ. އަދި އެ ޓީމަށް އިތުރަށް އޮތް މެޗުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ." މިތާ ބުނަން އުޅޭ އެއްޗެއް ހަޖަމެއްނުވި.