ފަނޑިޔާރު ސުއޫދު: ސްޓޭންޑެއް ނުނަގާ ވަކާލާތު ކުރުމަކީ އިހުގެ ކަމެއް ކަމަށް ވިދާޅުވި
16 ޖެނުއަރީ 2025 - 12:17
ކޯޓުގައި ވަކި ސްޑޭންޓެއް ނުނަގައި، ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ހުކުމްކޮށްދޭން ދައުލަތުން އެދުމަކީ މި ޒަމާނުގައި ވަކާލާތުކުރާ ގޮތެއް ނޫން ކަމަށާއި އެއީ އިހު ޒަމާނުގައި އެކަން ކޮށް އުޅުނު ގޮތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ފިލިޕިންސްގެ ކޮލެޖެއް ކަމަށްވާ، އެލްޑާސްގޭޓްގެ ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގާ ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ 2016 ގައި އެ ކޯސް އެމްކިއުއޭ އިން ގަބޫލުކުރާކަން އެންގުމުންނެވެ. އަދި އެ ކޯސް ގަބޫލުކުރުން އެމްކިއުއޭ އިން 2018 ގައި ހުއްޓާލިޔަސް، އެހާތަނަށް ކިޔަވަމުންދިޔަ މީހުންގެ ސެޓްފިކެޓް ގަބޫލުކުރާނެ ކަން ވެސް އެންގި އެވެ.
އެކަމަކު އެ މީހުން ކިޔަވާ ނިންމުމަށް ފަހު 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓްކުރަން ހުށަހެޅުމުން އެކަމަށް އެމްކިއުއޭ އިން ދެކޮޅު ހެދި އެވެ. އެ މައްސަލަ ތިން މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ނިންމީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމްކުރީ އެ ތިން މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.
މި މައްސަލަ ހައި ކޯޓުގައި ކުރިއަށްދިޔައިރު ދައުލަތުން ވަކި ސްޑޭންޓެއް ނުނަގައި އެދުނީ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ހުކުމްކޮށްދިނުމަށެވެ.
ނަމަވެސް، ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށް، ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ވިދާޅުވެ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން މިއަދު ވަނީ ވަކާލާތު ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން، މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުވާލުތަކެއް ދައުލަތާ އަމާޒު ކުރެއްވި އެވެ.
"ސާފުކޮށް ކީއްވެގެންތޯ ހައި ކޯޓުގައި ވިދާޅުނުވީ ހާލަތު މި ހުރި ގޮތުން މި ކޮލިފިކޭޝަންތައް ނެތޭ ރިކޮގްނައިސްކުރެވޭކަށް. އެ ޕޮޒިޝަން ކީއްވެގެންތޯ ނުނެންގެވީ. ދަށު އެއްވެސް މަރުހަލާއެއްގައި ވަކާލާތު ނުކުރައްވައި، ފަނޑިޔާރަށް މި ޖެހެނީ ގެސް ކުރައްވަން ތިކޮޅުން ބޭނުންވާ ގޮތެއް. ތިކޮޅުން ނަންގަވާނެ ގާނޫނީ ޕޮޒިޝަނެއް. އެހެންވީމާ ހައި ކޯޓުން މިފަހަރު އެ ބޭފުޅުންނާ އެއްކޮޅަށް މައްސަލަ ނިމިގެންދިޔައީމާ ތިޔަ ވިދާޅުވަނީ ގާނޫނާ ހިލާފޭ ނިންމުން،" ފަނޑިޔާރު އެއްސެވި އެވެ.
"މީގަ ލޮޖިކަކީ ކޮބައިތޯ؟ ދައުލަތުގެ ފަރާތުން ޝަރީއަތަށް ވަޑައިގެން ވަކި ޕޮޒިޝަނެއް ނުނަންގަވައި ފަނޑިޔާރު ވަކި ގޮތަކަށް ނިންމީ، ފަނޑިޔާރަށް ފެނިވަޑައިގަންނަވާ އެންމެ އިންސާފުވެރި ގޮތަށް ނިންމަވާށޭ ބުނީމަ އެ އޮތީ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމަވާފައި. އެހެންވީމަ ކޮބައިތޯ މީގަ ގާނޫނީ އިޝޫއަކީ."
ޖަވާބުގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ވިދާޅުވީ ހައި ކޯޓުގެ ނިންމުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ގާނޫނެއްގައި ކަނޑައަޅާފައިވާ ކަންތައްތަކެއްގެ މަގުސަދާ ހިލާފުވުން ކަމަށެވެ. ނަމަވެސް، ހައި ކޯޓުގައި ސަނަދު ވެލިޑޭޓްނުކޮށްދޭން ދައުލަތުން އެދިފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ އޭރުގެ ދައުލަތުގެ ސްޓޭންޑް ކަމަށް ވެސް ވިދާޅުވި އެވެ.
ވަކީލު އެހެން ވިދާޅުވުމުން ފަނޑިޔާރު ސުއޫދު ވަނީ އެގޮތަށް ވަކާލާތު ނުކުރައްވަން އެދިވަޑައިގެންފަ އެވެ.
"ދައުލަތުން ދެން ކުރިއަށް އޮތް ތަނުގައި ތިހެން ގިނަގިނައިން ވަކާލާތު ނުކުރެއްވިއްޔާ ރަނގަޅު ވާނީ. މި ދެންނެވީ ވަރަށް އިހުގައި ފަނޑިޔާރުން އުނދޯލީގައި ތިއްބަވައިގެން ޝަރީއަތް ކުރެއްވި ޒަމާނުގައި އެތަނަށް ހާޒިރުވެ ނައިބުގެއަށް ގޮސް ފަނޑިޔާރަށް ފެންނަ ގޮތަކަށް ނިންމަވަދެއްވާށޭ. އެއީކީ އަނެއްހެން މިހާރު ޝަރީއަތް ކުރާ ގޮތެއް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.
"އެހެންވީމަ އެގޮތަށް ކުރަންޏާ ވަރަށް އުނދަގޫވާނެ އަޅުގަނޑުމެންނަށް. މަރުހަލާތައް ތަރުތީބު ކުރެވިފައި މިވަނީ ވަކި ގޮތްތަކަށް. ދަށު ކޯޓުގައި ނުނަގާ ވާހަކައެއް އަލުން ނުދެކެވުމާއި ދަށު ކޯޓުގައި ދެކެވުނު ވާހަކައިގެ ހަތަރު ފާރުގެ ތެރޭގައި އިސްތިއުނާފީ ކަންކަން ކުރިއަށް ގެންދިޔުމުގެ އިޖުރާއަތެއް މި އޮތީ."
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު، އިތުރު ކަންކަން ސާފު ކުރަން އެހެން އަޑުއެހުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާބެ
17 January 2025
މިއީ ފޭކު ސެޓްފިކެޓެއް. ޕިލިޕީންސާއި ލަންކާގެ ކަމާބެހޭ އިދާރާތަކުން ޤަބޫލުނުކުރާ ކަމަށް އެމްކިއުއޭ އަށް ލިޔުން ދީފައިވާ ޕޭކު ޕީއެޗްޑީއެއް. މި ނުކުތާ ޕީޖީ ގެ ވަކީލުންނަށް ފާހަގަކުރާކަށް ނުކެރޭ. އަދި ކުރިން ޤަބޫލުކުރާ ކަމަށް އެމްކިއުއޭ އިން ދިން ލިޔުން ފަހުން ތި މައްސަލަ ބެލުަމަށް ފަހު ބާޠިލުކުރި ކަން ޢާއްމުކޮށް އިޢުލާންކުރި. މި ނުކުތާތައް ކޯޓުގައި އެމްކިއުއޭ އަށް އަދި ޕީޖީ އަށް ނުނެގެންޏާ ކޮން ވަކާލާތެއް ތި ކުރަނީ؟
ވާންޗޯ
17 January 2025
ތީ އެއްވެސް އިންސާފެއެއް ނެތް ބަޔެއް
ވޯލް
16 January 2025
ދައުލަތުގެ އޮފީސްތަކުން ހަދާ ގޯސްތަކާ ދައުލތުގެ އޮދީސްތަކުގައި ހުންނަ ގޯސްރިކޯޓްތައް އިސްލާހްކުރުމަކީ ކޮންމެ ފަހަރަކު ކޯޓަށްގޮސަގެން ކުރަންޖަހެ ކަމަކަައް ވުމަކީ ހައްޤުތައް ލިބުމަށް އޮތް ހުރަހެއް.
ސިކުނޑި
16 January 2025
މިވަރުގެ މައްސަލައެއްގައި ކީއްވެގެންތޯ އިސްތިއުނާފު ގަބޫލުކޮށް މައްސަލަ ތާވަލު ކުރީ؟ ދައުރު ބަދަލުވީމާ އުސޫލުތަކަށް އަންނަ ބަދަލުގެ ސަބަބުން މިވަރު ކަންކަން ސަރުކާރުގެ އިދާރާތަކުން ކޮށްގެންނުވާނެ! އެމްކިއުއޭއިން ގަބޫލު ކުރާނެ ކަމަށް އެންގުމަށްފަހު ކޯސް ނިމުމުން ދެން ގަބޫލެއް ނުކުރެވޭނެޔޭ ބުނުމަކީ ޣައިރުޒިންމާދާރު ނިންމުމެއް!
ޤާޟިއްޡިއްލި
16 January 2025
ބަލަ ސޫދޫ!! އުދޯލީގައި ތިބެގެން ޝަރީއަތްކުރި އިރު މާ އިންޞޯފުވެރިއޭ. ނައިބުކަލޭގެއޭ ތަހުގީގުކުރާނީވެސް ހުކުމް ކަނޑައަޅާނީވެސް އެއީ ކީރިތިރަސޫލާގެ ޒަމާނުގައިވެސް އެކަންކުރިގޮތް. މިހާރު ތަހުގީގުކުރަނީ އެހެން މީހެއް ޝަރީއަތް ކުރަނީ އެހެންމީހެއް. ތަހުގީގުގައި ދެއްކި ހުރިހާ ވާހަކައެއް ޝަރީއަތް ކުރާމީހަކަށްނޭގޭ. ތަހުގީގުކުރާމީހާ އޭނާއަށް ލިޔަންފެންނައެއްޗެއްލިޔެފާ ޝަރީއަތަށްފޮނުވަނީ. މިހާރު މިކުރަނީ އިސްލާމީ ޝަރީއަތެއްނޫން. އަމިއްލަގާނޫނު ހަދާގެން ގާނޫ
ޒަމާން11
16 January 2025
މިހާރު މިކުރަނީ ހަމަ އިސްލާމީ ޝަރީއަތް. ކުރިންވެސް ކުރީ ހަމަ މިގޮތަށް. ފެންނަ ފެނުމަށް ތަފާތުހެން ހީވަނީ ޒަމާން ތަފާތުވީމާ.
އިމްޕްލިމަންޓު
16 January 2025
ސޫދު މިޒަމާނުގެ ވިސްނުމުގަ އައިސް ތިޔަ ޖަހާ ސަކަރާތް ބައްލާ، ސިވިލް ޕްރޮސީޖަރ ކޯޑުގެ ސަބަބުން މުޅި ނިޒާމު ވާވެ ހުކުމްތައް ތަންފީޒު ކުރުން ޖޯކަކަށްވެއްޖެ.. ހުޅަނގުގެ ޕުރިންސިޕަލްތައް ކޮޕީކޮށްގެން ޖިނާއީ މައްސަލަތަކަށްް ލާސްޓް ސީން ތިއަރީއާ އަނެއް ތިތައީއެއް އެޕްލައިކުރަން ފެށީމަ ޖިނާޢީ އަދުލުގެ ނިޒާމު ވާނުވާގަ މިހާރު މި އޮތީ.. ތިޔަ ކުރާ ކަމެއް ކުރާއިރުވެސް ރާއްޖެއަށް ފެތޭގޮތަށް ބައްޓަންކޮށްފަަ އިމްޕްލިމަންޓްކޮށްބަަލަ..
ލަސް
16 January 2025
ޝަރުއީ ކޯޓަކުން ތިމާގެ ތައުލީމް ސެޓްފިކެޓްގެ ސައްހަކަން ނުވަތަ ވެލިޑޭކުރަން ދާނީ ހަގީގީ ތައުލީމެއް ނެތް ކަރުދާސްކޮޅެއްގެ ބޭނުމުގައި އުޅޭ މީހުން. ލަދުކޮބާ.
ވޯލް
16 January 2025
ތިއީ ތަންދޮރު ނުބަލާ ކޮމެންޓް ކިރާ ގުރޫޕް.
ކުޑަވަކީލު
16 January 2025
އެންމެ އާދައިގެ ތަނެއް ދޮރެއް ނުދަންނަ އާންމު ރައްޔިތުމީހާ ގޮސް ވާހަކަ ދައްކާގޮތަށް ބޮޑެތި މަސްއޫލިއްޔަތާއި އުޖޫރަ ނަގައިގެންތިބޭ ދައުލަތުގެ ވަކީލުން ވާހަކަ ދެއްކުމަކީ ޖޯކެއް. ނޭންގޭ މީހާ ގޮއްސަ ފަނޑިޔާރު ރަނގަޅަށް މައްސަލަ ނިންމައިދޭން އެދެމޭ ބުނާ ގޮތަށް ވަކީލުން ވާހަކަދެއްކީމަ ވަކީލުންގެ ފެންވަރާމެދު ސުވާލު އުފެދޭ. ދައުލަތުގެ ބަންޑާރަ ނައިބުގެ ސްޓޭންޑް މިފެންވަރަށް ގޮސްގެންނުވާނެ.
މެޖް
16 January 2025
ކޯޓުތަކުގެ އަގު ވައްޓާލައި ޝަރުއީ ނިޒާމާމެދު ޝައްކާއި ރުޅިވެރިކަން އުފެއްދުމަށް ކޮންމެ ސަރުކާރަކުންވެސް ހިންގާ އެކިއެކި ސިޔާސީ ކުޅިވަރުތަކުގެ ތެރެއިން ކަމެއް މިއީ. ފަނޑިޔާރަށް ފެންނަ ގޮތަކަށް ނިންމާށޭ ނޫނީ ދައުލަތުން ވަކި ސްޓޭންޑެއް ނުނަގަމޭ ކިޔައިގެން މައްސަލައަށް ދިފާއުނުވެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހަޅަންޖެހޭ އެކި ހެއްކާއި ތަފުސީލުތައް ވަންހަނާކޮށްގެން ތިބެފަ މައްސަލަ ނިމުނީމަ ފަނޑިޔާރު ގޯސްކޮށް ފަނޑިޔާރާ ދިމާލަށް ބެވީމަ އެވީ.
އެމީހ
16 January 2025
ދަށުކޯޓުގައި ނުދައްކާވާހަކައެއް މަތީ ކޯޓުގައި ދެއްކުން މަނާވާނަމަ އިތުރަށް ބަލަންޖެހޭ އެއްޗެއް އޮންނަން ވާނޭ ކަމަކަށް ނުފެނޭ.
ލޮލު
16 January 2025
އެހެންވީމަ ދަށުކޯޓުގަ ހައްޕު ކިޔައިގެން އެއްވެސް ވާހަކައެއް ނުދައްކާހުރެފަ އެންމެ ފަހުން ސުޕްރީމް ކޯޓުގަ ބުނަންވީ ދަށު ކޯޓުން މައްސަލަ ބެލީ ތިމަންނަގެ ހިތުގަ ހުރި ވާހަކަަތަކާ ސިކުނޑީގަ ހުރި މައުލޫމާތަށް ނުބަލައޭ. އެހެންވީމަ ދަށުކޯޓުގެ ފަނޑިޔާރު ނިންމީ ވަރަށް ގޯސްކޮށޭ.
ދުންމާރި1
16 January 2025
ބަލަ ކަލެއަށް ނޭގުނަސް އިސްތިއުނާފު މަރުހަަލާގައި ބަަލަނީ ދަށު ކޯޓުން ނިންމި ނިންމުން އެއީ ގާނޫނީ ގޮތުން ރަގަޅަށް ނިންމި ނިންމުމެއްތޯ، އިސްތިއުނާފުގައި ކުރިން ކޯޓަށް ހުށަނާޅާ ހެއްކާއި ނުދައްކާ ވާހަކަ ބަލައިނުގަންނަނީ އެއީ ކުރިން ހުކުމް ކުރި މީހާ ހުކުމް ކުރީ އެ ފަޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ހެއްކާއި ވާހަކަތަކަށް ބަލައި އެންމެ ރަގަޅަށްތޯ ނުވަތަ ނޫންތޯ ބަލާތީ،