މިހާތަނަށް ވަނީ 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ނަގާފައި.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މިއަދު ހިންގި އޮޕަރޭޝަނުގައި ބިދޭސީއެއްގެ ފިންގާ ޕްރިންޓް ނަގަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
18 ޖެނުއަރީ 2025 - 22:10
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މާލެ ސަރަހައްދުގައި މިއަދު ހިންގި އޮޕަރޭޝަންގައި 1،455 މީހެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިއަދުގެ ހެނދުނު 8:00 އިން ހަވީރު 6:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ، މިއީ އެ އޮޕަރޭޝަން މާލޭ ސަރަހައްދުގެ ޕްރައިވެޓް އަދި އާންމު ތަންތަނަށް ފުޅާކޮށް ފެށި ދުވަސް ކަމަށެވެ.
އިހުސާން ވިދާޅުވިގޮތުގައި މިއަދު ވަނީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައިފަ އެވެ.
"މިއަދު ކުރެވުނު މަސައްކަތުން ވަނީ 1،455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަޕްޑޭޓް ކުރެވިފައި،" އިހުސާން ވިދާޅުވި އެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މިއަދު މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީންތަކެއް މައުލޫމާތު ދިނުމަށް ކިއުގައި މަޑުކޮށްލައިގެން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް "ކުރަނގި" އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މޭ މަހުގެ ދެ ވަނަ ދުވަހު އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ގޮތުގައި، އެ ދުވަހާ ހަަމައަށް 10،000 ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވެ އެވެ. އޭގެ ފަހުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 15،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ނަގާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެއާ އެކު މުޅި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ނަގާފަ އެވެ.
އިހުސާން ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް މުއިއްޒުގެ ވައުދުގެ ދަށުން މަސައްކަތް ކުރަނީ ތިން އަހަރަށް އެކުލަވާލާފައިވާ ޕްލޭނެއްގެ ދަށުން ކަމަށެވެ.
އެ އޮޕަރޭޝަން ނިންމާލާނީ އޭޕްރީލް 2027 ގަ އެވެ.
Miadhaky “Operation Kurangi” Male’ sarahaddhuge private sector adhi aammu thanthanah fulhaakoh feshunu dhuvas. Miadhu kurevunu masahkkathun vany 1455 bidheysee masahkaiyytheringe 10 ingleege nishaan adhi facial recognition ah beynunvaa photo negi database update kurevifa. Nov 17…
— Minister of Homeland Security & Technology (@min_mohst) January 18, 2025
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުވައްޒަފުންނާއި ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެެވެ.
"ﷲގެ އިރާދަފުޅާ އެކު ކާމިޔާބު ކަމާ އެކު ނިންމާލެވޭނީ 2027 ވަނަ އަހަރު އޭޕްރީލް މަހުގައި. މި މަސައްކަތުގައި މިނިސްޓްރީގެ ފޮރިން ލޭބާ ޑިޕާޓްމަންޓާއި އިމިގްރޭޝަން އަދި ފުލުހުންނާއި މުޅި ހޯމް ސެކްޓާގެ މުވައްޒަފުންނާއި ކައުންސިލްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް 185 ރަށެއްގައި ކުރިއަށް ގެންދާއިރު އޭގެ ތެރެއިން 55 ރަށެއްގައި އެ މަސައްކަތް އެއްކޮށް ވަނީ ނިންމާލައިފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓް ކޮށްލައިފަ އެވެ. އެއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން އަޅާ ފިޔަވަޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫޓބޭ
19 January 2025
އަހަރެންނހަމަ އަޖާބުވޭ ޤަވާއިދާ ޚިލާފުވާމީހުން ހޯދަން ހަމައެކަނި ތިޔަތަނުންތޯ ބަލާނީ. ވަގަށް ދައުލަތަށް އޮޅުވާލައުގެން ބިދޭސީން ލައްވާ ވަރުގަދައަށް ވިޔަފާރިކޮށް ޓެކްސް ނުދައްކާ ދުވާލަކަށް ދިހަ ބާރަހާސް ރުފިޔާގެ ވިޔަފާރި ހޮޓާ ތަކާ ވިޔަފާރިތައް ބޮޑެތި ރަށްރަށުގައިނކުރާއިރު މީރާއަށްވެސް ހަމަ ހެޔޮވަރު. އެމްޑީޕީއެކޭ ތަފާތެއް ނެތް
ކިހިނެއް ހިންގާ އޮޕަރޭޝަނެއް
19 January 2025
އެކި ފަހަރު އެކި ރަށްރަށަށް ގޮސް ރެންޑަމްކޮށް މީހުންގެ މައުލޫމާތުކޮޅެއް އެއްކޮށްލަކޮށްލާ ތިއްބާ ދައުރު ނިމުނީމައި ބުނާނެ ވަރަށް ކާމިޔާބު އޮޕަރޭޝަނެކޭ. މިހާރު ދިވެހިންނަށްވުރެ ބިދޭސީން ގިނައޭ. ދެން ދިވެހިން ޖެހޭނީ ހަމަ ތިބެންށޭ ބަލަހައްޓައިގެން. މީ ކޮންކަމެއް ހާސިލްކުރަން އުޅޭ ބައެއްބާ؟
ތަކަނޭ އޭ
19 January 2025
މަނިކުފާން ކީކޭ ވިދާޅުވަންތޯ ތިޔަ އުޅުއްވަނީ. ސަރުކާރުގެ ކަމާ ބެހޭ އިދާރާ ތަކަށް އެތެރެވާއިރު އެބަލަހައްޓާ މައުލޫމާތެއްގެ ނެތް ވާހަކަތޯ
ދިވެހިންގެ ރާއްޖެ
19 January 2025
މިހާރުވެސް 600،000 އަށްވުރެގިނަ ބަންގާޅީން މިގައުމުގަ އުޅޭ. މިކަން ހައްލުކޮށްދެވޭވަރުގެ ވެރިއަކު އަންނާނެބާ. ބަންގާޅީންގެ މުސީބާތާހަމަ.
ދިވެހިންގެ ރާއްޖެ ދިވެހިންނަށް
19 January 2025
ނުޤަވައިދުން ބިދޭސީން ރާއްޖެ އެތެރެވުނެ ހުއްޓަންޖެހޭ. އެހެންނޫނީ މީގެ ވިއްސަކަށް އަހަރު ފަހުން ރާއްޖޭގައި ދިވެހިންނަކީ މައިނޯރިޓީއަކަށް ވުމަކީ އެކަށީގެންވާކަމެއް.
ހާނިމްދީދީ
20 January 2025
ބަންގްލަޑޭސް ގައި ވެސް ކައިރި ހުރިހާ ތަނެއްގައި ވެސް އެންބަސީތައް ގާއިމް ވެފައި ހުންނަނީ ، ކޮބާތޯ އެތަންތަނަށް ލާފައި ތިބި މީހުންކޮޅު، ނިކަން މަސައްކަތްތައް ހަވާލުކޮށް ހަރުދަނާކޮށްބަލަ