19 ޖެނުއަރީ 2025 - 09:44
ރަށުން ބޭރުގައި އެޓަލާންޓާ އަތުން 3-2 އިން މޮޅުވެ ނަޕޯލީން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ނަޕޯލީ އެއް ވަނައިގައި އޮތީ 21 މެޗު ކުޅެގެން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 19 މެޗު ކުޅެގެން 44 ޕޮއިންޓާ އެކު އޮތީ އިންޓަ މިލާނެވެ. އެ ޓީމަށް ނަޕޯލީ އަށް ވުރެ އިތުރަށް ދެ މެޗު އެބައޮތެވެ. އެޓަލާންޓާ އޮތީ 21 މެޗުން 43 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ތާވަލުގެ ހަތަރު ވަނައިގައި 21 މެޗުން 37 ޕޮއިންޓާ އެކު އޮތީ ރޭ އޭސީ މިލާން އަތުން 2-0 އިން މޮޅުވި ޔުވެންޓަސް އެވެ.
ނަޕޯލީން އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކިވިޗާ ކްވަރެސްހޭލިއާ ފްރާންސްގެ ޕީއެސްޖީ އަށް ވިއްކާލުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ހޯދި މި މޮޅާ އެކު ސަޕޯޓަރުންނަށް ވަނީ ބޮޑު އުފަލެއް ލިބިފަ އެވެ.
ރޭގެ މެޗުގެ 16 ވަނަ މިނެޓުގައި މަޓެއޯ ރެޓެގުއީގެ ލަނޑުން އެޓަލާންޓާ އިން ލީޑު ނެގި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މަޓެއޯ ޕޮލިޓާނޯ އާއި ސްކޮޓް މެކްޓޮމިނޭގެ ގޯލްތަކުން ނަޕޯލީ ކުރި ހޯދި އެވެ. ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އަޑެމޯލާ ލުކްމަން އެޓަލާންޓާ އަށް އެއްވަރުކޮށްދިނެވެ. ނަޕޯލީ މޮޅުވީ 78 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ޖެހި ގޯލުންނެވެ.
އަހަރުތަކަށް ފަހު އިޓާލިއަން ލީގު ކާމިޔާބުކުރުމަށް ފަހު ނަޕޯލީ މިދިޔަ ސީޒަނުގައި ދިޔައީ ވަރަށް ދަށްކޮށެވެ. އެކަމަކު އެންޓޯނިއޯ ކޮންޓޭ ހަވާލުވެ ނަޕޯލީ އަނެއްކާ ވެސް މި ވަނީ ގަދަބާރަކަށް ވެފަ އެވެ.
ލީގުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައި އޮތް އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރީނީ ބުނީ އެ ޓީމުން ދެއްކި ކުޅުމާ ބަލާއިރު ބަލިވުން ހަޖަމެއް ނުކުރެވޭ ކަމަށެވެ.
"މި މެޗުން އެއްވެސް ކަމެއް ހާސިލެއް ނުކުރެވުނު. އެކަމަކު ވަރަށް މޮޅު ޓީމަކާ ދެކޮޅަށް ވަރަށް މޮޅަށް އަހަރެމެން ކުޅުނީ،" އޭނާ ބުންޏެވެ.
ރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސް އިން ވަނީ ހުރިހާ ގޮތަކަށް މިލާނުގެ މައްޗަށް ކޮންޓްރޯލް ހޯދައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ސެމުއެލް އެމްބަންގުލާ އާއި ތިމޮތީ ވެއާ އެވެ. މި ނަތީޖާއާ އެކު މިލާން އޮތީ 20 މެޗުން 31 ޕޮއިންޓާ އެކު 8 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy