ފިނެންސް މިނިސްޓްރީގެ އިމާރާތް. ލޯނު ނެގީ
20 ޖެނުއަރީ 2025 - 09:36
މިދިޔަ އަހަރު ސަރުކާރުން ލޯނު ނެގީ އިންޓްރެސްޓް ރޭޓު ކުޑަކޮށް، ރައްޔިތުންނަށް ފައިދާ ހުރި މުހިންމު މަޝްރޫއުތަކެއް ހިންގުމަށް ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ ޖުމުލަ ނުވަ ލޯނަކަށް 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ނަގައިފަ އެވެ.
ލޯނުތަކުގެ ބޮޑު ބައެއް ހޯދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސިން ހަމަޖެއްސުމަށެވެ. މިދިޔަ އަހަރު ވަނީ އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތައް އެޅުމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ވެސް ހަމަޖައްސަން ލޯނު ނަގައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އޭގެ އެއް ފައިދާއަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވުން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، ސިއްހީ ހިދުމަތަށް ނެގި ލޯނުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށާއި އިމްޕޯޓަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އަށް ކާބޯތަކެތި އުފެއްދުމަށް އެހީތެރިވުމަށް ވެސް ލޯނު ނެގި ކަމަށެވެ.
"ދެހާސް ސައުވީސް ވަނަ އަހަރު ނަގާފައި ހުރި ހުރިހާ ލޯނުތަކަކީ ވެސް ކޮންސެޝަނަލް އަދި ސެމީ ކޮންސެޝަނަލް ރޭޓުތަކެއްގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ފަރާތްތަކުން ނަގާފައިވާ ލޯނުތައް. އެހެންކަމުން ކޮމާޝަލް ލޯނުތަކާ އަޅާ ބަލާ އިރު ރާއްޖެއަށް ލޯނު ލިބުނީ އަގުހެޔޮ ރޭޓުތަކެއްގައި،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ލޯނުތައް ކޮންސެޝަނަލް ރޭޓުތަކުގައި ނަގާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏަސް އެއީ ކޮން ރޭޓުތަކެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު ލޯނެއް ނެގީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އެ އިދާރާ މެދުވެރިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ނެގި އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ހޯދީ އެކްސްޕޯޓު އިމްޕޯޓު ބޭންކް އޮފް ޗައިނާ (ޗައިނާ އެގްޒިމް) ބޭންކުންނެވެ. އެ ބޭންކުން ނެގީ 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ގެ ލޯނެކެވެ. އެ ލޯނު ނެގީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓުގެ ރީފައިނޭންސިން އާއި އަޕްގްރޭޑު ކުރުމަށެވެ.
ތިން ވަނަ އަށް އެންމެ ބޮޑު ލޯނެއް ނެގީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) މެދުވެރިކޮށެވެ. އެ ބޭންކު މެދުވެރިކޮށް ނެގި ދެ ލޯނަށް 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އަރަ އެވެ. އައިޑީބީން ލޯނު ނަގާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ
ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 139 ބިލިއަން ރުފިޔާގަ އެވެ. ދައުލަތުގެ ދަރަނި މި އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު ގޮހޮޑާ
21 January 2025
ލޯން ނެގީ މިހާރު ދަރާފަ އޮތްލެއް ކުޑަވީމަ އަހަރުމެން މިތިބީ މިއަހަރު 600 މިލިއަން ޑޮލަރު ދައުލަތުގެ 2025 ވަނަ އަހަރުގެ ދަރަނީގެ ގޮތުގައި ބޭރުގެ ބާރުތަކަށް ދެއްކުމަށް ފަހު 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ދައްކަން މިސަރުކާރާ ހަވާލު ކޮށްގެން. އަދިވެސް ދެއްކޭނެތީ ދެއްތޯ ނަގާނީ. ؟
ސަޑޭޭ
21 January 2025
އަޅުގަނޑުމެންގެ ލޯކަލް އިގްތިސާދާއި ސިނާއަތްތައް ހަރުދަނާ ކުރުމަށް އިމްޕޯޓަށް ބަރޯސާވުން އަސްލުވެސް ކުޑަކުރަން އެބަ ޖެހޭ. އެ ސަޅި ލޯނެއް ޖައްސަން. ހިންގާ ލެވިއްޖެއްޔާ މުސްތަޤްބަލުގަ ވަރަށް ފައިދާ ކުރާނެ
ސަނާާ
21 January 2025
އިސްރާފު ކުރުމުގެ ބަދަލުގައި ކޮންމެހެން ބޭނުންވާ މަޝްރޫއުތަކަށް ލޯނު ނެގުމަކީ އަހަރުން އެދޭ ގޮތަކީ
އަތޫފް
21 January 2025
ހެލްތްކެއާ އާއި އެސްއެމްއީ އަށް އިންވެސްޓް ކުރުމަކީ ދިގު މުއްދަތުގައި އިގްތިސާދަށް ފައިދާ ކުރާނެ ކަމެއްކަން ޔަގީން
ކަރީނާ
20 January 2025
ކޮވިޑް ގަ ލޯނު ނެގީ ދެން ރާއްޖެ އަށް ޑޮލަރު ވަންނަވަރުން ދޯ
ރަކި ބުރެކި
20 January 2025
ހެޕީމާކެޓަށް ވިއްކީ ޓީބިލް ނުވަތަ ޓީބޮންޑް އެންމެނަށްވުރެ އަގު ބޮޑުކޮށް. އެޔަށް ލޯނޭ ނުކިޔާތީ ތޯ ތިހެން ތިކިޔަނީ...
ލޯނުނެގުން
20 January 2025
ބޮޓުންތައް އެކިނަންނަމުގައި ކޮމެންޓުކުރުމުން ލޯނުތައްވެސް ހަލާލުވީ! ކުރީސަރުކާރޭ ކަންފަތުލާއެއްޗޭ ނުކިޔާ އޭރު ލޯނުނަގައިގެން ކުރިކަންތަކާއި މިހާރުކުރާ ކަންތައް ބަލާ! ވަރަށް ފުރިހަމައޭ އޮލަނބޭ ހުދުކާފޫރޭ ކިޔަސް ހަގީގަތެއް ބަދަލެއް ނުވާނެ.
ޑޮލަ$
20 January 2025
334 މިލިއަން ޑޮލަރުގެ ލޯނު އެއް އަހަރުން. ވަގަށް ނެގި 90 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ. އެހެންވީމާ އަދިވެސް ދިވެހިންގެ އަތުން ވައްކަން ކުރަނީ އިންޓަރެސްޓާއި އެކީ. ގެއްލުމުގެ ބަދަލު އުމުރުދުވަހުންވެސް ނުހޯދޭނެ.
ޤައުމޫ
20 January 2025
ލޯނު ނަގައިގެންވެސް ޤައުމުގެ އިޤުތިޞާދު ރަނގަޅުވަންޏާ ހެޔޮ. އެކަމަކު ލޯނުން އެރޭނެ ގޮތެއް ހަމަ ނެތްތަ؟ އަދިވެސް މުއްސަނދިން އަތުން ޓެކްސް ނެގޭކަށް ނެތްދޯ؟ އެހެންތާ ވާނީ، ލާރިކޮޅެއް ދޭއިރަށް ވޯޓު ވިއްކާލައިގެން މަޖީލީހަށް ހޮވާފަވިއްޔާ އެތިބީ.
އަސރަފަ
20 January 2025
ކަމެއް ނެތޭ. މަސައްކަތެއް ނެތޭ، ދަތުރެއް ނެތޭ. ރައްޔިތުން ހަނާ ވަނީއޭ. މަސައްކަތުގެ އަހަރޭ ކިޔާފަ ފެށީ. ދަނީ ޗޮކުން