ނޭމާ (ކ) އާއި މެސީ (މ) އަދި އެމްބާޕޭ ޕީއެސްޖީ މެޗެއްގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެއެފްޕީ
20 ޖެނުއަރީ 2025 - 09:36
ޕީއެސްޖީގައި އޭނާއާ ލިއޮނަލް މެސީއާ އޮތް ގާތް ގުޅުމާ މެދު އެ ޓީމުގެ އޭރުގެ ފޯވާޑް ކީލިއަން އެމްބާޕޭ ހަސަދަވެރިވި ކަމަށް ނޭމާ ބުނެފި އެވެ.
ބްރެޒިލް ފޯވާޑް ނޭމާ އާއި ފްރާންސް ފޯވާޑް އެމްބާޕޭ ޕީއެސްޖީއާ ގުޅުނީ އެކުއެކީ 2017 ވަނަ އަހަރެވެ. ނޭމާ ބުނީ އޭރު އެ ދެ ކުޅުންތެރިންގެ ދެމެދުގައި ކުދިކުދި މައްސަލަތަކެއް ޖެހުނު ނަމަވެސް ޖުމްލަކޮށް އޮތީ ރަނގަޅު ގުޅުމެއް ކަމަށެވެ.
"އަހަރެން އަބަދުވެސް އޭނާ އަށް އެހީވިން. އޭނާ އަހަރެންގެ ގެޔަށް ވެސް އަންނާނެ. އަހަރެމެން އެއްކޮށް ބޭރަށް ކާން ވެސް ދަން،" ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮމާރިއޯގެ ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ނޭމާ ބުންޏެވެ.
ނޭމާ ބުނީ މައްސަލަ ދިމާވީ 2021 ވަނަ އަހަރު މެސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއާ ގުޅުނު ހިސާބުން ކަމަށެވެ. މެސީއާ އެކު ބާސެލޯނާ އަށް ކުޅުނު ނޭމާ އާއި އޭނާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.
"މެސީ އައީމާ އަހަންނަށް ހީވަނީ އެމްބާޕޭ ކުޑަކޮށް ހަސަދަވެރިވީހެން،" ނޭމާ ބުންޏެވެ.
ނޭމާ ބުނާ ބުނީ އޭނާ މެސީއާ އެއްކޮށް އުޅެން ފެށުމުން އެމްބާޕޭ އަށް ބާކީވުމުގެ އިހުސާސްކުރެވުނީ ކަމަށެވެ.
"އެމްބާޕޭ ބޭނުމެއް ނުވޭ އަހަރެން އެހެން އެއްވެސް މީހަކާ އެއްކޮށް އުޅޭކަށް،"
އެ ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދުމުން ފާޑުކިއުން އަމާޒުވި އެވެ. ނޭމާ ބުނީ މައްސަލައަކަށްވީ ޓީމެއްގެ ގޮތުގައި ނުކުޅެވުން ކަމަށެވެ.
"އެބަޖެހޭ ގަބޫލުކުރަން އެކަނި ނުކުޅެވޭނެކަން. މައްސަލައެއް ނެތް، އަހަންނަކީ އެންމެ މޮޅު މީހާ. އެކަމަކު ކޮންމެވެސް މީހަކު އަހަންނަށް ބޯޅަ ދީގެންދާ އެ މޮޅުކަން ދެއްކޭނީ ވެސް،" ނޭމާ ބުންޏެވެ.
"މައްސަލައަކަށްވީ ކޮންމެ ކުޅުންތެރިޔަކަށް ވެސް އެ ކުޅުންތެރިޔަ ބޮޑުވުން. އެހެންވެ އެ ޕްރޮޖެކްޓް ނުހިނގީ."
ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ހޯދި ނޭމާ ޕީއެސްޖީ އަށް ބަދަލުވެ ކުރީގެ ކުޅުން ނުދެއްކުނު އަނެއް ސަބަބަކީ އަނިޔާވުމެވެ. އޭގެ ފަހުން އޭނާ މަޑުމަޑުން ގޮސް ގެއްލުނީ އެވެ. މިހާރު ކުޅެނީ ސައޫދީ ޕްރޯ ލީގުގެ އަލް ހިލާލް އަށެވެ. އެކަމަކު އަނިޔާގެ ސަބަބުން އެ ޓީމަށް ވެސް އޭނާ އަށް މާގިނަ މެޗުތަކެއް ނުކުޅެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިނާނާ
20 January 2025
ބަލަގަ ޕެއްސީ އަކާ ހެދި މްބަޕޭ ނޫޅޭ.
އަޅި އަލީ
20 January 2025
ނޭމާވެސް ކުޅުން ހުއްޓާފަ ޔޫޓިއުބް ޗެނަލެއް ހަދަންވީ! މާ ވާހަކަ ގިނަ ވަނީ! ވާހަކަ ދައްކަން ކުލަބުން މުސާރައަށް ވުރެ ބޮޑުި އެއްޗެއް ހަރަދު ކުރޭ ހޮސްޕިޓަލަށ!