ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި މީގެ ކުރިން ބޭއްވި އިހުތިޖާޖުގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: އަރީޝާ/ ފޭސްބުކް
23 ޖެނުއަރީ 2025 - 12:41
ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީ ފުލުހުން ހޯދަން ފަށައިފި އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު"އަށް ވިދާޅުވީ ކޮޅެއްގައި ނުޖެހި ދިގުލައިގެން ގޮސްފައިވާ އެ މަރުގެ މައްސަލައިގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް، އެހީ ހޯދާ ސަބަބު ފަހުން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެކުރިން ވެސް މަރުގެ ބޮޑެތި މައްސަލަތަކުގައި އެފްބީއައިގެ އެހީތެރިކަން ދިވެހި ފުލުހުން ހޯދާފައިވެ އެވެ.
ޒަކިއްޔާ ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު އެވެ. އެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ބުނީ ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
ނަމަވެސް، ހޮޅުދޫ މީހުން އެކަން ގަބޫލެއް ނުކުރެ އެވެ. އެ މީހުން އަދިވެސް ބުނަމުން ދަނީ ބަޔަކު ޒަކިއްޔާ މަރާލީ ކަމަށެވެ. އެހެންވެ، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި މާދަމާ ވެސް އެ ރަށުގައި އެއްވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.
ކަރުގެ މެދާ ހަމާގައި ތިލަކޮށް ހުރި ޒަހަމެއް ވެސް ހުރި ކަމަށާއި އެ ނޫން ޒަހަމެއް ހަށިގަނޑުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ މީހަކު ދިން އަނިޔާތަކެއް ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށް ސާމިހު ވިދާޅުވި އެވެ.
"އެއްވެސް ފަރާތެއްގެ އަމަލަކުން ހިނގި ކަމެއް ކަމުގެ ހެއްކެއް، ގަރީނާއެއް މިހާތަނަކަށް އަދި މިވަގުތާ ހަމައަށް ނެތް،" ސާމިހް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރ
23 January 2025
އަދި އަވަސް ތިކަން ކުރަން ......... ދިވެހި ފުލުހުން ކުރަން ވީކަމަކީ ދައުލަތުން ބޮޑުމުސާރަ ނަގާފަ ހެސް ކިޔާފަ ޓެކުސީ ކުރަން ވީ އޭރުން އޮންނާނީ ގައުމުގާ ސުލްހަގާއިމު ކުރެވިފާ . ގާނޫނު ތަންފީޒު ކުރަންްތިބޭ މީހުން ގާނޫނާހިލާފުވަނީވެސް ދެން ކޮންކަމެއްތޯ ރަގަޅުވާނީ
ބުރަތޭރީ
23 January 2025
ކަނާތްތެރިއަކު އަމިއްލަ ކަރުގައި ގެއްލުންދިނުމަށް ވަޅިއަޅާނީ ކަރުގެ ވާތްފަރާތުގައި...ކަނާތްތެރިއަކު ކަނާތުފަޅީގެ ކަރުގައި ވަޅިއެޅުމަކީ ނާދިރުކަމެއް...އެހެންވުމުން ދެވަނަ މީހެއްގެ އިންވޯލްވުން ހިމެނޭ ކަމަށް ބެލެވޭ..ދެވަނަ ކަމަކަށް ކަރުގެ ޒަޚަމްތަކަށް ބަލާލުމުން، ފެށޭ ޒަޚަމުގެ ފެށޭ ކޮޅާއި ނިމޭކޮޅުބެލުމުން، އެއީ ފަހަތުން ނުވަތަ ކުރިމަތިން ދީފައިވާ ޒަކަމެއްކަންވެސް އެގޭނެ.
ގުދުގުދާބެއްޔާ
23 January 2025
މިގައުމުގަ ސަރިއްޔަތް ކުރާގޮތައް ތިޔަ ތަޚްްީޤީޤު 3 އަހަރަށް ދަންމާލައި އޭގެފަހުން އެފްބީއައި އާ ހަވާލުކޮއލި ނަމަ.
އަހްމަދް
23 January 2025
ޔަގީންވާ ކަމަކީ އެފްބީއައި މީހުންވެސް ބުނާނެ އެއްޗެއް ނޭންގިފަ ތިބޭނީ މިވަރުގެ މަރެއް ޕޯސްޓްމޯޓަމް ނަހަދާ ވަޅުލީމަ. ދަންްޖެހުންކަން ވީޑިއޯއިން ފެންނި. މަރުވީ ދަންޖެހިގެންކަން ޔަގީންވާ މަރުވެސް އާއިލައިން ޕޯސްމޯޓަމް ނަހަދަން ރޮއި އާދޭސް ކުރާއިރުވެސް ޕޯސްމޯޓަމް ހަދާއިރު ޝައްކު ކުރެވޭ އެތައް ކަމެއް ހުރި އެއްވެސް ވީޑިއޯއެއް ފެނުން މީހެއް ނެތް މަރެއް ޕޯސްޓް މޯޓަމް ނަހަދާ ވަޅުލަން ޖެހުނު ގޮތާމެދު ސުވާލު އުފެދޭ.