ޒަކިއްޔާ: އޭނާގެ މަރާ ގުޅިގެން ތުހުމަތުތަކެއް ކުރި ނަމަވެސް މިހާތަނަށް އެއްވެސް ހެއްކެއް ނުފެންނަ ކަމަށް ފުލުހުން ބުނޭ.
03 ޑިސެމްބަރ 2024 - 16:04
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާއަށް ހަމަލާދީ، އޭނާ މަރާލި ކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް ތަހުގީގުގެ މިހާތަނަށް ފެނިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން ރަށު ތެރޭގައި ވަރަށް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އޭނާއަށް އިންސާފު ހޯދައިދޭން އެދި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.
އެއްވެސް ފަރާތެއްގެ އަމަލަކުން ހިނގި ކަމެއް ކަމުގެ ހެއްކެއް، ގަރީނާއެއް މިހާތަނަކަށް އަދި މިވަގުތާ ހަމައަށް ނެތް. -- ޕޮލިސް
މި މައްސަލާގައި ފުލުހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވަނީ، އޭނާގެ މަރު ރިޕޯޓްކުރި ހިސާބުން ތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތްތައް ހިއްސާކޮށްފަ އެވެ. ޒަކިއްޔާ މަރާލި ކަމަށް ތުހުމަތު ކުރިޔަސް ސުވާލު އުފެދޭ ކަމެއް ތަހުގީގުގެ މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
"އެއްވެސް ފަރާތެއްގެ އަމަލަކުން ހިނގި ކަމެއް ކަމުގެ ހެއްކެއް، ގަރީނާއެއް މިހާތަނަކަށް އަދި މިވަގުތާ ހަމައަށް ނެތް،" ފުލުހުންގެ ޗީފް އިންސްޕެކްޓަރު، މުހައްމަދު ސާމިހް ވިދާޅުވި އެވެ.
ޒަކިއްޔާ ދިރިއުޅުނު ގެ --
ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅިގައި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ތުހުމަތު ކުރެވުނު ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ބުންޏެވެ. އެ ވަޅީގެ ފޮރެންސިކް ތަހުލީލް އަދިވެސް ދަނީ ކުރިއަށެވެ. ތަހުލީލުތަކުން އެނގޭ ގޮތުގައި ވަޅީގައި ހުރީ ޒަކިއްޔާގެ ލެ އެވެ.
ރަށުގެ ނަރުދަމާ ނިޒާމްގެ ތެރެއިން ފެނުނު ބުރުގަލަކީ ޒަކިއްޔާގެ އެއްޗެއް ކަމަށް ވެސް ރަށު ތެރޭ ތުހުމަތު ކުރެވުނު ނަމަވެސް، އެއީ ޒަކިއްޔާގެ ބުރުގަލެއް ނޫން ކަން ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ. ރަށު ތެރޭގައި ތުހުމަތު ކުރެވޭ ގޮތުގައި އެއީ ހެކި ނައްތާލުމަށް ކޮށްފައިވާ ކަމެކެވެ. ނަމަވެސް ސާމިހު ވިދާޅުވީ އެ ބުރުގަލަކީ ޒަކިއްޔާ ދިރިއުޅުނު ގެއިން ނަރުދަމާގެ ނިޒާމަށް ދޫކޮށްލާފައިވާ އެއްޗެއް ނޫން ކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ގުދަން ތެރެއަށް އިތުރު މީހަކު ވަދެ އޭނާއަށް ހަމަލާދިން ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ. "ކުށުގެ ވެށިން އަދި ދިރިއުޅޭ ގެއިން އަދި ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް އިތުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއް ފާހަގަކުރެވިފައެއް ނެތް. ޒަކިއްޔާގެ ހަށިގަނޑުގެ ސީޓީ ސްކޭނުން ވެސް ދައްކާ ގޮތުން ހަށިގަނޑަށް އަނިޔާއެއް ނުވަތަ ސުވާލު އުފެދޭ ފަދަ ކަމެއް ފާހަގަ ކުރެވިފައެއް ނުވޭ،" ސާމިހު ވިދާޅުވި އެވެ.
ތަހުގީގަށް ފުލުހުން ވަނީ އާއިލާގެ ބައެއް މީހުންނާ ވެސް ސުވާލުކޮށްފަ އެވެ. ސާމިހު ވިދާޅުވީ އާއިލާއާ އެއްވެސް ކަމެއްގައި ޒަކިއްޔާއާ ދެމެދު ރުޅިވެރިކަމެއް އޮތް ކަން ތަހުގީގަށް ފާހަގަވެފައި ނުވާ ކަމަށެވެ. ނަމަވެސް، އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަން އެނގިފައިވާ ކަމަށް ސާމިހު ވިދާޅުވި އެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ކަރުގެ ވާތް ފަރާތުގައި ފުން ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުން ދެ ޒަހަމެއް ހުއްޓެވެ. ކަރުގެ މެދާ ހަމާގައި ތިލަކޮށް ހުރި ޒަހަމެއް ވެސް ހުރި ކަމަށާއި އެ ނޫން ޒަހަމެއް ހަށިގަނޑުގައި ނެތް ކަމަށް ސާމިހު ވިދާޅުވި އެވެ. އެކަމަކު އެ އަނިޔާތައް އެއްވެސް މީހަކާ ގުޅުވޭނެ ނިޝާނެއް ނެތް ކަމަށް ސާމިހު ވިދާޅުވި އެވެ. "އެކިއެކި ތުހުމަތުތައް ތިލަވަމުންދިޔަ ކަން ފާހަގަކުރެވޭ. އެފަދައިން ސުވާލު އުފެދޭ އެންމެހާ ކަންކަމުގެ ހަގީގަތް ހޯދަން ކުރެވެން ހުރިހާ ކަމެއް ވަނީ ކުރެވިފައި،" ސާމިހު ވިދާޅުވި އެވެ.
ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު އެވެ. އެކަމަކު އެ މަރާ ގުޅިގެން މިހާތަނަށް ވަކި އެއްޗެއް ފުލުހުން ހާމަ ނުކުރާއިރު އެ މައްސަލާގައި މިހާތަނަށް މީހަކު ވެސް ހައްޔަރެއް ނުކުރެ އެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ބައެއް މީހުން ބުނެފައިވަނީ އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށެވެ. އަދި މީހަކު އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް އެ ވަރުގެ އަނިޔާއެއް ދެވޭނެތޯ އެ މީހުން ސުވާލު އުފެއްދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޝާ
04 December 2024
ކީއްވެހޭ ޕޯސްޓްމޯޓަމް ނެހެދީ؟ކިހިނެތްހޭ އެނގެނީ ޒަކިއްޔާ ނޭވާ ހާސް ކޮށްގެން މަރާލާފަ ފަހުން ކަރަށް ދީފަ ހުރި ޒަޚަމްތަކެއް ނޫންކަން؟ ނޫނީ އެއްޗެއް ބޯންދީގެން ފެއިންޓްވީމަ މަރާލީހޭ؟ކީއްވެހޭ ވަޅީގެ ފިންގަރޕްރިންޓް ނުނެގުނީ؟ކީއްވެހޭ މަރުވި ގަޑި ދިމާ ނުވަނީ؟ކީއްވެހޭ ފިރިމީހާ ސަސްޕެކްޓަކަށް ނުވަނީ؟ގެއަށް މީހަކު ނުވަންނަންޏާ ފުރަތަމަ ސަސްޕެކްޓަކަށް ވާންޖެހޭނީ ފިރިމީހާ.އޭނަގެ މައްޗަށް ސާބިތު ނުވާ ހިސާބަށް ދިޔައިމަ އެހެން ގޮތަކަށް ބަލަން ޖެހޭނީ.
ސުވާލު
04 December 2024
މިތާ މި ކޮށްފަ ހުރި ކޮމެންޓްތައް ކިޔާފަ ހަމަ ހައިރާންވޭ. ޒަކިއްޔާ އޮތީ މަރުވެފަ. އެ މަންޒަރު ފެނިފަ ފުރަތަމަވެސް މަރުވީ އަމިއްލައަށް ކަމަށް ނިންމާ އެއްވެސް އިތުރު ހެއްކެއް ހޯދަން ނޫޅުމަކީ ކާކުގެ މައްސަލައެއްތޯ. ޝައްކު ކުރެވޭ މީހެއްނެތް ކަމަށް ބުނެ ނިންމާލިއިރު ބޭރުން އެތެރެއަށް އިތުރު މީހަކު ވަން ކަން އެނގެން ނެތްއިރު ދުނިޔޭގެ އެހެން ގައުމުތަކުގައި އެގޭތެރޭގައި އެވަގުތު ތިބި ކޮންމެ މީހަކީ ސަސްޕެކްޓެއް.އެކަމަކު މި ކޭސްގަ އެއްވެސް ސަސްޕެކްޓެއް ނެތް
ގުއިއްޒު
04 December 2024
ތިވާނީ ޖިންނި ސައިތޯނަކު ދިން ހަމަލާއަކަށް. ތަހުގީގު ނިމުނީ.
ޙިނި
04 December 2024
މިކިޔާލީމެ އެގޭ އެންގެނީ ... ފުލުހުންގެ ސޯސް އަކީ: ޓްރަސްޓްމީ ބުޜޯ
އިހްސާސް
04 December 2024
ތިޔަ މަރުގެ ހަޤީގަތް މޮޅަށް ދެނެވޮޑިގެންވަނި މާތްﷲ. މީހަކު ޒަކިއްޔާއަށް އެއަނިޔާދިންނަމަ އެކަމުގެ އަޒާބާ ލިބޭނެ ދުވަހެއްވެސް އެބައޮތް.
ފާއި
04 December 2024
މައްޔިތާގެ ޕޯސްޓް މޯޓަމް ނުހެދީ ކީއްވެތޯ؟ ހުރިހާ ހެތްކެއް އެވަގުތު އައި ކުނި ޕިކަޕް އަށް އަޅައިގެން ވަނީ ނެތިގޮސްފައި، އެހެންވީމަ ޕޯސްޓް މޯޓަމް ހަދަން ޖެހޭތާ، މިއަށްވުރެ މާބޮޑަށް ހެކިހުރި ކޭސް ތަކުގައިވެސް ޕޯސްޓްމޮޓަމް ހަދާފަ އެބަހުރި، އެހެންވީމަ ނުބުނެވޭނެ އަމިއްލަ އަށް މަރުވީއެކޭ
ހޮޅުދު
04 December 2024
މިތާ ކޮމެންޓުުބައިގައި މޮޅެތި ތަހުގީގަރުން ހާދަ ގިނައޭ. ހުސް ޕްރޮފޭސަރުން
ހަމީދުބެ
03 December 2024
ވަޅީގައި އެއްވެސް މީހެއްގެ ފިންގާ ޕްރިންޓް ހުރިތޯ؟ މަށަށްވެސް އެނގޭ ވަޅީގަ ހުރި ލޭ އެއީ ޒަކިއްޔާގެ ލޭ ކަން.މަރުވެފަ އޮތީ ޒަކިއްޔާ ވިއްޔަ. އަމިއްލައަށް ކަރުގަ ވަށައިގެން ވަޅި އަޅަން ކެރޭނެބާ ނަފްސާނީވެގެންވެސް. އަމިއްލައަށް ދަންޖެހި ނޫނީ އުސްތަނަކުން ފުންމާލާ މީހާވެސް ފުންމާލުމަށްފަހު ނުވަތަ ދަންމަޅި ކަރަށް ބާރުވާ ވަގުތު ސަލާމަތްވުމަށް މަސައްކަތްކޮށް އެކަމާ ރިގްރެޓް ކުރާނެކަމަށް ވަނީ.
ވަޅި
03 December 2024
ޑރން ކީކޭބާ ބުނަނީ ކަރުގަ ހުރި ޒަޚަމްތަކާ ބެހޭ ގޮތުން. ކިތައް ފަހަރުބާ އަމިއްލައަށް ކަރުގަ ވަޅި އެޅޭނީ ހޭނުނެތެނީސް އަދި އެ ހުރިހާ ޒަޚަމެއް އެއީ އަމިއްލައަށް އެޅޭނެ ޒަޚަމްތަކެއްބާ
ގެދާނޯމޮސް
04 December 2024
ވަޅިން ބިރުދައްކާމީހާ އެކިފަހަރު މަތި ކަރުގަ ކޭރުވީމާ ނޫނީ ނިޝާން ތަކެއް ނުހުންނާނެ : ވަޒީފާ އާއި މީހުން ދެކެ ބިރުގަންނަމީހުން ކުރާ ހުވާ އަލުން ލައިދޭން ޖެހިއްޖެއެވެ.
ޕްރިންޓޭ
03 December 2024
ކޮބާތަ ވަޅީގަ ހުރި ފިންގަރޕްރިންޓް؟