ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ރަށުގައި ބޭއްވި އިހުތިޖާޖެއްގައި ގިނަ ބަޔަކު ބައިވެރިވަނީ.--
12 ސެޕްޓެމްބަރ 2025 - 18:58
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އަހަރެއްވީއިރު ވެސް، އެ މައްސަލާގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅި އަދި އިންސާފު ނުލިބޭތީ އެ ރަށު ރައްޔިތުން އަނެއްކާވެސް މިއަދު މުޒާހަރާކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ނިއުލައިފް ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ތެރެއިންނެވެ. އެރަށު ބައެއް މީހުން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ.
އޭނާގެ މަރަށް އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެ ގޮސްފައިވާއިރު ވެސް އިންސާފު ނުލިބޭތީ އެ ރަށު ރައްޔިތުން މިއަދު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
މުޒާހަރާގައި އެ ރަށުން ވާހަކަ ދެއްކި މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ފޮރެންސިކް ޓީމު ސީނަށް ދިއުމުގެ ކުރިން އެތަނަށް ދިޔަ ފުލުހުން ސީން ރޫޅާލާފައިވާތީ އާއި އެތަނުގެ ފޮޓޯ ވެސް ރަނގަޅަށް ނަގާފައިނުވާ ކަަމަށް ބުނެ އެވެ.
ކަޅު ހެދުމުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ ޒަކިއްޔާ މަރުގެ މައްސަލާގައި ފުލުހުން އިހުމާލު ވެފައިވާތީ ތަހުގީގު އަވަސް ކުރުމަށް ގޮވާލައިފަ އެވެ.
ޒަކިއްޔާ މަރުގެ މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ ފުލުހުންގެ ބައެއް އޮފިސަރުންނަށް ޖިނާއީ ދައުވާކުރަން އެދިފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒު އަދި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ހިމެނިވަޑައިގަންނަވަ އެވެ.
"ކިތަންމެ ވަރަކަށް އަޅުގަނޑުމެން ހުއްޓުވަން މަސައްކަތް ކުރިޔަސް، ނުހުއްޓުވޭނެ. އަޅުގަނޑުމެން މި ގޮވާލަނީ ތިބޭފުޅުން ދައުވާ ކުރަން ނިންމާފައި ތި ތިއްބެވި ހަތް މީހުންނަށް ދައުވާކޮށް މި މަރަށް އިންސާފު ހޯދައިދޭށޭ،" އެ އެއްވުމުގައި ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ފަދަ ސީރިއަސް ތުހުމަތުތައް ހިމެނެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނުނުއިރު އޭނާގެ ކަރު ހަށިގަނޑާ ވަކިނުވެ އޮތީ ކިރިޔާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.
ނަފްސާނީ މައްސަލަތަކަކަށް ވެސް ފަރުވާ ހޯދަމުން ދިޔަ ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް ތުހުމަތުކޮށް އޭނާގެ އާއިލާގެ ބައެއް މީހުންނާއި ހޮޅުދޫގެ ބައެއް މީހުން ތުހުމަތު، ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ގިނަ ބަޔަކު އެ މައްސަލާގައި ނުރުހުން ފާޅުކުރީ އޮޓޮޕްސީ ނުހަދައި ޒަކިއްޔާގެ ހަށިގަނޑު ވަޅުލުމުންނެވެ. އެކަމަކު ފަހުން ފުލުހުން ވަނީ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފަ އެވެ. އެ ރިޕޯޓުން، ދެއްކީ އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
12 September 2025
މިހާރުދެން ތިޔަމުޒާހަރާ ކުރާބަޔަކު އެބަޖެހޭދޯ ފިޔަވަޅު އަޅަންވީމީހަކާ އަޅަންޖެހޭ ފިޔަވަޅާ ސަރުކާރަށް އަންގަން. ސަރުކާރުން އެއޮތީ އަމިއްލަ މަރެއްކަމަށް ނިންމާފަ. ދެންތިޔަ މުޒާހަރާއަކުން ވާނެކަމެއް އެބައޮތްބާ؟. ރަށުމީހުން ފޫހިފިލުވާލަން ދޭތެރެޔަކުން ޖައްސާމުޒާހަރާއެއްތޯ؟.