އަލް ހިޖްރާ ގްރޫޕްގެ ހަވާލުގައި މީގެ ކުރިން އުމްރާއަށް ދިޔަ ބައެއް.--
26 ޖެނުއަރީ 2025 - 11:56
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފްވި މައްސަލާގައި ޖޫރިމަނާކުރި ކުންފުނިތަކުގެ ތެރެއިން މިހާތަނަށް ޖޫރިމަނާ ފައިސާ ދެއްކީ އެންމެ ތިން ކުންފުންޏަކުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އުމްރާއަށް މީހުން ގެންދިޔަ ބައެއް ކުންފުނިތަކުން މި އަހަރު ވެސް އުސޫލާ ހިލާފުވި މައްސަލާގައި 19 ކުންފުންޏެއް 5،000ރ. އިން ޖޫރިމަނާކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
އޭގެ ތެރޭގައި އުމްރާއަށް މީހުން ނުގެން ގޮސް، އޮޅުވާލައިގެން ޑޮލަރު ގަތް ކުންފުންޏެއް ވެސް ހިމެނެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ކުންފުނިން މިހާތަނަށް ފައިސާ ދެއްކީ ތިން ކުންފުނިން ކަމަށެވެ.
ފައިސާ ދެއްކުމަށް ކުންފުނިތަކަށް 30 ދުވަސް ދީފައި ވާއިރު، މިނިސްޓްރީން ބުނެފައިވަނީ އެ ކުންފުނިތަކުގެ ނަން އާއްމު ކުރާނީ އެ މުއްދަތުގައި ޖޫރިމަނާ ނުދައްކައިފިނަމަ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވާހަކަ ދައްކަވަނީ.--
އުމްރާ އުސޫލާ ހިލާފުވި ގިނަ ކުންފުނިތަކަކަށް ފިޔަވަޅު އަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހު އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މީހުން އުމްރާއަށް ގެންގޮސް، ހާލުގައި ޖެއްސި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެ ގްރޫޕުން އުމްރާ ވެރިންގެ ފައިސާއިން ދެކޮޅު ޓިކެޓް ހަމަނުޖައްސައި، އެހެން ކަމަކަށް އެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށް އެ ގްރޫޕުން އިއުތިރާފުވެފައިވެ އެވެ.
އެ މައްސަލާގައި މިނިސްޓްރީން ވަނީ ހިޖްރަ ގްރޫޕް އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަދި އެ ކުންފުނީގެ ހުއްދަ ބާތިލްކޮށްފަ އެވެ. އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭން ވެސް ވަނީ ނިންމައިފަ އެވެ.
ޅ. ނައިފަރުގެ ދެ މީހުން ކަމަށްވާ ފިރާގު މުހައްމަދުފުޅާއި މުސްތަފާ މުހައްމަދުފުޅު ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެ ކުންފުންޏާ ގުޅޭ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ފުރުމުގެ ކުރިން ގާތްތިމާގެ މީހުންނާއި ސަލާމްކުރަނީ.--- ފޮޓޯ: މިހާރު
މިދިޔަ އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންގޮސް، ހާލުގައި ޖެއްސި އެހެން މައްސަލައެއް ފެންމަތިވެފައިވެ އެވެ. އޭރު އަލް-މަޝްއަރު ޓުއާސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން އަނބުރާ ގެންނަން ޖެހުނީ ސަރުކާރުގެ ހަރަދުގަ އެވެ.
އެ މައްސަލާގައި ފުލުހުން ވަނީ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝް އާއި އެ ކުންފުނީގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބުނީ
27 January 2025
އިސްލާމިކް މިނިސްޓަރު ހާދަ ވަރަކަށް ފިތިފަ ތިހުންނަވަނީ! ފައިސާ ނުދައްކާ ކުންފުނީތަކުގެ ލިސްޓެއް ޢާއްމު ކޮށްލަން ނުކެރެ.
ކާޓޯ ޝަހީމް
26 January 2025
ލިޔެލިޔުމެއް ހުށަނާޅައިގެން ޖުރިމާނާ ކުރުމަކީ ގްރޫޕުތައް ބޭޒާރުކުރަންޖެހޭ ވަރުގެ ޖިނާޔަތެއްނޫން. އެކަން އެގޮތަށް ކުރުމަށް އުސޫލު ތަނެއް ނުދޭ. މިނިސްޓްރީން މިކުޅޭ މީޑިއާ ޑްްރާމާއަކީ މިނިސްޓްރީގެ އެންމެ އިސް ސަފުގެ ބޭފުޅުންގެ އުމުރާ ގްރޫޕްތައް ޕްރޮމޯޓްކުރުން. އެހެން ގްރޫޕްތައް ކުޑަކަކޫ މައްޗަށް ތިރިކޮށް ތިމަންގެ ގްރޫޕަށް އަންނާށެ ބުނުން ކަހަލަ. ލިޔުން ހުށަނާޅައިގެން ގްރޫޕްތައް ބޭޒާރުކުރުމަކީ މިނިސްޓަރު ކުށްވެރިވާނެ ޢަމަލެއް. އުސޫލާ ޚިލާފުކަމެއް.
ސުހާނާ
27 January 2025
ތިޔަ ބުނި ކަންތައް ކޮށްފިނަމަ މިނިސްޓަރު ކުށްވެރިވާނީ ކޮން ގާނޫނެއްގެ ދަށުންބާ؟
މާނާ
26 January 2025
މީ ވަރަށް ފަސޭހައިން ހައްލު ކުރެވިދާނެ ކަމެއް. އުމްރާ އަށް މީހުން ގެންދާ ހުރިހާ ކުންފުންޏަކުން ވެސް އުމްރާވެރިން މާލެއިން ފުރުވާ ލުމުގެ ކުރިން އެނބުރި އައުމާ ހަމައަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސާ ފައިސާ ހުރީ ދައްކާފަތޯ މިނިސްޓްރީ އިން ޔަގީން ކުރުން. ޖޫރިމަނާ ކުރާ އަދަދު ޓިކެޓް ގެ ޚަރަދަށް ވުރެ ކުޑަ ކަމަށް ވަންޔާ، ތިއީ ހަމަ މޭޒު ދަށުން ކަޓް ދިނުން ކަހަލަ ކަމެއް. އިސްލާމިކް މިނިސްޓްރީ ކަލަކު ވާކަން ހަނދުމަކޮށް ބިރުވެތި ވުމަށް ގޮވާލަން.
ދަބަރޭ
26 January 2025
ބޮޑެތި މައްސަލަތަކުގައި 5000 ރުފިޔާ އިން ޖޫރިމަނާ ކުރުމަކީ ޖޯކެއްނު.
އެދަތުރު
26 January 2025
އިސްލާމިކް މިނިސްޓްރީން ޔަގީން ކުރަންވީ އުމުރާއަށް މީހުން ފުރުމުގެ ކުރިން އެމީހުން ޓިކެޓާއި އެކޮމެޑޭޝަންގެ ކަންކަން ހަމަޖައްސާފައިވޭތޯއެވެ. ހުއްދަ ދީފައިވާ ކުންފުނިތަކުން ކޮންމެ އުމުރާ ބުރެއްގައި މީހުންގެ އަތުން ފައިސާ ނަގަންފަށާ ތާރީހާއި ނިންމާ ތާރީހު މިނިސްޓްރީއަށް ރިޕޯޓްކޮށް ގެންދާ މީހުންގެ އަދަދުވެސް ހޯދަންވީއެވެ. އުމުރާއަށް މީހުން ފުރުމުގެ މަދުވެގެން ހަފްތާއެއް ކުރިން މިނިސްޓްރީ މިކަންކަން މޮނިޓަރ ކުރަންވީއެވެ.
ޅޯކާ
26 January 2025
ސާރުކާރުން އުމުރާވެރިންގެ ޓިކެޓަށް ދެއްކިއަދަދު ޖޫރިމަނާކުރި އަދަދަށްވުރެން ގިނަ. އެހެންވީ ކުރިޔަށް އޮތްތަނުގަވެސް ގުރޫޕުތަކުން މީހުންނަށް ލޯކާދިނުން މަދެއްނުވާނެ. މިނިސްޓްރީ އާއި ގުޅިގެން ހިގާކަމެއްކަމަށް ފާހަގަކުރެވެނީ.
ކޮވެލި
26 January 2025
މީގައި މުހިއްމީ ޖޫރިމަނާއެއް ނޫނެވެ. ރަގަޅަށް މޮނިޓަރ ކުރެވޭނެ ނިޒާމެކެވެ. މީޑިޔާތަކުގެ ސުރުހީތަކުން ޖާގަ ހޯދާ ޝަހީމްގެ ޕީއާރު މަސައްކަތް މެކުހައް ޖަހާފައިވާ ފަދައިން އިސްލާމިކް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަންކަން ކުރިޔަށް ގެންދާގޮތް މޮނިޓަރ ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް އަވަސް ކުރުން މުހިއްމު
ބަޑިތަކުރު
26 January 2025
ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް މީގެ ފަހުން އެކަމަށް ހުއްދަ ނުދޭންވީއެވެ. އަދި އެންމެ ކުޑަމިނުން ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަން ހަމަޖައްސައިގެން ނޫނީ މީހުން ފުރުވާ ނުލެވޭގޮތަށް ގަވާއިދުތަކާއި އުސޫލުތައް ބައްޓަންކޮށްބަލާށެވެ. އަދި ގެންދާ ކޮންމެ މީހަކަށް ދިމާވެދާނެ އެހެންކަންކަން ހައްލުކޮށްދެވޭވަރުގެ ޑިޕޮޒިޓެއް ބަހައްޓާފަ ނޫނީ ހުއްދަވެސް ނުދޭންވީއެވެ.
ފިކުރީ
26 January 2025
ނަމުން ދީންވެރި ތެދުވެރި ބަޔެއް. ކަމުން ދިމާ އިދިކޮޅު. މަކަރުވެރި ދޮގުހަދާ ލަނޑުދޭ.... މިއީ ހަމަ މުސްލިމުންތަ؟ ؟؟؟