މިއަދު ފެށި ސްކޫލްތަކުގެ އަހަރީ ޗުއްޓީއާ ދިމާކޮށް މި ޑިސެމްބަރުމަހާއި ޖެނުއަރީމަހު ރާއްޖެ އިން 7،700 އަށް ވުރެ ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިސެމްބަރާއި ޖެނުއަރީ މަހުގެ ރާއްޖެއިން 7،726 މީހުން އުމްރާގެ އަޅުކަމަށް ފުރާނެ ކަމަށެވެ. އެ އުމްރާވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕު މި ހަފުތާގައި ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި މަހު އުމްރާއަށްދާ އުމްރާވެރިން ފުރުމުގެ ކުރިން އެ އިންތިޒާމުތައް ހަމަޖެއްސުމަށް އެ ކޯޕަރޭޝަނުގެ ޓީމެއް ވެސް މިހާރު ތިބީ މައްކާގަ އެވެ. އެ ކޯޕަރޭޝަނުގެ ހަވާލުގައި ފުރާ ފުރަތަމަ ޓީމު ފުރަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖެ އިން ގިނަ ބަޔަކު އުމްރާއަށް ދާއިރު މިދިޔަ މިޑް ޓާމް ބްރޭކުގައި ވެސް ހައްޖު ކޯޕަރޭޝަނާއި އަމިއްލަ އެކި ގްރޫޕުތަކުގެ ހަވާލުގައި 3،790 މީހުން އުމްރާގެ އަޅުކަމަށް ފުރިހަމަކުރި އެވެ.

ސްކޫލު ޗުއްޓީތަކާ ދިމާކޮށް އުމްރާގެ އަޅުކަމަށް ދާ މީހުން މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް 6،000 އެއްހާ ދިވެހިން އުމްރާއަށް ގޮސްފައިވެ އެވެ.

އުމްރާގެ ދަތުރުތަކުގެ އަގު މިހާރު ނިސްބަތުން ބޮޑެއް ނޫނެވެ. ގިނަ ކުންފުނިތަކުން ޑިސެމްބަރު މަހުގެ އުމްރާ ދަތުރަކަށް މީހަކަށް އެވްރެޖުކޮށް 25،000-29،000ރ. ނަގަ އެވެ. އެހެންވެ، ސްކޫލު ޗުއްޓީގައި ކުދިން ގޮވައިގެން އުމްރާއަށް ދާ މީހުން ގިނަ އެވެ.