ފެމިލީ ކޯޓް: ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ބައެއް ކޯޓުތަކުން ފެށިޔަސް، ގިނަ ކޯޓުތަކުން އެގޮތަށް އަމަލު ނުކުރާތީ ހަމަހަމަކަމެއް ނެތް --- ފޮޓޯ/މިހާރު
29 ޖެނުއަރީ 2025 - 07:56
ދަރިންގެ ހަރަދު ނުދޭ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅި، މަންމައިން ކޯޓުތަކަށް ދުވަންޖެހޭ ވާހަކަ ޝަކުވާ އަބަދުވެސް ބޮޑެވެ. އެކަމަށްޓަކައި ކޯޓުތަކުން ގިނަ ފިޔަވަޅުތަކެއް އަޅަމުން ދިއުމަށް ފަހު، ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު ބައެއް ކޯޓުތަކުން އާންމުކުރަން ފެށީ ދާދި ފަހުންނެވެ. މިއީ ގިނަ ބަޔަކު ބަލައިގަތް ކަމަކަށް ވިޔަސް ބައެއް ކޯޓުތަކުން އެ ގޮތަށް އަމަލު ނުކުރާތީ ހަމަހަމަ އުސޫލެއް ނެތުމުގެ ފާޑުކިޔުން ވެސް އެބައޮތެވެ.
ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން އެންމެ ފުރަތަމަ ފެށީ ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެ ފަހުން ހދ. ކުޅުދުއްފުށީ ކޯޓުން ވެސް ވަނީ އެފަދަ މީހުންގެ މައުލޫމާތު ޝާއިއުކުރަން ފަށައިފަ އެވެ. މިއީ ރާއްޖޭގައި ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ. އެކަމަކު، އެންމެ ގިނަ އާއިލީ މައްސަލަތައް ބަލާ ފެމިލީ ކޯޓާއި ރަށްރަށުގެ ގިނަ ކޯޓުތަކުން ވެސް މިހާތަނަށް އެފަދަ އެގޮތަށް ވަނަވަރު އާންމެއް ނުކުރެ އެވެ.
އެފަދަ މީހުންގެ ވަނަވަރު އާންމުކުރަން 2018 ވަނަ އަހަރު ފެމިލީ ކޯޓުން ނިންމި ނަމަވެސް އެކަން މިހާތަނަށް އޮތީ ތަންފީޒު ނުކޮށެވެ. މިފަދަ މައްސަލަތަކުގައި ފެމިލީ ކޯޓާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ކޯޓުތަކުން ވެސް އަމަލުކުރަން ޖެހެނީ ދާދި އެއް އުސޫލުތަކެއް ހުރި ގަވާއިދުތަކަށް ކަމަށް ވާއިރު، ހަރަދު ނުދޭ މީހުންގެ ވަނަވަރު އާންމު ކުރުމުގައި އެކި ކޯޓުތަކުން އެކި ގޮތަށް އަމަލުކުރަން ފެށުމުން ހަމަހަމަކަން ގެއްލި، އެއް ބަޔަކާ މެދު ތަފާތު ކުރުން ގެންގުޅުމަށް މަގުފަހިވެގެންދެ އެވެ.
"ހަރަދު ނުދޭކަން ސާބިތުވާ ހިސާބުން ޑީފޯލްޓްކޮށް އަޅާ ފިޔަވަޅެއް ނޫން ނަމާއި ވަނަވަރު އާންމު ކުރުމަކީ."
ހަރަދު ނުދޭ މީހުންގެ ނަން ދާދި ފަހުން ދެ ކޯޓަކުން އާންމު ކުރަން ފެށުމުން ބައެއްގެ މީހުންގެ ޝަކުވާއަކަށްވީ ގިނަ ކޯޓުތަކުން އެގޮތަށް އަމަލު ނުކުރުމުން ހަމަހަމަކަން ގެއްލިގެން ދާތީ އެވެ. އެއީ ބައެއް މައްސަލަތަކުގައި ހަރަދުގެ ގޮތުގައި އެތައް ލައްކަ ރުފިޔާއެއް ނުދީ ތިބި މީހުންގެ ނަން ވެސް އާންމު ނުކޮށް ހުންނާތީ އެވެ.
"ނަން އާންމު ކުރާ ނަމަ އެންމެންނަށް ވެސް އެއް އުސޫލަކުން އާންމު ކުރަން ޖެހޭނީ. ދައުލަތަކުން މީހުންގެ މެދުގައި ތަފާތުކޮށްގެން ނުވާނެ،" މީހަކު ފާޅުކުރި ހިޔާލެއްގައިވެ އެވެ.
މީހަކު ފައިސާތަކެއް ގެންގުޅެނީ --- ފޮޓޯ/މިހާރު
ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ އާއިލާއާ ބެހޭ މައްސަލަތައް ބެލުމާބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ކުރާ ކަމެކެވެ. ނަމަވެސް އެގޮތަށް މައުލޫމާތު އާންމު ކުރުމާބެހޭ ތަފްސީލީ އުސޫލެއް އެ ގަވާއިދުތަކުގައި ނެތެވެ. މިސާލަކަށް ހަރަދު ނުދީގެން މައްސަލަ ހުށަހެޅޭ ފުރަތަމަ ފަހަރު ވެސް ނަން ހާމަ ކުރެވޭނެކަން ނުވަތަ ނޫންކަން އެ ގަވާއިދުތަކުގައި ބަޔާން ކޮށްފައެއް ނެތެވެ. އެހެންވެ، ކޮންމެ ފަހަރަކު ވެސް ނަން އާންމު ކުރެވޭނެތޯ ނުވަތަ ނޫންތޯ އެ ގަވާއިދުތަކުގެ ދަށުން ސާފެއް ނުވެ އެވެ.
"ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެ މައްސަލައެއްގައި ވެސް ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް ކުރަންޖެހޭ ކަމެއް"
ނަތީޖާއަކަށް ވަނީ އެކި ކޯޓުތަކުން އެކި ގޮތަށް އަމަލުކުރަން ފުރުސަތު ލިބުމެވެ. ކުރިން ފާހަގަ ކުރިހެން، ފެމިލީ ކޯޓާއި މިހާތަނަށް ނަން އާންމު ނުކުރާއިރު، އަތޮޅު ތެރޭގެ ގިނަ ކޯޓުތަކުން ވެސް އެގޮތަށް ނަން އާންމެއް ނުކުރެ އެވެ. ބައެއް މައްސަލަތަކުގައި ދަރިންގެ ހަރަދަށް ނުދިނުމުގެ އިތުރަށް ކޯޓަށް އެއްބާރުލުން ވެސް ނުދީ، އެންމެ ފަހުން ޖަލު ހުކުމްތަކާ ހިސާބަށް ދާއިރު ވެސް، އެ މީހުންނަކީ ދަރިންގެ ހަރަދު ނުދޭ މީހުންނަކީ ކޮން ބައެއްކަން އާންމެއް ނުކުރެ އެވެ.
ފެމިލީ ކޯޓުން ބުނިގޮތުގައި ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ކުރިން ނިންމުމަށް ފަހު، އެކަން މިހާތަނަށް ނުކޮށް އޮތީ އެއީ ކޯޓަށް އެޅިދާނެ އިހުތިޔާރީ ފިޔަވަޅެއްގެ ގޮތުގައި ގަވާއިދުގައި އޮންނާތީ އެވެ. އެފަދަ ފިޔަވަޅެއް އަޅަން ބަލާއިރު، އެކި މީހުން ހަރަދު ނުދައްކާ ހުރި މިންވަރާއި އެ މީހެއްގެ މާލީ ހާލަތާއި އެ މީހަކަށް ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބަލަން ޖެހެ އެވެ. އެއީ ކޮންމެ މައްސަލައެއްގައި ވަކިވަކިން ބަލަންޖެހޭ ކަންކަން ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
"ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެ މައްސަލައެއްގައި ވެސް ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރަންޖެހޭ ކަމެއް،" ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ހަރަދު ނުދޭ ބައްޕައިންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް ނާޅަން ކުއްޖާގެ މަންމަ އެދޭ ނަމަ އެ ކަމަށް ވެސް ކޯޓުން ރިއާޔަތް ކުރާނެ އެވެ.
"ނަން ހާމަކުރުން ވެސް އޮންނަނީ އަންހެން މީހާ އެދިގެން އަޅާ ފިޔަވަޅެއްގެ ގޮތުގައި."
ކުރިން މިފަދަ މައްސަލަތަކެއް ބެއްލެވި ގާނޫނީ ދާއިރާގެ ބޭފުޅަކު ވެސް ވިދާޅުވި ގޮތުގައި ހަރަދު ނުދޭ ބައްޕައިންގެ ނަމާއި މައުލޫމާތު އާންމު ކުރުމަކީ ކޮންމެ މައްސަލައެއްގައި އޮޓަމެޓިކުން އެޅޭނެ ފިޔަވަޅެއް ނޫނެވެ. ގަވާއިދުގައި އެކަން އޮންނަނީ ފިޔަވަޅެއްގެ ގޮތުން ކޯޓުތަކުގެ އިހުތިޔާރަށް ދޫކޮށްލާފައި ކަމަށާއި އަދި ކޮންމެ މައްސަލައެއްގައި ކަން ހިނގާފައި އޮންނަ ގޮތް ތަފާތުވާތީ، ހަރަދު ނުދޭ ކޮންމެ ފަހަރަކު ނަން އާންމު ކުރުމަކީ މިހާރު އޮތްގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވެސް ވިދާޅުވެ އެވެ.
"ހަރަދު ނުދޭކަން ސާބިތުވާ ހިސާބުން ޑީފޯލްޓްކޮށް އަޅާ ފިޔަވަޅެއް ނޫން ނަމާއި ވަނަވަރު އާންމު ކުރުމަކީ. އެއީ ކޯޓަށް އެޅިދާނެ ފިޔަވަޅެއްގެ ގޮތުގައި އުސޫލުގައި މި އޮންނަނީ. އެހެންވީމަ ސަބްޖެކްޓިވްކޮށް، ކޮންމެ މައްސަލައެއް ވަކިވަކިން ބަލައި ގޮތް ނިންމަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނުތަކެއް --- ފޮޓޯ/މިހާރު
މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ހަރަދު ނުދޭތީ ތަކުރާރުކޮށް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނަސް، ކުއްޖާގެ ބައްޕަ ވީތީ އެފަދަ ފިޔަވަޅެއް އަޅަން ބައެއް މަންމައިން ބޭނުމެއް ނުވުމެވެ. ގަވާއިދު އޮތްގޮތުން އެފަދަ ފިޔަވަޅުތަކެއް އަޅަން މަންމަގެ ނުރުހޭ ނަމަ އެކަމަށް ބަލަންޖެހޭ ކަމަށް އޭނާ ވެސް ވިދާޅުވެ އެވެ.
"ބައެއް މަންމައިން ބޭނުމެއް ނުވޭ ހަރަދު ނުދިނަސް ބައްޕަގެ މައްޗަށް ޖަލު ހުކުމެއް އިއްވާކަށް ވެސް. އެއީ ކުއްޖާގެ ބައްޕަ ވީމަ ބޭނުމެއް ނޫނޭ ބުނަނީ. ހަމަ އެގޮތަށް ވެސް ނަން ހާމަކުރުން ވެސް އޮންނަނީ އެ އަންހެން މީހާ އެދިގެން އަޅާ ފިޔަވަޅެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިންގެ ހަރަދު ދޭންޖެހޭ ފަދައިން ބައްޕައިން މާލީ ތަނަވަސްކަން ހުރި މިންވަރާއި އެ މީހުންގެ އެހެން އާއިލީ ޒިންމާތަކަށް ކޯޓުތަކުން ރިއާޔަތް ކުރަންޖެހެ އެވެ. އެހެންވެ، ކޮންމެ މައްސަލައެއްގައި ހަރަދު ނުދޭ މީހެއްގެ ގޮތުގައި ވަނަވަރު އާންމުކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ އެވެ.
"މިސާލަކަށް ގަވާއިދުން ދަރިންގެ ހަރަދު ދައްކަމުން ގޮސް އެންމެ ފަސް މަހު ހަރަދު ނުދެވުނީމަ ވެސް ނަން ހާމަކުރަންވީތޯ؟ އެއީ ގަވާއިދުގައި ވެސް އެބަ ބުނޭ ހަރަދު ނަގައި ދިނުމުގައި ފިރިހެން މީހާގެ ތަނަވަސްކަމަށް ވެސް ބަލަން ޖެހޭނެއޭ،" އޭނާ ވިދާޅުވި އެވެ.
ދަރިންގެ ހަރަދު ނުދޭ މީހުންގެ ވަނަވަރު އާންމު ކުރުމުގެ ފައިދާ އާއި ގެއްލުން އެއީ އެހެން ބަހުސެކެވެ. ނަމަވެސް އެފަދަ ފިޔަވަޅެއް އަޅާއިރު، އެކި ކޯޓުތަކުން އެކި ގޮތަށް އަމަލު ކުރެވޭ ގޮތަށް އޮތުމަކީ ހަމަހަމަކަން ގެއްލިގެންދާނެ ކަމެކެވެ. އެހެންވެ، މިކަމުގައި ކޮންމެވެސް އެއް އުސޫލެއް އޮތުން މުހިންމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދުވެތި
29 January 2025
އަދުލުއިންސާފުގެ ދާއިރާގައި ގައުމު އުޅެނި ލަދުވެތި ހިސާބެއްގައި. ރަނގަޅުކުރަން މަސައްކަތް ކުރާ އެއްވެސް ވެރިއެއް ނުވަތަ މުއައްސަސާއެއް ނެތް. ޕީޖީންވާ ކަންކަމުގައި އަމުރުކޮށް ބަޔާންނެރޭ. ދެންތިބި މީހުންނަށް އެވަރުވެސް ކޮށްނުލެވޭ.
އާމި
29 January 2025
އަޅުގަނޑަކީ ވެސް 3 ކުދިންގެ އެކަނިވެރި މަންމައެއް، 3ފަހަރު މަތިން ކޯޓަށް ވަރަށް ދުވެގެން މިހާރު މުސާރައިން ކެޑޭގޮތްހަދާފަ އޮންނަނީ، ވަރި ސާބިތު ކުރަން ދިޔައިރު ބޭނުންވަނީ މުސާރައިން ކަޑާ ގޮތަށޭ ބުނުމުން ގާޟީ ބުނީ ލާރި ނުދައްކައިފިއްޔާއޭ އެހެން ހެދޭނީ، މަންމައިން ބޭނުންވަނީ ދަރިންގެ ބައްޕަ ބޭޒާރު ކުރުމެއްނޫން، މައިންނަށް ބޭނުންވަނީ ފުރުތަމަ ފަހަރުވެސް ފަސޭހަކޮށް ކުދިންގެ ހަރަދު ލިބޭނެ ގޮތެއް
އަކްމެޑް
29 January 2025
މިސާލަކަށް ގަވާއިދުން ދަރިންގެ ހަރަދު ދައްކަމުން ގޮސް އެންމެ ފަސް މަހު ހަރަދު ނުދެވުނީމަ ވެސް ނަން ހާމަކުރަންވީތޯ؟ - ދެން އެ ފަސްމަހު ކުއްޖާ ސަލާންޖަހަންވީތަ؟ އެހާވަރު ނުވަންޏާ މީހުނާ އިނދެ، ދަރިން ނުހޯދާނީ.
ބޯގޯސް އަކްޑޭ
29 January 2025
ކޮންތާކުން ދޮންކަލޯ ކިޔެވީ؟ ދަރިންގެ ޚަރަދަކީ އިނދެގެން ހުއްޓަސް ނެތަސް ބައްޕަ ކުރަންޖެހޭ ޚަރަދު. 5މަހޭ!! އެންމެ މަހަކުވެސް މަންމަ ނުޖެހޭނެ ޚަރަދުކުރާކަށް. ސަހަރޯ ހީވޭ ދީން ރޯނުފިލާމީހުން މީހުންނާ އިންނާތީ އެނބުނީ މަންމައަށް 5މަހު ޚަރަދު ނުވަންޔާ މީހުންނާ ނީންނާނީއޭ. ކަލޭމެން ފިރިހެނުންނޭ ނީދެ ތިބެންޖެހެނީ.
އާންދޮގޭ
29 January 2025
ޚަރަދު ނުދައްކާމަހު ނަން ހާމަކުރަންޖެހޭނެ.
ދަލޭކަ ދައިތަ
29 January 2025
މީހުންނާ އިނުމުގައިބަލަނީ ހިތާވޭތޯ. އެދެން ހުރިހާ ޝަރުތެއްހަމަވީ. ޑްރަގަށްގޮސް ހުސްވެ ސޯޓުބޭލިފަތޯހުރީ ވަޒީފާއެއްގައި އަހަރުދުވަހު ވެސް ހަރުލާ މީހެއްތޯ ބަލަނީއެއްނޫން. ފިރިހެންދަރިން ބޮޑުކުރަނީ ނިކަން އިއްޒަތުގަ. މިހެންވެ ކަންނެތްކަމާހުރެ ހެދުނު ނުހޭލާތީ ވަޒީފާއެއްގައި ހަރެއްނުލާ. އުޅުމެއްނެތް އަންހެނަކާ އިނަސް/ފިރިހެނަކާ އިނަސް އެމީހަކު ދުނިޔެމަތިން ފޫހިވާވަރު ވާނެކަންދަނޭ.
ހަސީނު
29 January 2025
އެންވައަރުމެންޓް މިނިސްޓްރީގެ ނައިބަކަށްވެސް ތިކަހަލަ މީހެއް އުޅޭ.
ރައްޔިތުމީހާ.
29 January 2025
ދަޢުވާވެސް ކުރިއްޔާދޯ ފައިސާދޭން އަމުރިކުރާނީވެސް އަދި ހާމަ ކުރާނީވެސް. އެހެންވީމާ ނޭދެންޏާ ނަންހާމަ ނުކުރުންވެސް ރަނގަޅު. މީހުން ބޭޒާރު ކުރުމެއްނޫން ރަނގަޅު ގޮތަކީ. އެވަރަށް ހަމަހަމަ ވާނީ އަދި ބެލުމުގައި އިހުމާލުވާ، އަދި ދަރިންނަށް ޚަރަދުދިނީމާ އެފައިސާ ބެނުންކޮށްލާ މައިންގެ ނަންވެސް އިއުލާނު ކޮށްގެން.
ފައިސާ
29 January 2025
ދަރިން ބެލުމުގެ ނަމުގައި ފައިސާގެ ދަހިވެތި ކަމުގައި އުޅޭ އަންހެނުންވެސް އުޅޭ ދަރިޔަށް ރަނގަޅު ތަރުބީޔަތެއް ނުދެވޭތާގައި ދަރިޔަށް އެއްޗެއް ހޯދާ ނުދޭ އަންހެނުންވެސް އުޅޭ މިފަދަ އަންހެނުންގެ ކިބައިން ދަރިން ވަކިކޮށްފައި ބަފަޔަށް ދަރި ހޯދާ ދޭން ޤާނުނުން މަސައްކަތް ނުކުރަނީ ކިހިނެތްވެގެންތޯ؟ ދަރިޔަށްބިރު ދައްކާ ބަފަޔާ އޮންނަ ގުޅުން ކަނޑުވާ ދަރީގެ ހަރަދުދޭށޭ ކިޔާފައި ގޮވާ އަންހެނުން ވެސް އެބައުޅޭ. މިކަމަށް ސަރުކާރުން އަވަސް ހައްލެއް ހޯދާދޭން ޖެހޭ...
ޢަހާ♤
29 January 2025
އެއްކަމެއްގައިވެސް ހަމަހަމަކަމެއްނެތް. ހާއްސަކޮށް ޕޮލިހަށްހުށަހެޅޭ މައްސަލަތަކާއި، އަމިއްލައަށް ބަލަންޖެހޭ ކަންތައްތަކާއި، ޖުޑިޝަރީގަޔާއި، މިނިވަނޭކިޔާ މުވައަސަސާތަކުގައިވެސް އެއްވެސް ވަރަކަށް ހަމަހަމަ ކަމެއްނެތް
މަނޭ
29 January 2025
ޙަރަދު ނުދެންޏާ އެކުއްޖާ ބަލަން ބައްޕައާ ޙަވާލުކުރަންވީނު ޝަރީޢަތުގަ އޮތް ގޮަތަށް. އަންހެން މީހާ މީހަކާ އިނީމަ ނުޖެހޭ ދަރި ގެންގުޅޭކަށް ދޮންބައްޕަ ކައިރީ. އޭގެންވެސް ގިނަފަހަރު މިއިވެނީ ނުބައި ނަތީޖާއެއްގެ ވާހަކަ. އަދި އޭގެ ކުރިން ދަރިއަކު ހުންނަ އަންހެނަކާ ފިރިހެނަކު އިންނާކަށްވެސް ބޭނުމެއްނުވޭ. ހުރިހާ ކަމެއްގެ ހައްލަކީ ބައްޕައާ ދަރި ހަވާލުކުރުން.
އެހެންވިއްޔާ
29 January 2025
އަންހެން މީހާ މީހަކާ އިނީމަ ނުޖެހޭ ދަރި ގެންގުޅޭކަށް ދޮންބައްޕަ ކައިރީ. ފިރިހެންމީހާ މީހަކާއިނީމާ ވެސް ނުޖެހޭނެ ދަރި ދޮންމަންމަ ކައިރީ ގެންގުޅޭކަށް.
ރާއްޖެތެރޭ ސޮރު
29 January 2025
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސިވިލް ސާރވެންޓެއްގެ އެވްރެޖް މުސާރައަކީ 10،000 ނުވަތަ 12،000 ރުފިޔާ، މި އިން ކުދިންގެ ޙަރަދުކޮށްފަ މީހަކާ އިނދެގެން އުޅެންޔާ އެމީހަކަށް ޙަރަދުކޮށްފަ ކޯއްޗެއްތޯ އޮންނާނީ. ދެން މިސާލަކަށް ދެތިން މަހު ކުދިންގެ ޙަރަދު ނުދެވުނަސް ކޯޓަށް ގޮސް ޙަރަދު ނުދޭ ލިސްޓަށް އަރުވާ ނަން ހާމަ ކުރީމަ ނިކަމެތި ރައްޔިތުމިހާ މުޅި ދުނިޔެއަށް ފަލީހަތް ނޫންތޯ ވާނީ. ޑޮކްޓަރު މުއިޒު ވަރަށް ސަލާމް އެވާހަކަ ބުނެލަންވެގެން.
އަޖައިބު1
29 January 2025
ސިވިލް ސަރވިސްގައި އުޅޭ މީހުން ދަރިންނަށް ހަރަދުނުކުރެވޭ ނަމަ ދަރިން ނުހޯދަންވީނުން އެހެންވީމަ
ރާއްޖެތެރޭ ގަމާރު ސޮރު
29 January 2025
ދަރިން ނުހޯދާ ވާކަށްނެތޭ ފުލެޓްވެސް ބޭނުންވާތީ. ބަލިއެނދުގައި އޮންނަދުވަހަކުން ދެތިންމަހު ދަރީގެ ޚަބަރެއްނުވީމަ އިހްސާސްވާނީ ދެތިންމަހަކީ ވޭންހުރި ހާދަ ދިގުމުއްދަތެއްކަން. ދުނިޔެއިން އިބްރަތްހޯދާ ޒުވާނުންނޭ.
ރާއްޖެތެރެ ސޮރު
29 January 2025
އެއްޗެކޭ ބުނާއިރަށް ދަރިން ނުހޯދަންވީނު ދެން، ކޮންމެ މީހެއްވެސް މިހެން ބުނެލާއިރު މުސްތަގުބަލުގައި ވާން އޮތްގޮތް އެެއްވެސް މީހަކަށް އިނގޭތޯ؟ ދަރިންނަކީ މާތް ﷲ ދެއްވަވާ ނިއުމަތެއްކަން ނޭނގެނީތޯ؟
ރާއްޖެތެރޭ ގަމާރު ސޮރު
29 January 2025
ބައިކޮޅަށް ގޯލުޖެހޭއިރުވެސް ރޭކާ ނުލާ! ދަރިންނަކީ މާތްﷲ ދެއްވާ ނިއުމަތެއްކަން އެނގޭ ބަޔަކު ކުރަން ލާޒިމު ޚަރަދެއް ނުކޮށް އެންމެ މަހަކުވެސް ނުހުންނާނެ. އަދި އެފަދަމީހަކު އަތުން ޚަރަދު ހޯދަން ދަރީގެ މަންމައަށް ކޯޓަށް ދުވާކަށްވެސް ނުޖެހޭނެކަން ދަނެބަލަ.